ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ދަރަންޏޭ ދަރަންޏޭ ކިޔައިގެން އޮޅުވާލެވޭނީ ވެސް ވަކިވަރަކަށް، ނިމިދިޔަ ވެރިކަމަކީ ދަރަނީގެ ރެކޯޑެއް!

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ---
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ---

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލުގެ އެންމެ ބޮޑު ހިއްސާދާރަކީ އިދިކޮޅު އެމްޑީޕީ ކަމަށާއި، އެ ޕާޓީގެ ވެރިކަން 2023 ވަނަ އަހަރަށް ނިންމައިލިއިރު 125.2 ބިލިއަން ރުފިޔާގެ ދަރަނި ދައުލަތުގެ ބޮލުގައި އެޅިފައި އޮތް ކަމަކީ އޮޅުވާލެވެންނެތް އަދި ދިވެހިދައުލަތުގެ މުއައްސަސާތަކުގެ ލިޔެކިޔުންތަކުން މިއަދު ވެސް ފެންނަންއޮތް ހަޤީޤަތްތަކެކެވެ.   

އެލިޔެކިޔުންތަކުން ދައްކާގޮތުގައި ރާއްޖެއިން 40 ނުވަތަ 50 އަހަރު ދުވަހުގެ ތެރޭގައި އުފެއްދި ދަރައްޏަށް ވުރެ ބޮޑު ދަރަންޏެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ވެރިކަމުގައި އުފައްދާފައިވާވެއެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ރިޒާވްގައި އެއް ބިލިއަން ޑޮލަރު ހުރިއިރު، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 250 މިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފަހު އަހަރު ނިންމައިލެއްވީ ދައުލަތުގެ ބަޖެޓު 50 ބިލިއަން ރުފިޔާއަށް އަރުވައި، ގާނޫނުގައި "ތަޅު އަޅުވައި" އިތުރަށް އެތައް ހާސް ރުފިޔާއެއް ޗާޕްކޮށްގެންނެވެ.

މީގެ ސަބަބުން ރުފިޔާގެ އަގު އިންތިހާއަށް ބަލިކަށިވެ، ޑިސެމްބަރު 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ ކުންފުނިތަކުން އެކި ފަރާތްތަކަށް 9.1 ބިލިއަން ރުފިޔާ ދޭން ޖެހިފައި އޮތެވެ. މީގެ ތެރޭގައި އާރުޑީސީ، ފެނަކަ، އައިއޭއެސް، އެމްޓީސީސީ އަދި މިފްކޯ ފަދަ ކުންފުނިތައް ހިމެނެއެވެ. އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަމުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ މިދިޔަ 40 އަހަރު ވެސް ދަރަނިވެރި ނުވާ ވަރަށް ސަރުކާރުގެ ހިންގުމަށް ދަރަނިވެރި ކުރުވުމެވެ.



އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ދަރަނި (އެމްޑީޕީ ސަރުކާރު)


ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި ނަގާފައިވާ ދަރަނި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ނަގާފައިވާ ދަރައްޏަށްވުރެ ކުޑައެވެ. އެހެންނަމަވެސް 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ޞާލިޙްގެ ސަރުކާރުގެ ދަރަނި 34 ބިލިއަން ރުފިޔާއަށް އެރިއެވެ. އަދި އޭރުގެ އެމްޑީޕީ ސަރުކާރުން ސޮއިކުރި ލޯނު އެއްބަސްވުންތަކުގެ ޖުމްލަ އަދަދު 51.1 ބިލިއަން ރުފިޔާއަށް އަރައެވެ.


ޞާލިޙްގެ ސަރުކާރުގެ ދަރަނި އިތުރުވެފައިވަނީ ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ކަމަށް އޭރުގެ ސަރުކާރުންނާއި މިނިސްޓަރު އަމީރު ވެސް ތަފާތު ފޯރަމްތަކުގައި ތަފާތު ގޮތްގޮތަށް ވަނީ ވިދާޅުވެ ދަރަނި އިންތިހާއަށް ދިޔަކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. މި ދަރަނި ނަގާފައިވަނީ ބަލިމަޑުކަމުގެ ހާލަތު މެނޭޖްކުރުމަށް ކަމަށްވެސް އޭރުގެ ސަރުކާރުން ބަހަނާއެއްގެ ގޮތުގައި ދިޔައީ ބުނަމުންނެވެ.


