ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

86 މިލިއަން ޑޮލަރުގެ ޙަޤީޤަތް: އިބޫގެ ދަޢުވާތަކާއި ދައުލަތުގެ މާލީ ބުރަ!

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް --
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް --

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ހަތް ސަރަހައްދުގައި އެއާޕޯޓް އެޅުމަށް 86 މިލިއަން ޑޮލަރު އެކައުންޓަކަށް ޖަމާކޮށްފައި ހުންނާނެ ކަމަށް ވިދާޅުވެފައިވާ ދަޢުވާއަކީ، ޙަޤީޤަތުގައި ދައުލަތުގެ މާލީ ޙާލަތާ ގުޅިފައިވާ ކަމެކެވެ. އެ ފައިސާއަކީ އެމަނިކުފާނު ވިދާޅުވާ ގޮތަށް އެއާޕޯޓް އެޅުމަށް ވަކިން އެކައުންޓްކުރެވިފައިވާ ފައިސާއެއް ނޫނެވެ؛ ބަޖެޓްގެ ތެރެއިން އެކިއެކި މަސައްކަތްތަކަށް ކަނޑައެޅޭ ބަޖެޓް ހުންނަނީ ޤައުމުގެ ސޮވެރިން ފަންޑުގައެވެ. އަދި މި ސޮވެރިން ފަންޑުގައި ހުންނަ ޑޮލަރަކީ، ދިވެހިރާއްޖޭން އެކި ގައުމުތަކުން ނަގާފައިވާ ބޮޑެތި ލޯނުތަކުގެ އަނބުރާ ދައްކަންޖެހޭ އަދަދުތަކެވެ. އެގޮތުން، ކޮންމެ އަހަރަކު މިލިއަނުން ލޯނުތައް އަނބުރާ ދައްކަން ޖެހެއެވެ.

މިހާރުގެ ޑރ. މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދެއްވަމުން ގެންދާ ޚިދުމަތްތަކާއި، ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް މިވަނީ ރައްޔިތުންގެ އިތުބާރު ހޯދާފައެވެ. މި ސަރުކާރުން އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، ސިޔާސީ ގޮތުން ގެންނަވާފައިވާ ހެޔޮ ބަދަލުތަކަކީ ޤައުމީ ތަރައްޤީއަށްޓަކައި އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކެކެވެ.

ކުރީ ސަރުކާރުން، ޚާއްޞަކޮށް އިންތިޚާބާ ކައިރިކޮށް، ގިނަ އަދަދެއްގެ ލޯނުތައް ނަގާފައިވާކަން ފާހަގަކުރެވެއެވެ. މި ލޯނުތަކުގެ ބޮޑުބައި ޚަރަދުކުރެވިފައިވަނީ ވޯޓަށް ފައިސާ ޖަމާކުރުމާއި، ސިޔާސީ މަޤްސަދުތަކުގައެވެ. މިގޮތަށް ދަރަންޏަށް ހިނގާފައިވާ ކަންކަމުގެ ސަބަބުން، ދައުލަތުގެ ޚަޒާނާއަށް ވަރަށް ބޮޑު ބުރައެއް އެޅިފައިވެއެވެ.

އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ގެ ތެރޭގައި ހިމެނޭ "ފޯޅަވަހި" އިނގިރޭސި ވިލާތަށް ވިއްކާލި މައްސަލައަކީ ވަރަށް ބޮޑު ސުވާލުތަކެއް އުފައްދާފައިވާ މައްސަލައެކެވެ. މިކަމުގައި، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގައި ބަސް ބުނުމުގެ ފުރުޞަތު މަޖިލީހަށާއި، ކެބިނެޓަށް ނުދީ، އަމިއްލަ އެއްބަސްވުމެއްގެ ދަށުން މިފަދަ ބޮޑު ނިންމުމެއް ނިންމާފައިވަނީ ޤާނޫނާ ޚިލާފަށެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރުމަކީ ސަރުކާރުން އަބަދުވެސް އިސްކަންދޭ ކަމެކެވެ.

އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި، ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އޭގެ ތެރޭގައި، ބޮޑެތި މަޝްރޫޢުތަކުން ގިނަ އަދަދެއްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި، އަމިއްލަ މަސްލަހަތުތަކަށްޓަކައި ކަންކަން ކުރެވިފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ޢަމަލުތަކަކީ ޤައުމުގެ ތަރައްޤީއަށް ހުރަސްއަޅައި، ރައްޔިތުންގެ އިތުބާރު ގެއްލުވާލާ ކަންކަމެވެ.

މިކަންކަމުގެ ތެރެއިން، ޑރ. މުޢިއްޒުގެ ސަރުކާރުން މިވަނީ ޤައުމުގެ އިޤްތިޞާދު ހަރުދަނާކޮށް، ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކޮށް، ތަރައްޤީގެ މަޝްރޫޢުތައް ހިންގަވާއިރު، އެއްވެސް ފަސްޖެހުމެއްނެތި ކުރިއަށް ވަޑައިގަންނަވާނެކަން ކަށަވަރެވެ. މި ސަރުކާރުން ރައްޔިތުންނަށް އިތުބާރު ހޯއްދަވަމުން ގެންދަވާނެއެވެ.