އެމްޑީޕީ މުޒާހަރާ: ފެނިގެން ދިޔައީ ދެ ފެކްޝަނުގެ ވާދަވެރިކަން، މޮޅުވީ ކޮންބައެއްތޯ!
އެއްދުވަސްވަރެއްގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އެޕާޓީއަކަށް ވަރަށް ގިނަބަޔަކު ޤުރުބާނީ ތަކެއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތެރޭގައި ދުވަސްވީ ދެ ފެކްޝަނެއް އުފެދިފައިވާކަން އެއީ އެންމެވެސް ގަބޫކުރާ ހަޤީޤަތެކެވެ. އެގޮތުން ދެފެކްޝަން ވަކިވެ އެއްބަޔަކު ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ އާ ޕާޓީއެއްސް އުފެއްދިއެވެ. މި ދެ ފެކްޝަންގެ މައިގަނޑު ދެ ލީޑަރުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ދެ ފެކްޝަންގެ ވާދަވެރިކަން އެންމެ ފަހުން ފެނިގެންދިޔައީ އެމްޑީޕީން ރޭ "ލޫޓުވާލައިފި" ނަމުގައި ބޭއްވި މުޒާހަރާއިންނެވެ.
އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިގެން އައީ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަނުކުރެވޭނެތީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް ދިނުމަށް ނިންމުނެވެ. މިކަމަށްފަހު، ޕާޓީގެ އެތެރޭގައި ބޭއްވުނު ކޮންމެ އިންތިހާބެއްގައިވެސް ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެއެވެ. ރައީސް ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި ރައީސް ސޯލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ ވޯޓުގައި އޮޅުވާލުންތަކެއް ހިމެނުމަށް ފަހުގައެވެ. އަދި ޕްރައިމަރީގެ ކުރިން 39,000 އެއްހާ މެންބަރުން ކަނޑާލީ ނަޝީދަށް ތާއީދުކޮށްފާނެ ކަމަށް ބެލެވޭ މެންބަރުން ހޯދުމަށް ފަހު ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރައްވައެވެ. ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އެބަ އޮތްކަން ގަބޫލުކުރައްވައި، ޕާޓީ ބައިބައިވެދިޔަ ނުދިނުމަށްޓަކައި ދެ ފެކްޝަނާއެކު ކުރިއަށް ދެވޭނެ ގޮތެއް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހޯއްދަވަން ޖެހޭނެ ކަމަށް ވެސް އޭރު ވިދާޅުވެފައެވެ. މި ކޯޅުންތަކުގެ ސަބަބުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުވެސް ދެފަޅިވެފައިވާކަން ފާހަގަކުރެވުނެވެ.
އެއީ މާޒީއެވެ. މިހާރު ދެން މިއޮތީ ދެޕާޓީ އަނެއްކާވެސް އެއްޕާޓީއަކަށް ހަދާފައެވެ. އެހެންނަމަވެސް ރޭ އެމްޑީޕީން ބޭއްވި "ލޫޓުވާލައިފި" މުޒާހަރާ އިންތިޒާމުކުރެވުނީ ސަރުކާރުގެ ކޮރަޕްޝަނާއި އަސާސީ މިނިވަންކަން ހަނިކުރުމާއި ދެކޮޅަށް ކަމަށް ބުނެ އިބޫގެ ފެކްޝަނުންނެވެ. ނުވަތަ އެމްޑީޕީ އިންނެވެ. މި މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ އަމުރަށް ނުކިޔަމަންތެރިވެ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރި 8 މީހަކު ހައްޔަރުވެސް ކޮށްފައެވެ.
Ads by BMLމުޒާހަރާގެ ތެރެއިން ރައީސް ނަޝީދުގެ ފެކްޝަނުން މަސައްކަތްކުރީ އެމީހުންގެ މޮޅު ވާހަކައާއި މަޝްހޫރުކަން ވައިރަލްކުރާށެވެ. މި ފެކްޝަނުގައި މުހިންމު ދައުރެއް އަދާކުރި ބޭފުޅުންގެ ތެރޭގައި ޝިފާޒްއާއި އިންތި، އަދި އީވާ ފަދަ ބޭފުޅުން ހިމެނެއެވެ. ހަމަ އެހެންމެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުންވެސް މަސައްކަތްކުރީ އެމީހުންގެ ކޮޅު ވައިރަލް ކުރާށެވެ. މި ފެކްޝަނުގައި ހަރަކާތްތެރިވި މުހިންމު ބޭފުޅުންގެ ތެރޭގައި ފައްޔާޒު އިސްމާއީލް (އެމްޑީޕީގެ ޗެއާޕާސަން) އާއި މާރިޔާއާއި އަދިވެސް އެފަދަ ބޭފުޅުން ހިމެނެއެވެ.
