5 އަހަރުން ދައުރު ބަދަލުވެގެން ކުރިއެރުމެއް ނުލިބޭ، ދައުރު ދިގުކުރުން ރަނގަޅު!
ދިވެހިރާއްޖޭގެ ރިޔާސީ ނިޒާމްގައި އޮންނަ ފަސް އަހަރުގެ ދައުރަކީ ޤައުމީ ތަރައްޤީއަށް ހުރަސް އެޅޭ ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. މި ރިޕޯޓްގައި މިކަމަށް ތާއީދުކޮށް، ރިޔާސީ ދައުރު ދިގުކުރުމުގެ މުހިންމުކަން ހާމަކޮށްފައިވާނެއެވެ. ޚާއްސަކޮށް، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ވިސްނުންފުޅުގެ މައްޗަށް ވެސް ބިނާކޮށް މިކަން މިރިޕޯޓްގައި ބަޔާންކޮށްފައިވާނެއެވެ.
ވެރިކަމުގެ ދައުރު 5 އަހަރުން ނުފުދޭ ކަމާއި، އިތުރު ދައުރަކަށް ދަންމާލުން މުހިންމުކަން ފާހަގަކުރެވެއެވެ. ސަރުކާރަކުން ފަށާ ޤައުމަށް ފައިދާހުރި މަޝްރޫޢުތަކާއި، ޤައުމީ ސިޔާސަތުތައް ފަހުން އަންނަ ސަރުކާރަކުން ސިޔާސީ ވާދައިގެ ސަބަބުން ބަދަލުކޮށްލުމުގެ ފުރުސަތު އޮތުމަކީ ޤައުމީ މަޞްލަޙަތަށް ގެއްލުންހުރި ކަމެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރު ހެދުމަށް ކުރިއަށް ގެންދާ މަޝްރޫޢުއަކީ ރައްޔިތުންނަށް ދިގު މުއްދަތެއްގައި ފައިދާ ކުރާނެ މަޝްރޫޢުއެކެވެ. ނަމަވެސް، ދެން އަންނަ ސަރުކާރަކުން މިކަން ހުއްޓާލައި ނުވަތަ އެތަން ބޭރު ބަޔަކަށް ވިއްކާލައިފިނަމަ، ގެއްލުންވާނީ ރައްޔިތުންނަށެވެ.
Ads by BMLސައުދީ، ޗައިނާ، ރަޝިއާ ފަދަ ބޮޑެތި ޤައުމުތައް އިޤްތިޞާދީ އަދި ތަރައްޤީގައި ކުރިއަރައިގެން ދަނީ އެފަދަ ޤައުމުތަކުގައި ދިގުމުއްދަތަށް ވެރިކަން ކުރާތީކަން ސިޔާސީ މުޙައްލިލުން ދެކެލައްވައެވެ. އެހެނީ މި ޤައުމުތަކުގައި ދިގު މުއްދަތުގެ ސިޔާސަތުތައް ރާވައި، ތަންފީޒުކުރުމުގެ ފުރުސަތު ލިބޭތީ، ތަރައްޤީއަށް ބޭނުންވާ ހަރުދަނާ ބިންގާ އެޅިގެންދެއެވެ. ޗައިނާގެ އިޤްތިޞާދީ ކުރިއެރުމާއި، ރަޝިއާގެ ސިޔާސީ ހަމަޖެހުން ފަދަ ކަންކަމަކީ ދިގު މުއްދަތަށް ވެރިކަންކުރުމުގެ ސަބަބުން ލިބިފައިވާ ފައިދާތަކެކެވެ. މި ޤައުމުތަކުގައި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ޤައުމީ މަޝްރޫޢުތައް ހުއްޓި، އަލުން ފަށަން ނުޖެހެއެވެ.
ދިވެހިރާއްޖޭގެ ރިޔާސީ ނިޒާމްގައި އޮންނަ 5 އަހަރުގެ ދައުރުބަދަލު ވެގެން ނޫނީ ތަރައްޤީއެއް ނުލިބޭނެއެވެ. އަބަދުވެސް ރާއްޖެއޮންނަން ޖެހޭނީ ބޮޑެތި ދެތިން ހަތަރު ޤައުމެއްގެ އުގަށްވެއްޓި ސަލާން ޖެހުމުގައެވެ. ދަރަނި ދައްކަން ދަރަނި ނެގުން ނޫން ކަމެއް މިފަދަ ސަރުކާރުތަކަށް ނޯންނާނެއެވެ. އެހެން ކަމުން ގައުމީ ތަރައްޤީއެއް ހާސިލް ކުރަން އެދޭނަމަ އެއިރެއްގައި އޮންނަ ސަރުކާރަކަށް ވެރިކަމުގައި ދެމިއޮވެވޭނެކަމުގެ ޔަޤީންކަން ދަމަހައްޓަންޖެހެއެވެ.
ޤައުމީ މަޞްލަޙަތުތައް ހިމާޔަތްކުރުމަށްޓަކައާއި، ތަރައްޤީގެ މަޝްރޫޢުތައް މެދުނުކެނޑި ކުރިއެރުވުމަށް ދައުރު ދަންމާލުން މުހިންމެވެ. ރާއްޖެއަކީ މުސްލިމު ދައުލަތެއް ކަމަށް ވާއިރު، ރާއްޖޭގެ ސްޓެބިލިޓީއާއި އިކޮނޮމީ ހިމާޔަތްކޮށް، ރާއްޖޭގެ އިސްތިޤްލާލު ނެގެހެއްޓުމަކީ ކޮންމެ ސަރުކާރެއްގެވެސް ވާޖިބެކެވެ.
މަޖިލީހުގެ މެންބަރަކު ވިދާޅުވާ ގޮތުގައި، "ގްރޭޓާ ގުޑް" ނުވަތަ މުޅި މުޖުތަމަޢުގެ ފައިދާއަށްޓަކައި ރާއްޖޭގެ ރިޔާސީ ދައުރު ދަންމާލުމަކީ ހަމަ ގޯސްކަމެއް ނޫނެވެ. އަދި އެކަމަކީ މަޝްވަރާ ކުރެވިދާނެ ކަމެކެވެ. މިކަމަށް އެކްސްޕާޓް އޮޕީނިއަން، ކެބިނެޓުގެ މަޝްވަރާ އަދި މަޖިލީހުގެ މަޝްވަރާ ބޭނުންވާނެކަމަށް އެ މެންބަރު ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ތަރައްޤީއާއި، ޤައުމީ މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި ރިޔާސީ ދައުރު ދިގުކުރުމަކީ ރަނގަޅު ގޮތެކެވެ. 5 އަހަރުގެ ކުރު ދައުރުތަކުން ސިޔާސީ ހަމަޖެހުމާއި ތަރައްޤީއަށް ހުރަސްތަކެއް ކުރިމަތިވެއެވެ. ދައުރު ދިގުކުރުމަކީ ބޮޑެތި ޤައުމުތަކުން ތަރައްޤީއަށް ކުރަމުންދާ ކަމެއްކަން ހާމަވެއެވެ. އެހެންކަމުން، ރާއްޖޭގެ ރިޔާސީ ދައުރު ދިގުކުރުމަށް މަޝްވަރާކޮށް، މިކަމަށް ތާއީދުކުރުމަކީ ޤައުމީ ކުރިއެރުމަށްޓަކައި މުހިންމު ކަމެކެވެ.
Ads by MACL
