ސާބިތުވެ ހުންނެވީ ކުރެއްވި ސުވާލުތަކަށް، ޖަވާބު ދެއްވުންވެސް ފުރިހަމަ!
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޙާޟިރުވެވަޑައިގެން، އިދިކޮޅު މެމްބަރުންގެ ހޫނު ސުވާލުތަކާ ކުރިމަތިލައްވައި، އެމަނިކުފާނުގެ ސާބިތުކަމާއި ޒިންމާދާރުކަން ދިވެހި ރައްޔިތުންނަށް ދައްކުވައިދެއްވައިފިއެވެ.
އެއީ ވަޒީރަކު މަޖިލީހުގައި ޖަވާބުދާރީވާން ޖެހޭނެ އެންމެ ފުރިހަމަ ނަމޫނާއެވެ. ކޮންމެ ސުވާލަކަށްވެސް އެއްވެސް ޖެހިލުމެއްނެތި، ހެކިތަކާއެކު ޖަވާބު ދެއްވުމުގައި ޑރ. ޝަހީމް ދެއްކެވި ހިތްވަރާއި ކެރުމަށް ތަޢުރީފު ހައްޤެވެ.
ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކުން މަޖިލީހުގެ ތަޅުން ހޫނުވެގެން ދިޔައެވެ. ނާޒިލް ތުހުމަތު ކުރެއްވި ގޮތުގައި، ހިތަދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހުއްޓިފައިވަނީ މި ސަރުކާރުން ކޮންޓްރެކްޓަރަށް ފައިސާ ނުދީގެން ކަމަށެވެ. މިއީ ސީދާ ވަޒީރަށާއި ސަރުކާރަށް އަމާޒުކުރި ވަރުގަދަ ތުހުމަތެކެވެ.
Ads by BMLނަމަވެސް، ޑރ. ޝަހީމް އެ ތުހުމަތަށް ޖަވާބު ދެއްވަން ފެއްޓެވީ ސާބިތުކަމާއި ފުރިހަމަ ޔަޤީންކަމާއެކުގައެވެ.
"ތިޔަ ހިއްސާކުރެއްވި މައުލޫމާތަކީ މުޅިން ހަގީގަތާ ޚިލާފު މައުލޫމާތެއް،" މިނިސްޓަރުގެ ޖަވާބު ފެށުނީ މިހާ ސާފު، ސީދާ ޢިބާރާތަކުންނެވެ. އެމަނިކުފާނު ހާމަކުރެއްވި ގޮތުގައި، އެ މަޝްރޫޢުގެ އެއްވެސް ބިލެއް ނުދައްކައެއް ނޯންނާނެއެވެ. އަދި މަސައްކަތް ލަސްވަނީ އެމްޑީޕީ ސަރުކާރުން "ކެޕޭސިޓީ" ނެތް ކުންފުނިތަކާ މަޝްރޫޢުތައް ޙަވާލުކޮށްފައި ވުމުން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރުގެ މި ސާފު، ހަރުދަނާ ޖަވާބުތަކަކީ އިދިކޮޅު މެމްބަރުންނަށް ހަޖަމު ކުރަން ފަސޭހަ ޖަވާބުތަކަކަށް ނުވިއެވެ. އެމްޑީޕީ މެމްބަރުން ކެކިގެން އަރައި، އަޑުގަދަކުރައްވަން ފެއްޓެވީ ޑރ. ޝަހީމްގެ ޖަވާބުތަކުގެ ތެދުކަމާއި ހަރުދަނާކަން ގަބޫލުކުރަން ދަތިވުމުންނެވެ. އެހެނަސް، ޑރ. ޝަހީމް ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވައެވެ. "އިއްޒަތްތެރި މެންބަރު އަޑުއައްސަވާ. ސުވާލުކުރައްވާފައި ޖަވާބު އަޑުއައްސަވަން ވާނެ އެނގޭތޯ،" މިހެން ވިދާޅުވެ، ޒިންމާދާރުކަމާއެކު ޖަވާބު އަޑުއެހުމަށް މެމްބަރުންނަށް ގޮވާލެއްވިއެވެ.
މިނިސްޓަރު ޝަހީމްގެ ޖަވާބުތައް އިތުރަށް ވަރުގަދަވީ، އެމްޑީޕީ ސަރުކާރުން ދޫކޮށްފައި ދިޔަ ދަރަނިތަކުގެ ވާހަކަ ހާމަކުރެއްވުމުންނެވެ. މި ސަރުކާރުން މިނިސްޓްރީގެ ކުރީގެ މަޝްރޫޢުތަކަށް 170 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި، އެމަނިކުފާނު ވުޒާރާއާ ޙަވާލުވެވަޑައިގެންނެވި އިރު 50 މިލިއަން ރުފިޔާގެ ދަރަނި އޮތްކަން ހާމަކުރެއްވިއެވެ.
"50 މިލިއަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީ ދަރުވާފައި ދިޔައީ. ލަދުގަންނަން ޖެހޭނެ ސުވާލުކުރަން،" ޑރ. ޝަހީމްގެ މި ކެރިގެން ވިދާޅުވި ބަސްފުޅަކީ، އެމަނިކުފާނުގެ ޒިންމާދާރުކަމާއި، ތެދުވެރިކަމުގެ ހެއްކެކެވެ. ދޮގު މައުލޫމާތު ފަތުރައިގެން ސަރުކާރު ބަދުނާމުކުރަން އުޅުނު ފަރާތްތަކަށް މިއީ ވަރަށް ސާފު އަދި ހޫނު ރައްދެކެވެ.
މިނިސްޓަރުގެ ޖަވާބުތަކުގެ ކުރިމަތީގައި އިދިކޮޅު މެމްބަރުންނަށް އިތުރަށް ބަޙުސްކުރާނެ ޖާގައެއް ނުލިބުނެވެ. ނަތީޖާއަކަށްވީ، މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގައި، އަޑުގަދަކޮށް، މިނިސްޓަރާ ދިމާއަށް އައިސް ނުރުހުން ފާޅުކުރުމެވެ. މިއީ ޙަޤީޤަތާ ކުރިމަތިލާން ނުކެރި، ބަލި ގަބޫލުކުރަން ބޭނުންނުވި ބައެއްގެ ޢަމަލުތައް ހުރިނެ ގޮތް ދައްކުވައިދިން މަންޒަރެކެވެ.
ޖުމްލަކޮށް ބުނާނަމަ، މިއަދުގެ މަޖިލިސް ޖަލްސާއިން ފެނިގެންދިޔައީ ޑރ. ޝަހީމްއަކީ ކޮންމެ ގޮންޖެހުމަކާވެސް ހިތްވަރާއެކު ކުރިމަތިލައްވައި، ތެދު ހާމަކުރުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ޒިންމާދާރު ވަޒީރެއްކަމެވެ. އެމަނިކުފާނުގެ ޖަވާބުތައް ސާދާވެފައި ފުރިހަމަވުމުގެ އިތުރުން އެއީ އިދިކޮޅުގެ ދޮގު ތުހުމަތުތަކުގެ ބާރު ކަނޑުވާލި ވަރުގަދަ ހެކިތަކެކެވެ.
Ads by MACL
