ހުޅަނގުގެ އިންގިލާބީ ފަލްސަފާގެ ނުރައްކާ އޭޝިއާއަށް، ދެން އޮތީ ރާއްޖެ!
އެމެރިކާ ހިތްނުރުހޭ ޤައުމުތަކުގެ ވެރިކަން ގަދަބާރުން ވައްޓާލުމަކީ، އެމީހުންގެ ދެފުއް ދެގޮތް ނުބައި ޔަހޫދީ ސިޔާސަތުގައި ހިމެނޭ ޕްރޮކްސީ ހަނގުރާމައިގެ އުކުޅެކެވެ. މިފަދަ ހަރަކާތްތަކަށް 'ކަލަރ ރިވޮލިއުޝަން' ނުވަތަ 'ކުލަ އިންގިލާބު' ގެ ނަމުން ވެސް މުޚާޠަބު ކުރެވެއެވެ. މި އިންގިލާބުތަކުގެ މަޤްސަދަކީ ހުޅަނގުގެ ޑިމޮކްރަސީގެ އުސޫލުތައް ޤާއިމުކުރުން ކަމަށް ވިޔަސް، ބައެއް ފަހަރު މިއީ ބޭރުގެ ނުފޫޒު ބޭނުންކޮށްގެން ސިޔާސީ ހަލަބޮލިކަން އުފެއްދުމަށް ހިންގާ ހަރަކާތްތަކެއް ކަމަށް ވެސް ބެލެވެއެވެ.
ޕްރޮކްސީ ހަނގުރާމަތަކުގެ ތެރެއިން ހިންގާ މިފަދަ ހަރަކާތްތައް އޭޝިއާގެ ބައެއް ޤައުމުތަކުގައި ހިންގާފައިވާ ކަމީ އަޅުގަނޑުމެން އެންމެނަށްވެސް މިއަދު ފެންނާން ހުރި ހަޤީޤަތް ތަކެކެވެ. މިގޮތުން 2022 ވަނަ އަހަރު ސްރީލަންކާގައި ސިޔާސީ ހަލަބޮލިކަމާއި އިޤްތިސާދީ ދަތިކަން ބޮޑުވެ، ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ހިނގާފައިވެއެވެ. 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ސިޔާސީ ހަމަނުޖެހުންތަކާއި މުޒާހަރާތައް ހިނގާފައިވެއެވެ. އަދި 2025 ވަނަ އަހަރު (މިއަހަރުގެ ދާދި މިދާކަށް ދުހު) ނޭޕާލްގައި ވެސް މިފަދަ ހަރަކާތްތައް ހިންގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ތަޖުރިބާކާރުން ވިދާޅުވާގޮތުގައި، އެމީހުންގެ އަމާޒު ދެންއޮތީ ދިވެހިރާއްޖެއަށެވެ. 2025-26 ވަނަ އަހަރު ދިވެހިރާއްޖެއަށް މިފަދަ ހަރަކާތްތަކެއް އަމާޒުވެދާނެއެވެ. މިކަމުގެ ތެރެއިން، އިދިކޮޅު އެމްޑީޕީ އެޕާޓީގެ ސްޓައިލްގައި، ރާއްޖެ ހަލަބޮލި ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާނެއެވެ. މިފަދަ ހަރަކާތްތަކުގެ ތެރޭގައި ޖެންޒީ ޒުވާނުން މަގުމައްޗަށް ނެރުމާއި، ޖާނަލިސްޓުން ކުރީސަފަށް ނެރުމާއި، ހުރިހާ ކަމެއްގައި ޒުވާނުން މަގުފުރެއްދުމާއި، ސިޔާސީ ހަލަބޮލިކަން ގެނައުން ހިމެނެއެވެ.
Ads by BMLމިފަދަ ހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ އަމާންކަމާއި، ސަލާމަތަށް ބުރޫއަރައި، ރައްޔިތުންގެ ފުރާނައަށް ނުރައްކާވުމުގެ އިތުރުން، ޤައުމުގެ އިޤްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ. ޚާއްސަ ގޮތެއްގައި ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ބޭރުގެ އިންވެސްޓަރުން މަދުވުމުގެ އިތުރުން އިންފްރާސްޓްރަކްޗަރއަށް ގެއްލުން ލިބި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ދަތުރުފަތުރުގެ ޚިދުމަތްތަކާއި، ޔުޓިލިޓީތަކަށް ބުރޫއަަރައި، އާންމު ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ.
މިފަދަ ހަރަކާތްތަކުގެ ސަބަބުން ޤައުމުގެ ހަމަޖެހުމާއި އާންމު ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް ރައްޔިތުން ސަމާލުކަން ދިނުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. މިފަދަ ނުރައްކާތަކުން ދިވެހިރާއްޖެ ސަލާމަތްކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިއްމެވެ.
ރާއްޖޭގެ އަމާންކަން ނަގާލުމަށް މަސައްކަތް ކުރާ އެއްވެސް ބަޔަކަށް އަޅުގަނޑުމެން އެ ފުރުޞަތު ދީގެން ނުވާނެއެވެ. ހޭއަރާށެވެ. ރައްޔިތުން ސަމާލުވާށެވެ.
Ads by MACL