މި މުޒާހަރާއިން ފެނިގެންދިޔައީ އެމްޑީޕީގެ އެތެރޭގައި އޮތް ފެކްޝަންތަކުގެ ވާދަވެރިކަން އަދިވެސް އެ އޮތްގޮތަކަށް އޮތްކަން ކަމަށްވާއިރު، ކޮންމެ ފެކްޝަނަކުންވެސް މަސައްކަތްކުރަމުން ދިޔައީ އެމީހުންގެ ސިޔާސީ ނުފޫޒު ދައްކުވައި، އެމީހުންގެ ފިކުރު ފަތުރާށެވެ. މިކަމުން ދައްކުވައިދެނީ ޕާޓީގެ އެތެރޭގައި އޮތް ބައިބައިވުން އަދިވެސް ހައްލުނުވާކަމެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އެބަ އޮތްކަމަށާއި، އެ ފެކްޝަންތައް ބަލައިގަންނަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމަށްފަހު، ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ގޮފިތަކެއް ވެސް އޭރު އުފެއްދަވާފައެވެ. އެ ގޮފިތަކަށް 50,000 މީހުން ހަމަކޮށް، އެމްޑީޕީން ތާއީދު ކުރާނެ ކެންޑިޑޭޓް ކަނޑައެޅުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ނަޝީދުގެ ފެކްޝަން ހިންގުމަށް ވަކި އޮފީހެއް ހަދަން އުޅޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ކުރިއެވެ. މިފަދަ ހަރަކާތްތަކުން ދައްކުވައިދެނީ ނަޝީދުގެ ފެކްޝަނުން ޕާޓީގެ ތެރޭގައި އެމީހުންގެ ނުފޫޒު ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކެވެ.
އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކެއްގައި އެޕާޓީއިން ވަކިވެ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވީވެސް ރައީސް ނަޝީދެވެ. ނަމަވެސް، ފަހުން ޑިމޮކްރެޓްސްގެ ބައެއް މެންބަރުން އެމްޑީޕީއާ އަލުން ގުޅިފައިވާއިރު، ނަޝީދުވެސް ވަނީ ޑިމޮކްރެޓްސްގެ ސިޔާސީ މަސައްކަތްތަކުން ދުރަށް ވަޑައިގެންފައެވެ. ޕާޓީއަށް 3،000 މީހުންވެސް ހަމަނުވިއެވެ.
އެމްޑީޕީގެ ތެރޭގައި އޮތް ދެ ފެކްޝަންގެ ވާދަވެރިކަން، "ލޫޓުވާލައިފި" މުޒާހަރާއިން ފާޅުވެގެންދިޔައީ ޕާޓީގެ އެތެރޭގެ ހަމަޖެހުން ނެތްކަމުގެ ހެއްކެއްގެ ގޮތުގައެވެ. ކޮންމެ ފެކްޝަނަކުންވެސް މަސައްކަތްކުރަމުން ދިޔައީ އެމީހުންގެ ސިޔާސީ އެޖެންޑާ ކުރިއެރުވުމަށެވެ. މި ވާދަވެރިކަމުގެ ތެރެއިން ކޮންމެ ބަޔަކުވެސް އުޅުނީ އެބަޔަކު މޮޅުވިކަމަށް ދައްކާށެވެ.
މިފަދަ ހާލަތްތަކުގައި ޕާޓީގެ އެއްބައިވަންތަކަމަށް ގެއްލުން ލިބި، ސިޔާސީ މަސްރަހުގައި ޕާޓީގެ ނުފޫޒު ދަށްވުމުގެ ފުރުސަތު ދަނީ އިތުވަމުންނެވެ. ޕާޓީގެ ކުރިމަގަށްޓަކައި، މި ދެ ފެކްޝަން އެއްބަސްވުމަކަށް އައުމަކީ މުހިންމު ކަމެއް ކަމަށް އޭރުވެސް މިހާރުވެސް އެމްޑީޕީގެ ހަރު މީހުން ދަނީ ބުނަމުނެނެވެ.
Ads by MACL
