ރައީސް ޑރ. މުޢިއްޒު އާއި އިންފަންޓީނޯ ކުޑަކުދިންގެ ހިތްތައް ފަތަހަކޮށްފި
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ގަލޮޅު ދަނޑަށް ވަޑައިގެންނެވުމާއެކު، އެތަނުގައި އުފެދުނީ އުފާވެރިކަމުގެ ރާޅުތަކެކެވެ. ރާއްޖޭގެ އެކި ފުޓްބޯޅަ އެކެޑެމީތަކާއި ޖޫނިއާ ޓީމުތަކަށް ނިސްބަތްވާ އެތައް ސަތޭކަ ކުޑަކުދިންތަކެއްގެ ހުނަރުވެރިކަމާއި ފޯރި، ދަނޑުތެރެއިން ފެނިގެންދިޔައީ، ފުޓްބޯޅައިން ކުރިއެރުމަށް ޒުވާން ޖީލެއް ތަރައްގީކުރުމުގެ މުހިންމުކަމާ މެދު އިންފަންޓީނޯ ދެއްކެވި ވާހަކަފުޅުގެ ދިރިހުރި ހެއްކެއްގެ ގޮތުގައެވެ.
މިއީ އިންފަންޓީނޯގެ ރަސްމީ ދަތުރުފުޅުގެ ޝަރަފުގައި ބޭއްވި ހާއްސަ ފުޓްބޯޅަ އެގްޒިބިޝަނެކެވެ. ނަމަވެސް، އެތަނަށް ޖަމާވި ކުޑަކުދިންނަށް މިއީ އީދެކެވެ. އެކުދިން އެންމެ ބޮޑަށް އިންތިޒާރު ކުރަމުން ދިޔައީ ރައީސް މުއިއްޒުގެ ޓީމާއި އިންފަންޓީނޯގެ ޓީމާ ދެމެދު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗަށެވެ. މެޗުގެ ކުރިންނާއި ފަހުން، މި ދެ ބޭފުޅުން ވަށާލައިގެން ތިބި ކުޑަކުދިންތައް، އެބޭފުޅުންގެ އޮޓޯގްރާފަށް އެދެމުން ދިޔައެވެ. ބައެއް ކުދިން ޖާޒީއާއި ބޫޓު ދިއްކުރިއިރު، އަނެއްބަޔަކު ގަނޑުކޮޅެއްގައި ސޮއިކުރުވުމުން ވެސް އުފާ ލިބިގަތެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 6-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންފަންޓީނޯގެ ޓީމެވެ. އެ ޓީމު ވަރުގަދަވީ ހަމައެކަނި އިންފަންޓީނޯ ހިމެނިވަޑައިގެންނެވުމަކުން ނޫނެވެ. އިޓަލީއަށް ވޯލްޑް ކަޕް ހޯދައިދިން ލެޖެންޑް މާކޯ މަޓެރާޒީ އާއި ރާއްޖޭގެ ފުޓްބޯޅައިގެ ރަން ތަރިން ކަމަށްވާ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)، މުހައްމަދު އުމެއިރު، އަދި ކޯޗު އަލީ ސުޒޭން ފަދަ ތަޖުރިބާކާރުން އެ ޓީމުގައި ތިއްބެވެ.
Ads by BMLއަނެއްކޮޅުން، ރައީސް މުއިއްޒުގެ ޓީމުގައި އެމަނިކުފާނުގެ ދަރިކަލުން އުމޭރު މުހައްމަދު މުއިއްޒުގެ އިތުރުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އޭޖީ އަހުމަދު އުޝާމް އަދި ކެބިނެޓްގެ އިސް ބޭފުޅުން ހިމެނިވަޑައިގެންނެވިއިރު، ޓީމުގެ ކޯޗަކީ ނާއިބް ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
މެޗުގައި ތަރިންގެ ފެންވަރު ފެނިގެންދިޔައެވެ. މަޓެރާޒީ ވަނީ ބޮލުން ޖެހި ގޯލަކާއި ހުނަރުވެރި އޯވާހެޑް ކިކަކުން ދެ ގޯލު ޖަހައިފައެވެ. ރާއްޖޭގެ "އީގަލް" ޓޮމް ވެސް ވަނީ ގޯލެއް ޖަހައި، އޭނާގެ މަޝްހޫރު ސެލެބްރޭޝަން ދައްކާލާފައެވެ. ރައީސްގެ ޓީމަށް ގޯލުތައް ކާމިޔާބުކޮށްދެއްވީ ރައީސް މުއިއްޒު، އެމަނިކުފާނުގެ ދަރިކަލުން އުމޭރު، މިނިސްޓަރު އަބްދުﷲ ނާސިރު އަދި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީއެވެ.
މެޗު ނިމުމާއެކު، ދަނޑުތެރެ އަނެއްކާވެސް ފުރާލީ މުސްތަގުބަލުގެ ތަރިންނެވެ. އެއީ ހަމައެކަނި ފުޓްބޯޅަ މެޗެއް ނޫނެވެ. އެއީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލު ބިނާކުރާނެ ކުޑަކުދިންގެ ހިތްތަކުގައި އާ އުންމީދެއް އުފައްދައިދިން، އަގުނުކުރެވޭނެ ހަނދާނެކެވެ. އެ ކުދިންނަށް ލިބުނު ސޮއިތަކަކީ، އެ ކުދިންގެ ހުވަފެންތަކުގައި ކުލަޖައްސައިދޭނެ ހިތްވަރެކެވެ.
Ads by MACL
