ރައްޔިތުން ބޭނުންވާ ގޮތް ސަރުކާރުގައި އެދޭށެވެ. ރައްޔިތުންގެ ހިޔާލު އޮތްގޮތް ސަރުކާރުން ބަލައިދޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރެވެނީ ރައްޔިތުންގެ ބައިވެރިވުމާއި ޚިޔާލަށް އިސްކަންދިނުން ކަމަށް ވެއެވެ. ސަރުކާރުގެ މަޤްޞަދަކީ ރައްޔިތުންގެ އަޑުއަހައި، އެމީހުންގެ ބޭނުންތަކާއި ޝުޢޫރުތަކަށް ރިޢާޔަތްކޮށްގެން ސިޔާސަތުތައް ކަނޑައެޅުމެވެ. މި ސަރުކާރުން ރައްޔިތުންނަށް އެހީތެރިވެ، އެމީހުންގެ ޚިޔާލު ހޯދުމަށް ކުރައްވާ މަސައްކަތްތަކީ ފާއިތުވެ ދިޔަ އެއްވެސް ސަރުކާރެއްގައި ނުކުރާ މިންވަރަށް ރައްޔިތުންނާ ގުޅިގެން ކުރިއަށްގެންދާ ސިޔާސަތުތަކެކެވެ.
ރައީސް ޑރ. މުޢިއްޒު މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ގިނަ އަތޮޅުތަކަށް ދަތުރުފުޅުތައް ކުރައްވައި، ރަށްރަށުގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވާފައިވާކަން ފާހަގަކުރެވެއެވެ. މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމާއި، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އެމީހުންގެ ޚިޔާލު ހޯދުމެވެ. މި ގާތް ގުޅުމުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ވަނީ ތަފާތު މަސައްކަތްތައް ފަށާފައެވެ.
ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ބޮޑު މަޝްރޫޢެއް ފަށާފައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ހުރިހާ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިކޮށްދިނުމެވެ. އަދި ރަށު ފެންވަރުގައި ތަރައްޤީގެ މަސައްކަތްތައް ކުރިއެރުވުމުގެ ގޮތުން، ރައްޔިތުންނަށް ނަފާވާނެ ގޮތަށް، ރަށުގެ އިޤްތިޞާދަށް ކުރިއެރުން ލިބި، ވަޒީފާގެ ފުރުޞަތު އިތުރުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.
Ads by BMLރައްޔިތުންގެ ޚިޔާލަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާޅުކޮށްދޭ އެންމެ ފަހުގެ ހެއްކަކީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް އުފައްދަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް 2025 އޮކްޓޫބަރު 25 ގައި ނެގުނު ރިފަރެންޑަމް ވޯޓެވެ. މި ވޯޓަކީ، އިދާރީ ދާއިރާތައް ބަދަލުކުރުމުގެ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން، ސަރުކާރުން އެ ސަރަޙައްދުގެ ރައްޔިތުންގެ ސީދާ ޚިޔާލު ހޯދުމަށް ކުރި މަސައްކަތެކެވެ.
ވޯޓުގެ ނަތީޖާއިން ދައްކާގޮތުގައި ހުޅުދޫ އާއި މީދޫގެ ގިނަ ރައްޔިތުން ބޭނުންވީ ވަކި ކައުންސިލްތަކެއް އުފައްދާށެވެ. ނަމަވެސް، ފޭދޫގެ ގިނަ ރައްޔިތުން ބޭނުންވީ ސިޓީ ކައުންސިލާއެކު ދެމިތިބެންނެވެ. މި ނަތީޖާއިން ދޭހަވަނީ، ރައްޔިތުންގެ ޚިޔާލު ހުރިގޮތަށް ސަރުކާރުން ޢަމަލުކުރާނެކަމުގެ ޔަޤީންކަމެވެ. މިއީ ޑިމޮކްރެސީގެ އަސާސްތަކަށް ސަރުކާރުން އިޙްތިރާމްކުރާ މިންވަރު ހާމަކޮށްދޭ، އަދި ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރާ ނަމޫނާ މިސާލެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންނާ ގާތް، ރައްޔިތުންގެ އަޑުއަހާ ސަރުކާރެއްކަން މި ހެކިތަކުން ސާބިތުވެއެވެ. އައްޑޫ ސިޓީގެ ރިފަރެންޑަމް ވޯޓަކީ، ރައްޔިތުންގެ ޚިޔާލު ހޯދައި އެ ޚިޔާލަށް ތަބާވުމުގެ ސިޔާސަތުގެ ފާޅުކުރާ މިސާލެކެވެ. ރައްޔިތުންގެ ބޭނުންތައް ފުއްދައި، އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ތާއީދުކުރަމެވެ.
މިފަދަ ކޮންމެކަމަކަށްވެސް މިސަރުކާރުން އެދެނީ ރައްޔިތުންގެ ވިސްނުން ސަރުކާރުގައި ހާމަކުރުމެވެ. އެވިސްނުމަކަށް ސަރުކާރުން ވިސްނަވާ ދުރުރާސްތާ ޕްލޭންތައް ހެދުމަށްފަހު ރައްޔިތުން އެދޭގޮތަކަށް އެކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެބަދުވެސް ރައީސް ޑރ.މުއިއްޒު ދެއްވައެވެ. މިއީ ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ބާރުގައި ހިންގަމުންދާ ފުރިހަމަ ޑިމޮކްރަސީ ގެ ލާމަސީލް މިސާލެކެވެ.
Ads by MACL
