ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އޮކްޓޯބަރު 1 އިން 4 އަށް އެމެރިކާގެ ސާވޭ މަނަވަރެއް ރާއްޖޭގައި، ކޮންކަހަލަ ކަމެއްބާ؟

ރާއްޖެއައުމަށް ދަތުރުކުރަމުންދާ އެމެރިކާގެ މަނަވަރު ---
ރާއްޖެއައުމަށް ދަތުރުކުރަމުންދާ އެމެރިކާގެ މަނަވަރު ---

އެމެރިކާގެ ސާވޭ މަނަވަރެއް ކަމަށްވާ 'އޯޝަން ޓައިޓަން' އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މި މަނަވަރުގެ ޒިޔާރަތާ ގުޅިގެން ސުވާލުތަކެއް ވަނީ އުފެދިފައެވެ. ޚާއްސަކޮށް އޮކްޓޯބަރު 3 ގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއާ މި ޒިޔާރަތާ ގުޅުވައިގެންނެވެ.

'އޯޝަން ޓައިޓަން' އަކީ ކޮންކަހަލަ މަނަވަރެއް؟

'އޯޝަން ޓައިޓަން' (IMO 8835231) އަކީ 1989 ވަނަ އަހަރު ބިނާކޮށްފައިވާ ރިސާޗް/ސާވޭ މަނަވަރެކެވެ. މި މަނަވަރު ދަތުރުކުރަނީ އެމެރިކާގެ ދިދައިގެ ދަށުންނެވެ. އޭގެ ދިގުމިނުގައި 68 މީޓަރު ހުންނައިރު ފުޅާމިނުގައި 13 މީޓަރު ހުރެއެވެ. އެންމެ ފަހުން މި މަނަވަރު ފެނިފައިވަނީ 32 ދުވަސް ކުރިން އޮސްޓްރޭލިއާގެ ޑާވިން ބަނދަރުން ފުރައިގެން ދަނިކޮށެވެ.

ޒިޔާރަތުގެ ބޭނުމަކީ ކޮބާ؟

އާންމުކޮށް ރިސާޗް މަނަވަރުތައް ބޭނުންކުރަނީ ކަނޑުގެ އަޑީގެ ސާވޭތަކާއި، ކަނޑުގެ މާހައުލާ ބެހޭ ދިރާސާތައް ކުރުމަށެވެ. އެމެރިކާއާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުންތަކެއް އޮވެއެވެ. މި ގުޅުންތަކުގެ ތެރޭގައި ކަނޑުގެ ސަލާމަތީ ކަންކަމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި، ގާނޫނު ތަންފީޒު ކުރުމާއި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނެއެވެ. އެމެރިކާއިން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލިއްޔަތު އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ސާވޭ މަނަވަރުގެ ޒިޔާރަތަކީ މިފަދަ ދިރާސާތަކަށް ނުވަތަ ކަނޑުގެ ސަލާމަތީ ކަންކަމާ ގުޅުންހުރި މަސައްކަތްތަކަށް ކުރާ ޒިޔާރަތެއް ކަމަށް ބެލެވެއެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެކި ގައުމުތަކުން ކަނޑުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

އޮކްޓޯބަރު 3 ގެ މުޒާހަރާ

މި ޒިޔާރަތާ ދިމާކޮށް، މައި އިދިކޮޅު ޕާޓީ، އެމްޑީޕީން ވަނީ އޮކްޓޯބަރު 3 ގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ނިންމާފައެވެ. މި މުޒާހަރާގެ ބޭނުމަކީ ސަރުކާރަށް ފިއްތުންތައް ކުރިމަތިކޮށް، އެމްޑީޕީގެ ސިޔާސީ މަގްސަދުތައް ހާސިލްކުރުން ކަމަށް އެ ޕާޓީން ބުނެއެވެ. މި މުޒާހަރާއާ އެމެރިކާގެ ސާވޭ މަނަވަރުގެ ޒިޔާރަތާ ސީދާ ގުޅުމެއްވާކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް، މި ދެކަންތައް ދިމާވުމަކީ ސަމާލުކަން ދެވޭ ކަމެކެވެ. ނޫނީ މިއީ އިއްތިފާގެއް ބާއެވެ.

ރާއްޖޭގައި އެމެރިކާގެ ހަރަކާތްތައް

އެމެރިކާގެ ސަފީރު ޔޮން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމާއި، ސަރަހައްދީ ބާރުތައް ހިފެހެއްޓުމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. މިފަދަ ޒިޔާރަތްތަކަކީ އެމެރިކާއިން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކުރާ ހަރަކާތްތަކުގެ ބައެއް ކަމަށް ބެލެވެއެވެ.