ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ޔަހޫދީންނަށް މަޖުބޫރުވެގެން ހަނގުރާމަ ހުއްޓާލުން، މިއީ މުސްލިމުންނަށް ލިބުނު ނަޞްރެއްތަ؟

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިޔަސް ހަމާސްއިން ބުނަނީ ހަތިޔާ ނުބަހައްޓާނެކަމަށާއި، ފަލަސްތީނުގެ ހިންގުން ބޭރުބައެއްގެ އަތްމައްޗަށް ދޫކޮށްނުލާނެކަމަށް --- ފޮޓޯ: އަލްޖަޒީރާ
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިޔަސް ހަމާސްއިން ބުނަނީ ހަތިޔާ ނުބަހައްޓާނެކަމަށާއި، ފަލަސްތީނުގެ ހިންގުން ބޭރުބައެއްގެ އަތްމައްޗަށް ދޫކޮށްނުލާނެކަމަށް --- ފޮޓޯ: އަލްޖަޒީރާ

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދިޔަ ހަމަލާތަކަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވީ ފަހުން ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުވުމަކީ މުސްލިމުންނަށް ލިބުނު ބޮޑު ނަޞްރެއް ކަމަށް ބެލެވެއެވެ. މި ހަނގުރާމައިގައި އިސްރާއީލަށް ހަމާސްގެ އަތްދަށުވެފައި ތިބި އެއްވެސް އަސީރަކު މިނިވަން ނުކުރެވުނު ކަމާއި، އެންމެ ފަހުން ގޮތް ހުސްވެ އިސްރާއީލަށް ޖެހުނީ ހަމާސްއަށް އާދޭސްކޮށްގެން ހަނގުރާމަ ހުއްޓާލައި އަސީރުން މިނިވަންކުރުމަށް ހަމަބިމަށް ތިރިވާށެވެ.

މިއީ އާދައިގެ ކުޑަކުޑަ ހަނގުރާމަވެރި ޖަމާޢަތެއްގެ ކުރިމަތީގައި ދުނިޔޭގެ ސްޕަރޕަވަރު ކަމުގައި މަޝްހޫރުވެފައިވާ އެމެރިކާގެ ފުރިހަމަ އެހީއާ މަދަދު ލިބެމުންދިޔަ އިސްރާއީލުގެ އަސްކަރީ ބާރާއި، ސިޔާސީ ނުފޫޒު ނިކަމެތިވެފައިވާކަން ދައްކުވައިދޭ ކަމެކެވެ.

ޣައްޒާގައި ދެ އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތައް ބޮޑުވެފައިވެއެވެ. 2025 އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޣައްޒާގައި 67,806 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 170,066 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އަލްޖަޒީރާގެ ރިޕޯޓްތައް ބުނާގޮތުން 2023 އޮކްޓޯބަރު މަހުން ފެށިގެން މި އަދަދުތައް ވަނީ އިތުރުވެފައެވެ. އަނެއްކޮޅުން، އިސްރާއީލުގެ ފަރާތުން 1,139 މީހުން މަރުވެފައިވާކަމަށް ރިޕޯޓްކުރެވިފައިވެއެވެ. މި ތަފާސްހިސާބުތަކުން ދައްކުވައިދެނީ އިސްރާއީލުގެ ހަމަލާތަކުގެ ބާރުގަދަކަމާއި، ނަމަވެސް އެއިން ހަމާސްގެ އަސްކަރީ ބާރަށް ނުވަތަ އާންމުންގެ ހިތްވަރަށް ބަދަލެއް ނުގެނެވުނުކަމެވެ.

ފަލަސްތީނާއި އިސްރާއީލާ ދެމެދު އޮތް ކޯޅުމަކީ 19 ވަނަ ގަރުނުގެ ފަހުކޮޅުން ފެށިގެން އައިސްފައިވާ ދިގު ތާރީޚެއް އޮތް މައްސަލައެކެވެ. ޒަޔަނިޒަމްގެ ހަރަކާތް ފެށިގެން އައުމާއެކު، ޔަހޫދީ ދައުލަތެއް ގާއިމްކުރުމުގެ މަސައްކަތް ފެށުނެވެ. 1947 ވަނަ އަހަރު އ.ދ. އިން ފަލަސްތީނު ދެ ބަޔަށް ބަހާލުމަށް ނިންމި ނިންމުމަކީ މި ކޯޅުން އިތުރަށް ގޯސްވެގެން ދިޔަ ސަބަބެކެވެ.

