ފެކްޓް ޗެކް: އިދިކޮޅުން ކިޔަނީ ރައްޔިތުން ހެޕީއެއް ނޫނޭ، އެކަމަކު ދަމާލާ ސަފުގެ ކޮޅާކޮޅު ނުފެނޭ!
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އިސް ފަރާތްތަކުން ދަޢުވާ ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި، ރައްޔިތުން ތިބީ ހެޕީކޮށް ނޫން ކަމަށެވެ. އެމީހުން ބުނާ ގޮތުގައި ރައީސް މުޢިއްޒުގެ ދަތުރުފުޅުތަކަށް ރައްޔިތުންގެ ފަރާތުން އެއްވެސް ތަރުޙީބެއް ނުލިބެއެވެ.
މި ދަޢުވާގެ ހަގީގަތް ބެލުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކާ ގުޅޭ މީޑިއާ ރިޕޯޓުތަކާއި، ރައީސް އޮފީހުގެ ރަސްމީ މައުލޫމާތުތައް ދިރާސާ ކުރެވުނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ގިނަ އަދަދެއްގެ އަތޮޅުތަކަށް ދަތުރުފުޅު ކުރައްވާފައިވެއެވެ. މި ދަތުރުފުޅުތަކުގައި އެމަނިކުފާނަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ތަރުޙީބަކީ އިދިކޮޅު ފަރާތުގެ ދަޢުވާތަކާ މުޅިން ޚިލާފު މަންޒަރެކެވެ. ދިވެހި މީޑިއާ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް ރައްޔިތުން ވަނީ ބޮޑު ތަރުޙީބެއް ދީފައެވެ. ޚާއްޞަކޮށް، ލ. މާބައިދޫ، މުންޑޫ، މާމެންދޫ އަދި ފޮނަދޫ ފަދަ ރަށްރަށަށް ވަޑައިގަތުމުން ރައްޔިތުން ވަނީ ގިނަ އަދަދަކަށް އެއްވެ، ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
Ads by BMLމީގެ އިތުރުން ށ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް ކޮންމެ ރަށަކުން ވެސް ރައީސް މުޢިއްޒުއަށް ވަނީ ހޫނު މަރުޙަބާއެއް ލިބިފައެވެ. ށ. މަރޮށި، މިލަންދޫ، ނަރުދޫ، ކޮމަންޑޫ އަދި ފޯކައިދޫ ފަދަ ރަށްރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ތާއީދުކޮށް، ދަތުރުފުޅު ކާމިޔާބު ކޮށްދީފައެވެ.
ހުވަދު އަތޮޅުގެ ދަތުރުފުޅުގެ އެންމެ ފަހު ރަށުގެ ގޮތުގައި ގއ. ދެއްވަދޫއަށް ވަޑައިގަތުމުން ވެސް އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ. އެގޮތުން ހުވަދު އަތޮޅުގެ ދެއްވަދޫން ވަނީ ވަކިންބޮޑަށް އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. މި ހުރިހާ ދަތުރުފުޅުތަކުގެ ފޮޓޯތަކާއި ވީޑިއޯތަކުން ހާމަވާ ގޮތުގައި، ރައްޔިތުން ވަނީ މަގުމަތީގައި ސަފުހަދައިގެން، ބެރު ޖަހައި ނަށައި، މާފަތި އަރުވައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި މަންޒަރުތަކަކީ "ރައްޔިތުން ހެޕީއެއް ނޫން" ކަމަށް ބުނާ ދަޢުވާ ދޮގުކޮށްދޭ ފެންނަ ހެއްކެކެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ބޭނުންތައް ދެނެގަނެ، ތަރައްޤީގެ މަޝްރޫޢުތައް ފެށުމެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ތާއީދު ސަރުކާރަށް ލިބެމުންދާކަން ހާމަވެއެވެ. "ލާމަރުކަޒީ ނިޒާމު އެންމެ ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރަމުންދަނީ ރައީސް މުޢިއްޒު" ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މިއީ ރަށްރަށުގެ ކައުންސިލްތަކުގެ ތާއީދު ލިބިފައިވާ މިންވަރު ދައްކުވައިދޭ ހެއްކެކެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް މަސްވެރިންގެ ފަރާތުން ވެސް ވަރަށް ބޮޑު ތާއީދެއް ލިބެމުންދެއެވެ. މިސާލަކަށް، އައިސްޕްލާންޓު ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް ރަށްރަށުގެ ކައުންސިލްތަކުން ބިން ހިލޭ ދީފައިވާކަން މިފްކޯއިން ވަނީ ހާމަކޮށްފައެވެ. މިއީ ސަރުކާރުގެ މަސައްކަތްތަކަށް ރަށްރަށުގެ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭކަން ހާމަކޮށްދޭ ކަމެކެވެ.
އިދިކޮޅު އެމްޑީޕީން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތް ކަމަށް ދައްކަން ފަތުރާ ޕްރޮޕެގެންޑާގައި އެއްވެސް ހަގީގަތެއް ނެތްކަން، އަތޮޅުތެރޭގެ ރަށްރަށުން އެމަނިކުފާނަށް ލިބެމުންދާ ހޫނު މަރުޙަބާގެ މަންޒަރުތަކުން ސާފުކޮށް އެނގެއެވެ.
ރައީސް މުޢިއްޒު ދަތުރުފުޅުކުރައްވާ ކޮންމެ ރަށަކުން ވެސް ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަން، ނޫސްތަކުގެ ރިޕޯޓުތަކާއި، ރައީސް އޮފީހުގެ ފޮޓޯ އަދި ވީޑިއޯތަކުގެ އިތުރުން ސޯޝަލް މީޑިއާގެ އެކިއެކި މަންސަތަކުން ވަރަށް ސާފުކޮށް އެހެރީ ހާމަވެ ފެންނާށެވެ. މި ހެކިތަކުގެ އަލީގައި، އިދިކޮޅު ފަރާތުގެ ދަޢުވާތަކަކީ ފެކްޓް ޗެކް ކުރެވުނު އިރު، އެއްވެސް ހަގީގަތެއް ނެތް، ސިޔާސީ މަޤްޞަދެއްގައި ފަތުރާ ޕްރޮޕެގެންޑާއެއް ކަމަށް ނިންމެއެވެ.
Ads by MACL
