އެންސްޕާއިން އޯގަސްޓްމަހު ފަރުވާއަށް އެހީވުމަށް 16.8 މިލިއަން ރުފިޔާ ޚަރަދުކޮށްފި
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އޮގަސްޓު މަހު ބޭސްފަރުވާއަށް އެހީވުމުގެ ގޮތުގައި 16.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ޚަރަދުތަކުގެ ތެރޭގައި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ އެންސްޕާއިން ވަނީ 'ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމް'ގެ ދަށުން ބޭސް ކުރުމަށް ދަތިވާ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދީފައެވެ. މިގޮތުން، އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 8.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ ތަންތަނުން ބަލިތަކަށް ފަރުވާކުރުމަށް 8.3 މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިދީފައެވެ.
Ads by BMLއެންސްޕާއިން ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތެރަޕީގެ ޚަރަދުތަކާއި، ޕްރައިވެޓް ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދާ މީހުންނަށް ވެސް އެހީތެރިވެއެވެ. މިދިޔަ މަހު ތެރަޕީތަކަށް އެހީގެ ގޮތުގައި އެ އިދާރާއިން 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
Ads by MACL