1948 ވަނަ އަހަރު އިސްރާއީލު އުފެދުމާއެކު، އަރަބި ގައުމުތަކާ ދެމެދު ހަނގުރާމަ ފެށި، އެތައް ހާސް ފަލަސްތީނު ރައްޔިތުންނަށް އެމީހުންގެ ގައުމުން ބޭރުވާން މަޖުބޫރުވިއެވެ. 1967 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ޣައްޒާއާއި، ހުޅަނގު އައްސޭރި (ވެސްޓް ބޭންކް)އާއި، ގޯލާން ހައިޓްސް އަދި ސިނާއީ ޕެނިންސޫލާ ހިފިއެވެ. މި ހުރިހާ ކަމަކުން ދައްކުވައިދެނީ ފަލަސްތީނުގެ ރައްޔިތުންނަށް ދިގުލައިގެން ގޮސްފައިވާ އަނިޔާވެރިކަމާއި، އެމީހުންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމުކަމެވެ.

2023 އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި 251 މީހުން އަސީރުކުރިއެވެ. ދެ އަހަރަށްވުރެ ގިނަ ދުވަސް ވީއިރުވެސް އިސްރާއީލަށް މި އަސީރުން މިނިވަންކުރެވިފައެއް ނުވެއެވެ. ހަމާސްއިން އަސީރުން މިނިވަންކުރުމަށް ޝަރުތުކުރީ އިސްރާއީލުން ޣައްޒާއިން ފުރިހަމައަށް ފައިބައި، ހަނގުރާމަ ނިންމާލުމަށެވެ. މިކަމުން ދައްކުވައިދެނީ އިސްރާއީލުގެ އަސްކަރީ ބާރަށް ހަމާސްގެ އަތްދަށުގައި ތިބި އަސީރުން މިނިވަންކުރެވޭނެ ގޮތެއް ނުފެނުނު ކަމެވެ.

އެންމެ ފަހުން، އެމެރިކާގެ މެދުވެރިކަމާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނުއިރު، މި އެއްބަސްވުމުގެ ދަށުން ހަމާސްއިން އަސީރުން ދޫކޮށްލުމަށް އިސްރާއީލުން އެއްބަސްވިއެވެ. މިކަމުން ސާބިތުވަނީ އިސްރާއީލަށް ހަނގުރާމަ ހުއްޓާލުމަށް މަޖުބޫރުވީ، އަސީރުންގެ މައްސަލަ ހައްލުކުރުމަށް އެހެން ގޮތެއް ނެތުމުން ކަމެވެ. މިކަމަކީ ހަމާސްއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ބެލެވެއެވެ، ސަބަބަކީ އެމީހުންގެ ޝަރުތުތަކަށް އިސްރާއީލުން ބޯލަބަން މަޖުބޫރުވުމެވެ.

ޔަހޫދީންނަށް މަޖުބޫރުވެގެން ހަނގުރާމަ ހުއްޓާލުމަކީ މުސްލިމުންނަށް ލިބުނު ނަޞްރެއްކަން މިދެންނެވި ހެކިތަކުން ސާބިތުވެއެވެ. ޣައްޒާގެ ރައްޔިތުންނަށް ލިބުނު ބޮޑެތި ގެއްލުންތަކާއެކުވެސް، ހަމާސްއިން ދެއްކި ހިތްވަރާއި ވީޤުރުބާނީގެ ސަބަބުން، އިސްރާއީލުގެ އަސްކަރީ ބާރަށް ގޮންޖެހުންތަކެއް ކުރިމަތިކުރުވިއެވެ.

އަސީރުން މިނިވަންކުރުމަށް އިސްރާއީލަށް އަސްކަރީ ގޮތުން ކާމިޔާބު ނުލިބުމާއި، އެންމެ ފަހުން ހަނގުރާމަ ހުއްޓާލުމަށް މަޖުބޫރުވުމަކީ ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކުރާ ފަރާތްތަކަށް ލިބުނު ހިތްވަރެކެވެ. މިއީ އިސްރާއީލުގެ އަސްކަރީ ބާރުގެ ނިކަމެތިކަން ދައްކުވައިދޭ އަދި ފަލަސްތީނުގެ ރައްޔިތުންގެ ހިތްވަރާއި ސާބިތުކަން ހާމަކޮށްދޭ ކަމެކެވެ.