ޞާލިޙް ސަރުކާރުން ނެގި މުހިންމު ލޯނުތަކުގެ ތަފްސީލު:


އިންޑިއާގެ އެގްޒިމް ބޭންކުން ޖުމްލަ 1.4 ބިލިއަން ޑޮލަރުގެ އެހީ (ލޯނާއި ހިލޭ އެހީ) 2018-2023 ވަނަ އަހަރުތަކުގައި ދިވެހިރާއްޖެއަށް ދީފައިވެއެވެ. މި އެހީ ދީފައިވަނީ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތުގެ ދަށުންނެވެ. މީގެ ތެރެއިން 400 މިލިއަން ޑޮލަރު ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ސިނަމާލެ ބްރިޖްގެ ދެވަނަ ފިޔަވަހި) އަށް 2020 ވަނަ އަހަރު ނަގާފައިވެއެވެ. މިއީ މާލެ، ވިލިނގިލި، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ 6.74 ކިލޯމީޓަރުގެ ބްރިޖެކެވެ. އަދި 2021 ވަނަ އަހަރު 50 މިލިއަން ޑޮލަރު އެކި މަޝްރޫޢުތަކަށް އިންޑިއާއިން ލޯނު ނަގާފައިވެއެވެ. ހަމަ އެ އަހަރު، 40 މިލިއަން ޑޮލަރު ކުޅިވަރުގެ އުމްރާނީ ތަރައްޤީ (ސްޓޭޑިއަމްތަކާއި ކުޅިވަރު ކޮމްޕްލެކްސްތައް) އަށް ނަގާފައިވާއިރު، މީގެ ތެރޭގައި ހުޅުމާލޭގައި ބައިނަލްއަޤްވާމީ ކްރިކެޓް ސްޓޭޑިއަމެއް ހެދުން ހިމެނެއެވެ. 2022 ވަނަ އަހަރުގެ އޮގަސްޓް މަހު 40 މިލިއަން ޑޮލަރު ފުލުހުންގެ އުމްރާނީ ތަރައްޤީ (ކަސްޓޯޑިއަލް ފެސިލިޓީ، ފުލުހުންގެ ސްޓޭޝަންތައް) އަށް ނަގާފައިވެއެވެ. މީގެ ތެރޭގައި ކ. ދޫނިދޫގައި ހުރި ދެ އިމާރާތެއް ބޮޑުކުރުމާއި، ފުލުހުންގެ ެޮއިތުރު 23 ސްޓޭޝަން ހެދުން ހިމެނެއެވެ. 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 100 މިލިއަން ޑޮލަރު އެކި މަޝްރޫޢުތަކަށް އިންޑިއާއިން ލޯނު ނަގާފައިވެއެވެ.


ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން (EIB) 2020 ވަނަ އަހަރުގެ ޖޫން މަހު 20 މިލިއަން ޔޫރޯ (22.7 މިލިއަން ޑޮލަރު) އިޤްތިޞާދީ ހަމަޖެހުމަށް ލޯނު ދީފައިވެއެވެ. އަދި 2022 ވަނަ އަހަރުގެ ޖޫން މަހު 18.4 މިލިއަން ޔޫރޯ ބަލިމަޑުކަމާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމާއި ސިއްހީ ދާއިރާގެ ހިދުމަތްތައް ހަރުދަނާކުރުމަށް، ޔޫރަޕިއަން ޔޫނިއަންގެ ގެރެންޓީއާއެކު ދޫކޮށްފައިވެއެވެ.


