ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ޤާނޫނު: ރިޔާސަތުގެ ދައުރާއި މަޖިލީހުގެ ޢުމުރާއި މެދު ގޮތް ނިންމުމުގެ ބާރު ވެސް ރައްޔިތުންނަށް!
ދިވެހިރާއްޖޭގެ ދިމިޤްރާޠީ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނަކީ މުހިންމު ފިޔަވަޅެކެވެ. މި ޤާނޫނުގެ ދަށުން، ދައުލަތުގެ މުހިންމު ކަންކަމުގައި ރައްޔިތުންނަށް ސީދާ ގޮތެއްގައި ބަސް ބުނުމުގެ ފުރުޞަތު ލިބިގެންދެއެވެ. މި ރިޕޯޓުގައި މި ޤާނޫނުގެ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވައިލެވިފައިވާނެއެވެ. ޚާއްސަ ގޮތެއްގައި ރިޔާސަތުގެ ދައުރާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރުފަދަ ކަންކަމުގައި ރައްޔިތުންނަށް ގޮތް ނިންމުމުގެ ބާރު ލިބިގެންދާގޮތުގެ މައްޗަށް މިރިޕޯޓުގައި ބަލައިލާނަމެވެ.
މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، ޤައުމީ މުހިންމު މައްސަލައެއް ނިންމުމުގައި، އެކަމަކީ ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންކަމުގައި، ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގ ެޢާންމު ވޯޓެއް ނެގުމަށް، މި ޤާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެއެވެ.
މި ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގޭނެ ކަންކަމުގެ ތެރޭގައި ޤައުމީ މުހިންމު މައްސަލަތަކާއި، ޤާނޫނުއަސާސީއަށް ގެނައުމަށް ހުށަހަޅާ އިޞްލާޙެއް ރައްޔިތުން ޤަބޫލުކުރޭތޯ ބެލުން ހިމެނެއެވެ. ޤާނޫނުއަސާސީއަށް ގެނައުމަށް ހުށަހަޅާ އިޞްލާޙެއް ރައްޔިތުން ޤަބޫލުކުރޭތޯ ބެލުމުގައި ވޯޓު ނެގޭނެ ކަންކަން ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގެ 1, 2, 3, 4 އަދި 5 ގައި ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
Ads by BMLމި ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ހިމެނޭ ކަންކަމުގެ ތެރޭގައި ޤާނޫނުއަސާސީގެ 2 ވަނަ ބާބުކަމުގައިވާ "އަސާސީ ޙައްޤުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ ހުރިހާ މާއްދާއަކާ، ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އަށް އިސްލާހު ގެނައުމާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ކަނޑައެޅުމަށް ގާނޫނުއަސާސީގެ 107 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށްވެސް މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދިދާނެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތް ކަނޑައެޅުމަށް ގާނޫނުއަސާސީގެ 108 ވަނަ މާއްދާއަށް އިސްލާހު ގެނައުމާއި، ރައީސުލްޖުމްހޫރިއްޔާ ބިލެއް ތަސްދީޤުކުރުމަށް ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އަށް އިސްލާހު ގެނައުމަށްވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގިދާނެއެވެ.
މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، ޤައުމީ މުހިންމު މައްސަލައެއް ނިންމުމުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެއެވެ. އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ސަރަޙައްދަކަށް ޚާއްސަ ކަމެއްގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެއެވެ.
މި ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ވޯޓުގެ ވަގުތީ ނަތީޖާ އިއުލާންކުރާނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާ އެއްގޮތަށެވެ. މި މާއްދާގެ ށ.ގައި ބުނެފައިވާގޮތުން ރައްޔިތުންގ ެޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނަގާ ތާރީޚުން ފެށިގެން ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެވޯޓްގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ޢާއްންމުކޮށް އިއުލާންކޮށް ދިވެހިސަރުކާރުގ ެގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ .
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ދިމިޤްރާޠީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް އިތުރު ބާރުތަކެއް ދިނުމަށްޓަކައި ލިބިގެންދާ މުހިންމު ވަޞީލަތެކެވެ. ރިޔާސަތުގެ ދައުރާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރުފަދަ ކަންކަމުގައި ރައްޔިތުންނަށް ސީދާ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު މި ޤާނޫނުގެ ސަބަބުން ލިބިގެންދެއެވެ.
މި ޤާނޫނަކީ ދިވެހިރާއްޖޭގެ ސިޔާސީ މުސްތަޤްބަލު ބައްޓަންކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރާނެ ޤާނޫނެކެވެ.
Ads by MACL
