ލޫޓުވާލީ މިހެން! އެމްޑީޕީ ސަރުކާރުގެ ފެނަކަ ވައްކަމުން އެކަނި 2.2 ބިލިއަން ރުފިޔާ، ގާތްމީހުންނަށް ބަހާލީ އެއްވެސް ހާސްކަމެއްނެތި!
އިދިކޮޅު އެމްޑީޕީން "ލޫޓުވާލައިފި" ގެ ނަމުގައި އަންނަ މަހުގެ 3 ވަނަ ދުވަހު ބޮޑު ހަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެ ޕާޓީގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބެލެވޭ އެންމެ ބޮޑު އެއް ޚިޔާނާތުގެ މައްޗަށް އަލިއަޅުވާލުން މުހިންމެވެ. ވައްކަމާއި، ކޮރަޕްޝާނާއި، ފަސާދަ މިއަށްވުރެ ވަކިން ބޮޑަށް އެހެން ވެރިކަމެއްގައި ހިނގާފައި ވާނެބާއޭ މިއީ އުފެދޭ ސުވާލެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏަކުން ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތް ކަމަށް ބެލެވޭ، ފެނަކަ ކޯޕަރޭޝަންގެ 2.2 ބިލިއަން ރުފިޔާގެ ވައްކަމަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ މަޝްހޫރު އެފްޕީއައިޑީގެ ޚިޔާނާތަށްވުރެވެސް ބޮޑު ޚިޔާނާތެއްކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
މި ޚިޔާނާތް ހާމަވެފައިވަނީ ދައުލަތުގެ މިނިވަން މުއައްސަސާއެއް ކަމަށްވާ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރޭ ނެރުއްވި ޚާއްސަ އޮޑިޓް ރިޕޯޓުންނެވެ. މި ރިޕޯޓްގައި ހިމެނިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ސަރުކާރުގެ ދުވަސްވަރު، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް، ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ބޮޑެތި މާލީ ނާޖާއިޒު ފައިދާތަކެއް ނަގާފައިވެއެވެ. މި ޚިޔާނާތުގެ މިންވަރު، މީގެ ކުރިން ފަޅާއެރި އެމްއެމްޕީއާރުސީ އަދި އެފްޕީއައިޑީގެ ޚިޔާނާތްތަކަށްވުރެ ވެސް ބޮޑު ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައިވާ ގޮތުން، ފެނަކަ ކޯޕަރޭޝަނުން ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 2,239,640,958 (ދެ ބިލިއަން ދުއިސައްތަ ތިރީސް ނުވަ މިލިއަން ހަ ލައްކަ ސާޅީސް ހާސް ނުވަސަތޭކަ ފަންސާސް އަށެއް) ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވެއެވެ. މިއީ ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން ހިންގާފައިވާ ކަންކަމެވެ. މި އެއްބަސްވުންތަކުގެ ތެރެއިން ގިނަ އެއްބަސްވުންތައް ހަދާފައިވަނީ އާންމު އުސޫލުން ބޭރުންނެވެ. އެގޮތުން، މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިޢުލާނު ކުރުމެއް ނެތި، މައިގަނޑު ގޮތެއްގައި ދެތިން ފަރާތަކުން އަގު ހޯދައިގެންނެވެ. އަދި މިކަން ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުން ބޭނުން ގޮތަކަށް، މަސައްކަތް ހަވާލުކުރާނެ ބަޔަކު ކުރިން ކަނޑައަޅާ ނިންމުމަށްފަހު، ޚާއްސަ ކޮމެޓީއަކުން ކަމަށްވެސް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.
Ads by BMLޚިޔާނާތާއި ވައްކަމަށް މަގުފަހިކުރުމަށްޓަކައި، ފެނަކަ ކޯޕަރޭޝަންގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ޤަވާއިދުގައި ބަދަލުތަކެއް ގެނެސްފައިވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވެއެވެ. އާންމުކޮށް، ކުންފުންޏަށް ބޭނުންވާ މުދަލެއް ނުވަތަ ޚިދުމަތެއްގެ އަގު ޖީއެސްޓީ ނުހިމަނާ 225,000 ރުފިޔާއަށްވުރެ މަތިވާނަމަ، ރާއްޖެއިން އެ މުދަލެއް ނުވަތަ ޚިދުމަތެއް ހޯދަންޖެހެނީ ބީލަމުގެ އުސޫލުން އާންމުކޮށް އިޢުލާނުކޮށްގެންނެވެ. ނަމަވެސް، ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތެއް ހޯދާނަމަ މި އުސޫލަށް ޢަމަލުނުކުރާ ގޮތަށް ޤަވާއިދު ބަދަލުކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މި ބަދަލުގެ ސަބަބުން ބީލަމުގެ އުސޫލުން ބޭރުން ބޮޑެތި މަސައްކަތްތައް ހަވާލުކުރުމަށް ފުރުސަތު ފަހިވެފައިވެއެވެ.