އޭއޯ ނިއުސްއިން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޞާލިޙްގެ ސަރުކާރުން ޖުމްލަ 39 ލޯނު ނަގާފައިވާއިރު، މިއީ ދައުލަތުގެ ޖުމްލަ ދަރަންޏަށް 42 ބިލިއަން ރުފިޔާ އިތުރުކުރި އަދަދެކެވެ. މި އަދަދުގައި ހިމެނޭ ބައެއް ލޯނުތަކުގެ އިންޓަރެސްޓް ރޭޓުތައް މަތިކަން ފާހަގަކުރެވިފައިވެއެވެ. މިސާލަކަށް، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު އިންޑިއާއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 7.0% އެވެ. މިއީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓުތަކަށްވުރެ (5% އަށްވުރެ ދަށުގައި) މަތީ އަދަދެކެވެ.


އޭއޯ ނިއުސްގެ ރިޕޯޓުގައި ޔޫރަޕިއަން ބޭންކަކުން 101,787,500 ޔޫރޯ (ސަތޭކަ އެއް މިލިއަން، ހަތްސަތޭކަ އަށްޑިހަ ހަތް ހާސް، ފަސްސަތޭކަ ޔޫރޯ) 120% އިންޓަރެސްޓް ރޭޓެއްގައި ފައިނޭންސްކުރި ކަމަށް ލިޔެފައިވެއެވެ. މި އަދަދު އާދަޔާ ހިލާފަށް މަތިކަމުން، މިކަމުގެ އިތުރު ތަފްސީލުތައް ބޭނުންވެއެވެ. އެހެންނަމަވެސް، މި ލޯނުގެ މެނޭޖްމަންޓް ފީއަކީ 1.25% ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުން ނެގި މި ބޮޑެތި ދަރަނިތައް އަދާކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ. ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ސަރުކާރުން ނެގި އެއްވެސް ލޯނެއް ބަރާބަރަށް އަދާކުރެވިފައިނުވާކަމަށް ތުހުމަތުކުރެވެއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް، ޤައުމު ދަރަނީގެ ވަޅުގަނޑަކަށް ވެއްޓިފައިވާކަން ފާހަގަކުރެވެއެވެ. ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ މި ބޮޑު ގޮންޖެހުމަކީ މުޅިންހެން ނިމިދިޔަ ވެރިކަމުގެ ސީދާ ނަތީޖާއެކެވެ.

ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ދަރަނި (ޕީޕީއެމް ސަރުކާރު)

ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނި 39.6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވިއެވެ. އަދި ޔާމީން ސަރުކާރުން ސޮއިކުރި ލޯނު އެއްބަސްވުންތަކުގެ ޖުމްލަ އަދަދު 58.9 ބިލިއަން ރުފިޔާއަށް އަރައެވެ. ޔާމީންގެ ވެރިކަމުގައި ދަރަނި އިތުރުވެފައި ވިޔަސް އެއީ ދުނިޔޭގެ އިޤްތިޞާދު ރަނގަޅު ދުވަސްވަރެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ޔާމީން ސަރުކާރުން ނެގި މުހިންމު ލޯނުތަކުގެ ތަފްސީލު:

ޗައިނާއިން 3.1 ބިލިއަން ޑޮލަރުގެ ލޯނު ސިނަމާލެ ބްރިޖް އަދި އެއާޕޯޓް ތަރައްޤީ ކުރުމަށް ނަގާފައިވެއެވެ. މި އަދަދުގައި ސަރުކާރުން ސީދާ ނެގި ލޯނު، ދައުލަތުގެ ކުންފުނިތަކަށް ދިން ލޯނު، އަދި އަމިއްލަ ކުންފުނިތަކަށް ދައުލަތުން ގެރެންޓީ ދިން ލޯނު ހިމެނެއެވެ. އެހެން އަންދާޒާތަކުން ދައްކާ ގޮތުގައި ޗައިނާއިން 1.1 ބިލިއަން - 1.4 ބިލިއަން ޑޮލަރު ސިނަމާލެ ބްރިޖް އަދި އެއާޕޯޓް ތަރައްޤީ ކުރުމަށް ދޫކޮށްފައިވެއެވެ.

