ފެނަކަ ވައްކަން ފަޅާއެރުމާއިއެކު އެމްޑީޕީގެ "ލޫޓުވައިފި" މުޒާހަރާގެ މަންޒަރާއި އަޑު މުޅިންހެން ބަދަލުވެއްޖެ!
އަންނަ މަހުގެ 3 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް ބާއްވަން ރާވާފައިވާ "ލޫޓުވައިފި" މުޒާހަރާގެ ތަރުޙީބު އެމްޑީޕީގެ އާންމު މެމްބަރުންގެ ފަރާތުން ކުޑަވެ، މުޒާހަރާގެ މަންޒަރާއި އަޑު މުޅިންހެން ބަދަލުވެފައިވާކަން ފާހަގަކުރެވެއެވެ. މިކަން މިހެންވާން ދިމާވި މައިގަނޑު ސަބަބަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އޯޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި، އެމްޑީޕީގެ ވެރިކަމުގައި ފެނަކައިގައި ހިނގާފައިވާ ބޮޑު ޚިޔާނާތެއް ފަޅާއެރުމެވެ. މި ރިޕޯޓާއެކު ރައްޔިތުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، ފެނަކައިގެ ކުރީގެ ވެރިންނާއި އެމްޑީޕީގެ އިސްބޭފުޅުންގެ މައްޗަށް ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާކަން ސާބިތުވެއެވެ.
އެމްޑީޕީން "ލޫޓުވައިފި" ނަމުގައި ބާއްވަން ރާވާފައިވާ މި އެއްވުމަށް މީހުން އެއްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ސަރުކާރަށް ފާޑުކިޔައި ދޮގު ތުހުމަތުތަކެއް ކުރަމުންދެއެވެ. ނަމަވެސް، މިސުވާލުތައް އުފެދެނީ "ލޫޓުވައިލީ" ކޮން ބަޔެއްތޯ އާއި ކޯއްޗެއް ކިހިނެއްތޯއެވެ. މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް 2023 ވަނަ އަހަރުގެ ނޮވެންބަރު 17 ވަނަ ދުވަހުގެ ކުރިން ފާއިތުވި ފަސް އަހަރަށް ބަލައިލުން މުހިންމެވެ.
އެމްޑީޕީ ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ މާލީ ހާލަތު ރަނގަޅުކަމަށް ފާހަގަކުރެވެއެވެ. އެހެންކަމުން، 2018 ނޮވެންބަރު 17 އިން ފެށިގެން 2019 ފަހުކޮޅާ ހަމައަށް އެއްވެސް ގޮންޖެހުމެއްނެތި ވެރިކަން ކުރިއެވެ. މި ދުވަސްވަރު އެމްޑީޕީން އެއްވެސް އުސޫލެއް ނެތި ބޮޑެތި އަދަދުތަކުން އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޫކުރިއެވެ. މީގެ ތެރޭގައި އެމްޑީޕީގެ އިސްވެރިންގެ މަސްލަހަތު އޮތް ކުންފުނިތައް ކަމަށްވާ ބިގް، ދީބާޖާ، އަދި ނޫމަޑި ފަދަ ކުންފުނިތައް ހިމެނެއެވެ. މިކުންފުނިތަކަށް ދޭން ނިންމި ފައިސާގެ އަދަދު ބިލިއަނަކަށްވުރެ ގިނައެވެ. ކޮވިޑް-19ގެ ވަބާގެ ސަބަބުން ދައުލަތުން މާލީ ދަތިތައް ތަހައްމަލުކުރަމުންދިޔައިރު ވެސް އިތުރު ބައެއް ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ނިންމިއެވެ. މިގޮތުން 2021 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި އެއިރު އުވާލާފައި އޮތް ކުންފުންޏަކަށް 100 މިލިއަން ރުފިޔާ ދިނުމަށް ނިންމިއެވެ.
Ads by BMLއުސޫލެއް ނެތި ދައުލަތުގެ ފައިސާއިން ބޮޑެތި ބަދަލުތައް ދޫކުރަމުންދާތީ އޮޑިޓަރ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރުމުން 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ސަރުކާރުން ބަދަލު ދިނުމާ ގުޅޭ އުސޫލެއް އެކުލަވައިލިއެވެ. މި އުސޫލަށް އަމަލުކުރަން ފަށައި ސަރުކާރު ބަދަލުވިއިރު ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި އެެސެޓު ބަހާލާފައި އޮތެވެ. މި ސަރުކާރުން ބެލި ބެލުމުން ހަރުމުދަލާއި ފައިސާގެ ގޮތުގައި ޖުމްލަ 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއް އެކި ފަރާތްތަކަށް ދީފައިވާކަން ސާބިތުވިއެވެ. މީގެ އިތުރަށް، ދައުލަތުން ޓޫރިސްޓު ވިޔަފާރި ހިންގުމަށް ދޫކޮށްފައި ހުރި ރަށްރަށުގެ ކުއްޔާއި، އެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ބޮޑު ބައެއް މައާފުކޮށްދިނުމަށްވެސް ނިންމާފައިވެއެވެ.
އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި، ހާއްސަކޮށް 2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ގިނަ އަދަދެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކުރަމުންދިޔަ މަންޒަރު ފެނުނެވެ. ނަމަވެސް ދައުރު ބަދަލުވިއިރު އެ މަޝްރޫއުތަކުގެ ބޮޑު ބައި ނުނިމެއެވެ. ގިނަ މަޝްރޫއުތަކުގެ މަސައްކަތް ކުޑަ ދުވަސްކޮޅަކު ކުރިއަށްދިއުމަށްފަހު އޮތީ މަޑުޖެހިފައެވެ.
