ދިވެހި ފުރަތަމަ ސީއީއޯއާއި އެކު ދިވެހީންގެ ބޭންކް ދިވެހީންނަށް!
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އަދި ޤައުމީ ބޭންކެވެ. މި މުއައްސަސާގެ ހިންގުމަށް ފުރަތަމަ ފަހަރަށް ދިވެހި ސީއީއޯއެއް ކަމަށްވާ މުޙައްމަދު ޝަރީފް ހަމަޖެއްސެވުމަކީ، މި ސަރުކާރުން އަޅުއްވާފައިވާ ހަރުދަނާ އަދި ދުރުވިސްނޭ ފިޔަވަޅެކެވެ. ސީއީއޯ ޝަރީފްގެ ކުރު މުއްދަތުގެ ޒަޢާމަތުގައި ބީއެމްއެލްއަށް ލިބިފައިވާ މާލީ އަދި ޚިދުމަތުގެ ކުރިއެރުންތަކަކީ، އެމަނިކުފާނުގެ ހިންގުންތެރިކަމަށް ދިވެހިންނަށް އޮތް އިތުބާރު ބޮޑުވެގެން ގޮސްފައިވާ ސާފު ހެއްކެކެވެ.
ސީއީއޯ މުޙައްމަދު ޝަރީފް ބީއެމްއެލްގެ ހިންގުމާ ހަވާލުވެވަޑައިގަތީ، ބޭންކުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގައެވެ. ޚާއްޞަކޮށް ޑޮލަރުގެ މުޢާމަލާތްތަކުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އޭރުގެ އަހަރީ ރިޕޯޓުތަކުން ވެސް ފާހަގަވެފައިވެއެވެ. ބޭންކުގެ ޑޮލަރުގެ ހާލަތު ރަނގަޅުކުރުމަށް ސީއީއޯ ޝަރީފް ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
"ބޭންކުގެ ޑޮލަރ އެކްސްޗޭންޖް ޕޮޒިޝަން ހުންނަން ޖެހޭ ވަރަށް ވުރެ މާދަށަށް ގޮސް ޖެހިގެން އައި 4 އަހަރު ތެރޭ މާބޮޑު ކުރިއެރުމެއް ނުލިބި، އަޅުގަނޑު މަޤާމާއި ހަވާލުވިއިރު ހުރީ 20 އިންސައްތައިގައި. މިހާލަތަކީ ހުރިހާ ގޮތަކުން ޑޮލަރު ވިއްކުން ހުއްޓާލަން ޖެހިދާނެ މިންވަރެއް" ޝަރީފް ވިދާޅުވިއެވެ.
Ads by BMLމި ނުރައްކާތެރި ހާލަތުން އަރައިގަތުމަށް، މާލީ ވުޒާރާގެ އެހީތެރިކަމާއެކު އަދި ބޭންކުގެ ބޯޑުން ނިންމެވި ހަރުދަނާ ނިންމުންތަކުގެ ސަބަބުން، ކުރު މުއްދަތެއްގެ ތެރޭގައި ޑޮލަރު އެކްސްޗޭންޖް ޕޮޒިޝަން މައިނަސްއިން ޕޮޒިޓިވްއަށް ސީއީއޯ ޝަރީފް ބަދަލުކުރައްވައިފިއެވެ. މި ކާމިޔާބީގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރު ކުރެވޭ ހާލަތަށް ބޭންކުގެ ހާލަތު ރަނގަޅު ކުރެވިފައިވާ ކަމަށް ސީއީއޯ މުޙައްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. މިކަމުގެ ދަލީލެއްގެ ގޮތުން، ވިޔަފާރިތަކަށް ޓީޓީ ކުރުމަށް ދޫކުރާ މިންވަރު 50% (ފަންސާސް އިންސައްތަ) އަށް އިތުރުކޮށް، ކާޑުތަކަށް ދޫކުރާ ލިމިޓުވެސް މިހާރުވަނީ ބޮޑުތަނުން ބޮޑުކޮށްފައެވެ.
ބޭންކުގެ ހިންގުން ހަރުދަނާކަމާއެކު ކުރިއަށް ގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލްއިން 475 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވަނީ ހޯދައިފައެވެ. މިއީ ބޭންކުގެ ހިންގުމުގެ ހަރުދަނާކަމާއި ކުރިއެރުން ދައްކުވައިދޭ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 10% (ދިހަ އިންސައްތަ) ގެ ކުރިއެރުމެކެވެ.
"އަޅުގަނޑުމެން ފަހުރުވެރިވަނީ ހަމައެކަނި މި ހަރުދަނާ ނަތީޖާއަކަށް ނޫން. މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގުތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތާމެދު ވެސް އަޅުގަނޑުމެން ފަހުރުވެރިވޭ" މި ނަތީޖާއާ ގުޅޭގޮތުން ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
ސީއީއޯ ޝަރީފްގެ ކާމިޔާބީއަކީ، ކުރީގެ ބިދޭސީ ސީއީއޯއިންނަށް ބޮޑެތި މުސާރަތައް ދީގެން ވެސް ހާސިލުނުވި ކާމިޔާބީތަކެކެވެ. ބޭރުގެ ފަރާތްތަކުން ބޭންކު ހިންގި ދުވަސްވަރު، ޚާއްޞަކޮށް ޑޮލަރުގެ މައްސަލަ އޮތީ ބޮޑުވެފައެވެ. ބިދޭސީ ސީއީއޯއިންނަށް ބޮޑެތި މުސާރަ ދީގެން ވެސް ޤައުމީ ބޭންކުގެ މާލީ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް ޑޮލަރުގެ ޚިދުމަތް ފަސޭހަކޮށްދިނުމުގައި އެދެވޭ ކުރިއެރުމެއް ފެނިފައެއް ނުވެއެވެ.