ބީބީސީ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާއިން ދިން ލޯނުތަކުން ސިނަމާލެ ބްރިޖް (ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް) އާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ހިންގާފައިވެއެވެ. ނަމަވެސް، ޗައިނާއިން ދިން ލޯނުތަކުގެ ސަބަބުން ރާއްޖެ ދަރަނީގެ ބޮޑު ވަޅުގަނޑަކަށް ވެދާނެ ކަމުގެ ކަންބޮޑުވުންތައް އޭރު އިޤްތިޞާދީ މާހިރުން ފާޅުކުރައްވަމުން ގެންދެވިއެވެ. 

ދަރަނީގެ ތާރީޚީ ނަޒަރެއް

ރާއްޖެއަކީ ބޭރުގެ އެހީއާއި ލޯންތަކުގެ މައްޗަށް އަބަދުވެސް ބަރޯސާވަމުން އަންނަ ގައުމަކަށްވާއިރު، ރާއްޖޭގެ ދިގުތާރީޚުގައި މީގެ ކުރީގެ ސަރުކާރުތަކުންވެސް ވަނީ ލޯނުތައް ނަގާފައެވެ. އެގޮތުން ރައީސް މައުމޫނާއި، ރައީސް ނަޝީދު އަދި ރައީސް ވަހީދުގެ ސަރުކާރުންވެސް ވަނީ ބޮޑެތި އަދަދުތަކުން ލޯނު ނަގާފައެވެ.  

  • ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރު: ޖުމްލަ ދަރަނި 6.2 ބިލިއަން ރުފިޔާ.

  • ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރު (އިސްތިއުފާ ދެއްވިއިރު): ޖުމްލަ ދަރަނި 11.3 ބިލިއަން ރުފިޔާ.

  • ރައީސް ވަހީދުގެ ސަރުކާރު: ޖުމްލަ ދަރަނި 6.2 ބިލިއަން ރުފިޔާ.

ދިވެހިރާއްޖޭގެ ދައުލަތުގެ ދަރަނި، އެކި ސަރުކާރުތަކުގައި ތަފާތު ސަބަބުތަކާ ހެދި އިތުރުވެފައިވާކަން މި ރިޕޯޓުން ހާމަވެއެވެ. ޔާމީން ސަރުކާރުގައި ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ޗައިނާއިން ލޯނު ނަގާފައިވާއިރު، ޞާލިޙް ސަރުކާރުގައި ކޮވިޑް-19 ބަލިމަޑުކަމުގެ ހާލަތު މެނޭޖްކުރުމަށާއި، އިންޑިއާއިން ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ލޯނު ނަގާފައިވެއެވެ. ނަމަވެސް، ޞާލިޙްގެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކުގެ އަދަދު، ކުރީގެ އެއްވެސް ސަރުކާރަކުން ނަގާފައިނުވާހާ ބޮޑުކަން ފާހަގަކުރެވެއެވެ.

ރިޕޯޓުތަކުން ދައްކާ ގޮތުގައި މި ލޯނުތައް ބަރާބަރަށް އަދާކުރެވިފައިނުވާކަމުގެ ތުހުމަތުތައް ވަރަށް ބޮޑެވެ. މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ހާލަތު ވަރަށް ނާޒުކު ހާލަތަކަށް ވެއްޓިފައިވާކަން އެނގިގެންދެއެވެ. ދަރަނީގެ މައްސަލައަކީ ދިވެހިރާއްޖެއަށް ދިގު މުއްދަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށްވެފައި ފާއިތުވި ހުރިހާ ސަރުކާރަކަށްވުރެވެސް ބޮޑުއަދަދުތަކުން އެމްޑީޕީ ސަރުކާރުގައި ގައުމު ދަރުވާލައި ދަރަނީގެ ރެކޯޑެއް ހަދާފައިވާމުން އެމްޑީޕީގެ އިސްވެރިންނާއި އެކްޓިވިސްޓުން އެންމެ ރަނގަޅުވާނީ "ދަރަންޏޭ، ދަރަންޏޭ، ކިޔައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މަސައްކަތް ނުކުރިއްޔާއެވެ.