މި މަޝްރޫއުތައް ހަވާލުކުރި ގޮތަށް ބަލާއިރު، އެ ދުވަސްވަރު ލީކުވި ބައެއް ލިޔެކިޔުންތަކުން ސާފުވާ ހަގީގަތަކީ މަޝްރޫއުތައް ހަވާލުކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމެވެ. އެގޮތުން ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހަވާލުކުރި ގޮތާ ގުޅުންހުރި ލިޔެކިޔުންތައް އެއިރު ލީކުވިއެވެ. އެ ލިޔެކިޔުންތަކުން ފެންނަން އޮތް ހަގީގަތަކީ ހެޔޮ އަގުގައި އަވަހަށް މަސައްކަތް ނިންމަައިދޭން ހުށަހެޅި ކުންފުނިތައް އެކަހެރިކޮށް ބޮޑު އަގުގައި ދިގު މުއްދަތުން މަޝްރޫއު ނިންމަން ހުށަހެޅި ބައެއް ކުންފުނިތަކާ މަސައްކަތް ހަވާލުކުރި ކަމެވެ. މިގޮތަށް އަމިއްލަ ބައެއް ކުންފުނިތަކާ މަސައްކަތް ހަވާލުކުރިއިރު، ދައުލަތުގެ ކުންފުނިތައް، ހާއްސަކޮށް އެމްޓީސީސީ ފަދަ ގާބިލު ތަޖުރިބާ ހުރި ކުންފުނިތަކުން އެއަށްވުރެ ރަނގަޅު އަގުގައި އެ މަޝްރޫއުތައް ހިންގުމަށް ބީލަން ހުށަހަޅާފައި ހުއްޓެވެ.
އެމްޑީޕީގެ ފަސް އަހަރަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި އެއް ދައުރެއްގައި އެންމެ ގިނަ ފައިސާ ޗާޕުކުރި ފަސް އަހަރެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ 20 އަހަރާއި އޭގެ ފަހުން އައި ވެރިކަމުގެ ދެ އަހަރާއެކު ޗާޕުކުރީ ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާއެވެ. އެމްޑީޕީން 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އަށް ބިލިއަން ރުފިޔާ ޗާޕުކޮށް އިގުތިސާދަށް ނެރުނެވެ.
ދަރަންޏަށް ބަލާއިރު އެމްޑީޕީގެ ވެރިކަމުގައި 57 ބިލިއަން ރުފިޔާގެ ދަރަނި އަލަށް ދިވެހި ދައުލަތުގެ ދަރަނީގެ ޕޯޓްފޯލިއޯއަށް އިތުރުކުރިއެވެ. އަދި ބޭރުން ނެގި ލޯނުތަކަށް ބަލާއިރު 39 ލޯނެއް އެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ނަގާފައިވެއެވެ.
ފައިސާ ޗާޕުކޮށް ދަރަނި ނަގަން ޖެހުނު ސަބަބެއް ކަމަށް އެމްޑީޕީން ބުނަނީ ކޮވިޑް-19ގެ ވަބާ ކުރިމަތިވުމެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، އެއިރު ނެގި 39 ލޯނުގެ ތެރެއިން ކޮވިޑާ ގުޅުންހުރި ކަންކަމަށް ހަރަދުކުރުމަށް ނަގާފައި އޮތީ އެންމެ ދިހަ ލޯނެވެ. އެ ދިހަ ލޯނުން ނެގި ފައިސާގެ އަދަދަކީ އެންމެ 2.4 ބިލިއަން ރުފިޔާއެވެ. އެމްޑީޕީގެ ދައުރުގައި ނެގި 42.1 ބިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން ކޮވިޑާ ގުޅިގެން ނެގި ލޯނުގެ ނިސްބަތަކީ އެންމެ 5.8 އިންސައްތައެވެ.
މިހާބޮޑު އަދަދެއްގެ ފައިސާއަށް ކުރެވުނު ކަމެއް ފުރަ މާލެއާއި، މާލެ ސަރަަހައްދާއި އަތޮޅު ތެރެއިން ފެންނަން ނެތްކަމަށް ފާހަގަކުރެވެއެވެ. މި ސުވާލުތަކަށް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
ރައްޔިތުން މިހާރު ތިބީ ފެނަކައިގައި ހިނގާފައިވާ ޚިޔާނާތާއި، އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ފައިސާއާއި ހަރުމުދަލަށް ވީގޮތާއި، އިގުތިސާދު ހިންގި ގޮތާއި، ބަޖެޓު ތަންފީޒުކުރި ގޮތާއި، ޗާޕުކޮށްގެންނާއި ދަރަންޏަށް ހޯދިހައި ފައިސާއަށް ވީގޮތް ދެނެގަތުމަށް ބޭނުންވެފައެވެ. މިފަދަ ބޮޑެތި ކަންކަމަށް ޖަވާބުދާރީވުމެއްނެތި އެ ވެރިކަން ހިންގެވި ބޭފުޅުން މިގޮތަށް ނިކުމެ "ލޫޓުވައިފި" ކަމަށް ބުނެ އަޑުއުފުލިނަމަވެސް، ރައްޔިތުންގެ އިތުބާރު މިހާރު ވަރަށް ބޮޑަށް ގެއްލިފައިވާކަން އެނގި ހާމަވެފައިވާއިރު، މި އެއްވުމަށް މާބޮޑު ތަރުހީބެއް ނުލިބޭނެކަމަށް ޤަބޫލުކުރެވެއެވެ. ލޫޓުވައިލީ ކޮން ބައެއް، ކޯއްޗެއް، ކިހިނެއްކަން ރައްޔިތުންނަށް އެނގިއްޖެއެވެ. އެހަޤީޤަތްތައް އަދިވެސް ލިޔެކިޔުމުން ފެންނާން އެހުރީއެވެ.
Ads by MACL