އޮޑިޓް ރިޕޯޓްގައި ފެނަކައިގެ ތެރެއިން ޚިޔާނާތް ހިންގާފައިވާ މައިގަނޑު މަޝްރޫޢުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ކަރަންޓް ކޭބަލް ގަތުމަށް 790 މިލިއަން ރުފިޔާ، ޖަނަރޭޓަރު ސެޓް ގަތުމަށް 552 މިލިއަން ރުފިޔާ، ޓްރާންސްފޯމަރު ގަތުމަށް 396 މިލިއަން ރުފިޔާ، އަދި ފެނާއި ނަރުދަމާ މަޝްރޫޢުތަކަށް 496 މިލިއަން ރުފިޔާގެ ޚިޔާނާތް ހިންގާފައިވެއެވެ. މި އަދަދުތަކުން ދައްކާ ގޮތުގައި، އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ ތެރެއިން ހިންގާފައިވާ ވައްކަމަކީ، ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި ފަޅާއެރި އެހެން ޚިޔާނާތްތަކާ ނުބައްދަލު ވަރަށް ބޮޑު ޚިޔާނާތެއް ކަމަށް ބެލެވެއެވެ.
ފެނަކައިގެ މި ބޮޑު ވައްކަމާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކުންވެސް ދަނީ ތަހުގީގުތައް ހިންގަމުންނެވެ. މި ތަހުގީގުތަކުގެ ތެރެއިން ބައެއް މައްސަލަތައް ތަހުގީގުކޮށް ނިމި، ފެނަކައިގެ ކުރީގެ ބައެއް ވެރިންނަށް ދަޢުވާ ކުރުމަށް ކޯޓަށް ފޮނުވާފައިވެއެވެ. އަދި މި މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތަކުގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ. މި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ އަރިސް ބޭފުޅެއް ކަމަށްވާ، ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސަޢީދުވެސް ހިމެނެއެވެ.
ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ 2.2 ބިލިއަން ރުފިޔާގެ ޚިޔާނާތަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏަކުން ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ. މި ޚިޔާނާތް ހިންގާފައިވަނީ ބީލަމުގެ އުސޫލުން ބޭރުން މަސައްކަތްތައް ހަވާލުކޮށް، ޤަވާއިދުތަކަށް ބަދަލު ގެނެސްގެންނެވެ. މި މައްސަލަ މިހާރު ދަނީ މިނިވަން މުއައްސަސާތަކުން ތަހުގީގު ކުރަމުންނެވެ. މިފަދަ ޚިޔާނާތްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ދައުލަތުގެ ކުންފުނިތަކުގެ މާލީ ކަންކަން ހިންގާނެ ގޮތްތަކަށް އިތުރު ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި، އެ އުސޫލުތަކަށް ޢަމަލުކުރާކަން ކަށަވަރުކުރުން މުހިންމެވެ.
ލޫޓުވާލައިފި ނަމުގައި އެމްޑީޕީން ހިންގަންވީ ހަރަކާތެއް ނޫނެވެ. "ލޫޓްވާލީ މިހެންނޭ" ބުނެ އެމްޑީޕީން ހާމަކޮށްދެންވީ ފާއިތުވެ ދިޔަ ވެރިކަމުގައި ފާޅުކަން ބޮޑުގޮތެއްގައި ދައުލަތުން ހިންގާފައިވާ ކޮރަޕްޝަންތަކާއި، ރައްޔިތުންނަށް ވެފައިވާ ޚިޔާނާތްތަކާއި، އަދި ބޮޑެތި އަދަދުތަކުން ކޮށްފައިވާ ވަންކަންތަކުގެ ތަފްޞީލްތަކެވެ.
Ads by MACL
