ރައީސް ޑރ. މުޢިއްޒުގެ ފުނަދޫ މަޝްރޫޢުތަކުން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފުނަދޫ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީ އުންމީދީ ހުވަފެންތަކުގައި ހަޤީޤީ ކުލަޖެހިގެން ދާނެކަން ރޭގައި އެބޭފުޅާގެ ބައިވެރިވުމާއެކު ސޮއިކުރެވުނު ބޮޑެތި މަޝްރޫއުތަކުން ހާމަވެއްޖެއެވެ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްސަ ޖަލްސާއެއްގައި، އެރަށުގެ ތަރައްގީގެ މުހިންމު ހަތް މަޝްރޫއެއްގައި ވަނީ ސޮއިކުރައްވާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭ 50 އެނދުގެ ހޮސްޕިޓަލެއް، އިސްލާމީ މަރުކަޒެއް، ފުނަދޫގެ މަގުތައް ހެދުން، ބަނދަރު ތަރައްގީކުރުން އަދި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހިމެނެއެވެ.
ފުނަދޫގައި ޒަމާނީ 50 އެނދުގެ ހޮސްޕިޓަލެއް
ފުނަދޫގެ ސިއްހީ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ 50 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކުރައްވާފައެވެ. މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ. މި މަޝްރޫއަކީ ރައީސް ވިދާޅުވި ގޮތުގައި ކުރިން ބަޔަކާ ހަވާލުކުރެވި ނުނިމުނު މަސައްކަތެކެވެ. ރައީސް ވަނީ މި ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ފިޔަވައި، ގައުމީ ފެންވަރުގައި ރަށްރަށުގައި އަޅާ އެންމެ ބޮޑެތި ސައިޒުގެ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭނެ ހޮސްޕިޓަލެއްކަން ފާހަގަކުރައްވާފައެވެ.
Ads by BMLމަގުހެދުމުގެ ދެވަނަ ފިޔަވަހި އަދި ސްޕޯޓްސް ކޮމްޕްލެކްސް
ފުނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ދެވަނަ ފިޔަވީގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކުރައްވާފައެވެ. ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އަދި އެމްޓީސީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ސައުދީ ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
މީގެއިތުރުން، ފުނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް ވެސް ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި މަޝްރޫއުގެ ދަށުން 1,200 މީހުންގެ ޖާގައިގެ އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭނެ ޒަމާނީ ފުރިހަމަ ކޮމްޕްލެކްސެއް ގާއިމުކުރެވޭނެއެވެ. ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބްދުﷲ ރާފިއުއާއި އެމްއޭސީއެލްގެ ފަރާތުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
ކުނި މެނޭޖްކުރުން ވެމްކޯއަށް އަދި އިސްލާމީ މަރުކަޒެއް
ފުނަދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައިވާއިރު، ވެމްކޯގެ ނޮދާން އޮޕަރޭޝަންގެ ޖެނެރަލް މެނޭޖާ އަބްދުﷲ ސިނާނާއި ފުނަދޫ ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ވެމްކޯގެ ޚިދުމަތް ފެށުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ފުނަދޫއަށް ގެންގޮސް، ފެށެން ހުރި މަސައްކަތްތައް ފަށާނެ ކަމަށެވެ.
ފުނަދޫގައި އިސްލާމީ މަރުކަޒެއް ގާއިމުކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ނޫރައްދީން އިންވެސްޓްމެންޓުގެ މެނޭޖާ ޒުރައިރަތު އާދަމް ވަނީ ސޮއިކުރައްވާފައެވެ. 700 މީހުންގެ ޖާގައިގެ މި އިސްލާމީ މަރުކަޒަކީ އެންމެ ޒަމާނީ ފެންވަރަށް އެޅޭނެ މަޝްރޫއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުން އަދި ޔުނިވަރސިޓީ ކެމްޕަސް
މީގެއިތުރުން، ގައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ފުނަދޫގައި ގާއިމުކުރުމަށާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ވެސް ވަނީ ސޮއިކޮށްފައެވެ. ރައީސް ވިދާޅުވީ ފުނަދޫއަކީ އާބާދީ އެއްފަސްކުރުމުގެ ވަރަށް ލާމަސީލު މިސާލެއްކަމަށާއި، ކުރީ ސަރުކާރުތަކުން އާބާދީ އެއްފަސް ކުރުމަށް ކުރި މަސައްކަތުން އެންމެ ކާމިޔާބު ރަށަކީ ފުނަދޫ ކަމަށެވެ. އެހެންކަމުން ފުނަދޫއިން 30 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ތެރެޔަށް 10 ހެކްޓަރު އިތުރުކޮށް، މާދަމާ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ބިންހިއްކުމުގެ މަޝްރޫއު ނިމޭއިރަށް 300 ހައުސިން ޔުނިޓުގެ މަޝްރޫއެއް ވެސް ކުރިޔަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މި މަޝްރޫއުތަކުގެ ސަބަބުން ފުނަދޫގެ ރައްޔިތުންނަށް އުންމީދާއި އުފާވެރިކަން ގެނެސްދީފިއެވެ.
Ads by MACL