މިކަމުން ދައްކުވައިދެނީ، ޤައުމީ މުއައްސަސާއެއްގެ ހިންގުން ދިވެހި ދަރިންނާ ހަވާލުކުރުމުގެ މުހިންމުކަމާއި، ދިވެހި ދަރިންނަށް އެކަން އެންމެ ފުރިހަމައަށް ކުރެވޭނެކަމެވެ. އެހެންކަމުން، ކުރީގެ ބިދޭސީ ސީއީއޯއިންނަށް ބޮޑު މުސާރަ ދީގެން ވެސް ނުފެނުނު ހަރުދަނާ ނަތީޖާއެއް ދިވެހި ސީއީއޯއެއްގެ ދަށުން ފެނިގެންދިއުމަކީ، ޤައުމީ މުއައްސަސާތަކުގެ ހިންގުން ދިވެހި ދަރިންނާ ހަވާލުކުރުމަށް މި ސަރުކާރުން އެޅުއްވި ހަރުދަނާ މި ފިޔަވަޅަށް ތާއީދުކުރަންޖެހޭ މުހިންމު ސަބަބެކެވެ.
މާލީ ހަރުދަނާކަމުގެ އިތުރުން، ސީއީއޯ ޝަރީފްގެ ޒަޢާމަތުގައި ބީއެމްއެލްގެ ޚިދުމަތްތައް ވަނީ މުޅި ރާއްޖެއަށް ފުޅާކޮށް، ޑިޖިޓަލް ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެންމެ ނުވަ މަސް ދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫޢު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ރައްޔިތުންނަށް މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވުމުގެ މަގު ފަހިވެގެންދިޔައެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު ފައިސާގެ މުޢާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" ވެސް ބީއެމްއެލްއިން ވަނީ ތަޢާރަފްކޮށްފައެވެ. މިއީ 100% ދިވެހީން އުފައްދައި ތަރައްޤީކޮށްފައިވާ އުފެއްދުމެއްކަން ފާހަގަކޮށްލެވެއެވެ.
"ސްވައިޕަކީ އަޅުގަނޑުމެން ޑިޖިޓަލްކޮށް ކުރާ ފައިސާގެ މުއާމަލާތަށާއި މާލީ ދާއިރާގައި ރާއްޖެއަށް ލިބުނު މުހިންމު ކުރިއެރުމެއް. މިއީ ރާއްޖެއާއި ބޭރަށް ފަސޭހަ، ރައްކާތެރި އަދި އަވަސް މާލީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ދިވެހީން ފަރުމާކޮށް ތައްޔާރުކޮށްފައިވާ ވޮލެޓެއް" ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
ސްވައިޕްގެ ސަބަބުން ފްރީލާންސަރުންނާއި އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ މުޢާމަލާތްތައް ކުރުމަށް ފަސޭހަވެގެންދާނެއެވެ.
އަދި މީގެ އިތުރުންވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚިދުމަތްދޭ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ބީއެމްއެލްއިން ހޯދުމަކީ، ޤައުމުގެ އިޤްތިޞާދަށް ފުދުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ޝަރީޢާ ކޮމްޕްލައިންޓް ޚިދުމަތްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް އެސްޑީއެފްސީ، ބަދަލުވެގެންދާނެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ފުރަތަމަ ދިވެހި ސީއީއޯ މުޙައްމަދު ޝަރީފްގެ ޒަޢާމަތުގައި، ކުރު މުއްދަތެއްގެ ތެރޭގައި ބޭންކުގެ މާލީ ހާލަތު ވަނީ ހަރުދަނާވެ، ބޮޑެތި ފައިދާތައް ހޯދާފައެވެ. ޑޮލަރުގެ މުޢާމަލާތްތަކުގައި ހުރި ގޮންޖެހުންތައް ޙައްލުކޮށް، ރައްޔިތުންނަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރެވޭ ހާލަތަށް ބޭންކު ގެނެސްފައިވާކަމީ ފާހަގަކޮށްލެވޭ ކަމެކެވެ. މި ކާމިޔާބީތަކުގެ އަލީގައި، ބީއެމްއެލްއަކީ ހަމައެކަނި ފައިދާއަށް މަސައްކަތްކުރާ ބޭންކަކަށް ވުމުގެ ބަދަލުގައި، "ދިވެހީންގެ ބޭންކް" ގެ މަޤާމުގައި ޤައުމީ ތަރައްޤީއަށް މަސައްކަތްކުރާ މުއައްސަސާއަކަށް ބަދަލުވެފައިވާކަން ފާހަގަކޮށް، ސީއީއޯ މުޙައްމަދު ޝަރީފްގެ ހިންގުންތެރިކަމަށް ތާއީދުކޮށް، މި ކާމިޔާބީތަކަށް މަރުޙަބާ ދަންނަވަމެވެ.
Ads by MACL
