ބުދަ، 18 ނޮވެމްބަރު 2026
ވިޔަފާރި

ރައީސް މުޢިއްޒު، ފޮނަދޫގެ ތަރައްޤީއަށް އިސްކަންދެއްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފި

ފޮނަދޫ އިޖްތިމާޢީ މަރުކަޒުގައި ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ---
ފޮނަދޫ އިޖްތިމާޢީ މަރުކަޒުގައި ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ---

ހައްދުންމަތީ ފޮނަދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި، ފޮނަދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. ފޮނަދޫ އިޖްތިމާޢީ މަރުކަޒުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާއި، ރައްޔިތުންގެ އުންމީދުތަކަށް ރައީސް ސަމާލުކަންދެއްވިއެވެ.

ބައްދަލުވުމުގައި ފޮނަދޫ ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންތެރި ކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން، ރަށުގެ އިޚްތިޞާޞްގެ ތެރޭގައި ގާދޫ ހިމެނުމަށާއި، ލަސްވެފައިވާ ސުކޫލް އިމާރާތުގެ މަސައްކަތް އަވަސްކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި ފޮނަދޫއަށް ހޮސްޕިޓަލެއްގެ މުހިންމުކަން ފާހަގަކުރައްވައި، ބަންކަރިންގ ޚިދުމަތް ފެށުމަށާއި، ޕަބްލިކް ވާރކްސްގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިކުއިޕްމަންޓްސް ފޯރުކޮށްދިނުމަށް އެދިލެއްވިއެވެ.

މީގެއިތުރުން، ރަށުގައި ހުއްޓިފައިހުރި މަޝްރޫޢުތަކެއް ކައުންސިލުން ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ފުލުހުންގެ އިމާރާތާއި، ފުޓްސަލް ދަނޑާއި، ޒުވާނުންގެ މަރުކަޒާއި، ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަހަށް ނިންމުމަށް އެދިވަޑައިގަތެވެ. އަދި ރަށުގެ ޒުވާނުންގެ ފަރާތުން، ރަށުގެ ފުއްޓަރުފަރާތުގައި ޖެޓީއެއް ހެދުމަށް އެދިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި، ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ވިޔަފާރި

އިތުރަށް ←