ފެށި އިރާއި މިހާރުގެ ހާލަތު، އެއްބަޔަކު ގައުމު ބަނގުރޫޓުވާނެ ކަމަށް އުފަލުން، އަނެއްކޮޅުން ސާބިތު ކަމާއިއެކު ރައްޔިތުންގެ އިތުބާރު ސަރުކާރަށް!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމުގެ ހުވާ ކުރައްވައި، ޤައުމުގެ ހިންގުމާ ހަވާލުވެވަޑައިގަތީ އިޤްތިޞާދީ ގޮތުން ނާޒުކު އަދި ނުރައްކާތެރި ދަނޑިވަޅެއްގައެވެ. ކުރީގެ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމު ދަރަނީގެ ބޮޑު އަނދަވަޅަކަށް ވެއްޓި، ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމަކަށް އައިސްފައިވެއެވެ. ބޭރުގެ އެކި ޤައުމުތަކަށާއި މާލީ އިދާރާތަކަށް ދައްކަންޖެހޭ ބިލިއަން ޑޮލަރުގެ ދަރަނިތަކުން ޤައުމު ވަނީ ބަނގުރޫޓުވުމާއި ހަމައަށް ގެންގޮސްފައެވެ.
މިފަދަ ބިރުވެރިކަމެއްގެ ތެރޭގައި، އިދިކޮޅު ފަރާތްތަކުން ޤައުމު ބަނގުރޫޓުވާނެ ކަމަށް އުފަލުން ގޮވަމުން ދިޔައިރު، ރައީސް މުޢިއްޒުގެ ސަރުކާރުން ދަނީ ހަރުދަނާ ސިޔާސަތުތަކާއެކު ޤައުމުގެ އިޤްތިޞާދު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށްޓަކައި ސާބިތުކަމާއެކު މަސައްކަތް ކުރައްވަމުންނެވެ. ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ދައުލަތުގެ ޚަޒާނާ ހުސްވެފައި އޮތް ކަމަށާއި، 2025 ވަނަ އަހަރުގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކެއް އަނބުރާ ދައްކަން ޖެހިފައިވާކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މިއީ ކުރީގެ އެމްޑީޕީ ސަރުކާރުން ޤައުމު ވައްޓާލާފައި އޮތް އިޤްތިޞާދީ ނުރައްކަލުގެ ކުޑަ މިސާލެކެވެ.
އެމްޑީޕީގެ ވެރިކަމުގައި ޤައުމުގެ ދަރަނި ވަނީ ތާރީޚީ ގޮތުން އެންމެ މަތީ މިންވަރަށް، 120 ބިލިއަން ރުފިޔާއަށް އަރާފައެވެ. މި ބޮޑެތި ދަރަނިތަކުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ހުއްޓި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ބުރޫއަރައި، ޤައުމު ބަނގުރޫޓުވުމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މި ހާލަތާ ގުޅިގެން، ރައީސް މުޢިއްޒު ވިދާޅުވީ ޤައުމު ބަނގުރޫޓުވެދާނެ ކަމުގެ ބިރު އޮތް ކަމަށާއި، މިކަމުން އަރައިގަތުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.
Ads by BMLޤައުމު މިފަދަ ނާޒުކު ހާލަތެއްގައި އޮތްއިރު، އިދިކޮޅު އެމްޑީޕީގެ އިސްވެރިން ދިޔައީ އެކި މަންސަތަކުގައި ޤައުމު ބަނގުރޫޓުވާނެ ކަމަށް ބުނެ، އެކަމާ އުފާފާޅުކުރަމުންނެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް އާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ފަދަ ބޭފުޅުން ޤައުމުގެ އިޤްތިޞާދު ދަށަށްގޮސް ، ދަރަނި ނުދެއްކި ބަނގުރޫޓުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. މިއީ ޤައުމީ މަސްލަޙަތަށްވުރެ ސިޔާސީ މަޤްޞަދުތައް އިސްކޮށް، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ހިންގި ޒިންމާދާރުކަން ކުޑަ ޢަމަލެކެވެ.
އިދިކޮޅު ފަރާތްތަކުން ޤައުމު ބަނގުރޫޓުވާނެ ކަމަށް ގޮވަމުން ދިޔަ ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން ދަނީ އެ ބިރުވެރިކަމުން ޤައުމު ސަލާމަތްކޮށް، އިޤްތިޞާދީ ސްޓެބިލިޓީ ޤާއިމުކުރުމަށްޓަކައި ވަރުގަދަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ސަރުކާރުން ވަނީ ބޭރުގެ ޤައުމުތަކާ ވާހަކަ ދައްކައި، ދަރަނި އަނބުރާ ދެއްކުމުގެ އިންތިޒާމުތައް "ރީ-ސްޓްރަކްޗަރ" ކުރުމުގެ މަސައްކަތް ފަށާފައެވެ. މީގެ ތެރޭގައި ޗައިނާ ފަދަ ބޮޑެތި ޤައުމުތަކުން ނަގާފައިވާ ދަރަނިތައް، ލުއި ގޮތްތަކެއްގެ މަތިން އަނބުރާ ދެއްކުމުގެ މަޝްވަރާތައް ހިމެނެއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ދައުލަތުގެ ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައެވެ. މީގެ ތެރޭގައި ސިޔާސީ މަޤާމުތައް މަދުކުރުމާއި، ސަރުކާރުގެ އިދާރާތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ. އިޤްތިޞާދީ ދަތިކަމުގެ ތެރެއިންވެސް، ސަރުކާރުން ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަވަމުންނެވެ. މީގެ ތެރޭގައި މަގު ހެދުމާއި، ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާ ޤާއިމުކުރުން ފަދަ ރައްޔިތުންނާ ސީދާ ގުޅުންހުރި އެތައް މަޝްރޫޢުއެއް ހިމެނެއެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ޓޫރިޒަމް ދާއިރާ ފުޅާކޮށް، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ޤައުމު އޮތް އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ މިއަދު ދަނީ ފެންނަމުންނެވެ. އެއްބަޔަކު ޤައުމު ބަނގުރޫޓުވާނެ ކަމަށް އުފަލުން ގޮވަމުން ދިޔަ ނަމަވެސް، ސަރުކާރުން ދަނީ ވާރުތަވި ބޮޑެތި ދަރަނިތައް ދައްކަމުން، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ. މިއީ، ރައްޔިތުން ސަރުކާރަށް ކޮށްފައިވާ އިތުބާރު ދެމެހެއްޓި، ޤައުމީ އިޤްތިޞާދު ކުރިއަށް ގެންދިއުމަށް ކުރެވޭ ބުރަ މަސައްކަތުގެ ހެއްކެކެވެ. ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ސަރުކާރަށް އޮތްހާ ހިނދަކު، ޤައުމު ބަނގުރޫޓުވުމުގެ ބިރުވެރިކަމުން ސަލާމަތްވެ، ތަރައްޤީއާއި ބާއްޖަވެރިކަމުގެ އާ ދުވަސްތަކަކަށް ދިވެހި ޤައުމު މިސްރާބު ޖަހާނެކަން ކަށަވަރެވެ. ސާބިތު ކަމާއިއެކު ރައްޔިތުންގެ އިތުބާރު ސަރުކާރަށް އޮތްހާ ހިނދަކު ޤައުމުދާނީ ތަރައްޤީގެ މަގުގައި ބާރަށް ކުރިއަށެވެ.
Ads by MACL
