ހުޅުދޫ-މީދޫގެ ގިނަ ރައްޔިތުންގެ 15 އަހަރުވީ އިންތިޒާރު ނިމުމަކަށް: ރައީސް މުއިއްޒަށް ބްރިޖާއި، ހީރޯގެ ލަގަބު!
ވަކި ކައުންސިލަކަށް އެދި ހުޅުދޫ-މީދޫގެ ރައްޔިތުން ކުރަމުން އައި 15 އަހަރުގެ ދިގު އިންތިޒާރު ނިމުމަކަށް ގެންނަވައިދެއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އެ ދެ ރަށަށް ވަޑައިގަތުމުން، އެމަނިކުފާނަށް އެ ރަށުގެ ރައްޔިތުން ވަނީ 'ހީރޯ' އާއި ރައްޔިތުންގެ އުންމީދުތަކާއި ތަރައްގީއާ ދެމެދު އެޅުނު 'ބްރިޖް' ގެ ލަގަބު ދީ، ތާރީޚްގައި ދެކެފައިނުވާ ފަދަ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސް މުއިއްޒު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ އެ ދެ ރަށަށް ވަޑައިގަތުމަކީ، އެމަނިކުފާނު އެ ރައްޔިތުންނަށް ދެއްވާ އަހަންމިއްޔަތު ހާމަކޮށްދެއްވުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މިއަދު ހެނދުނު 10:00 ހާއިރު ރައީސްގެ ލޯންޗުކޮޅު ހުޅުދޫ-މީދޫ ބަނދަރާ ގާތްކުރިއިރު، މުޅި ބަނދަރު ސަރަހައްދު އޮތީ ރަށުގެ ކުދިބޮޑު އެތައް ސަތޭކަ ރައްޔިތުންނަކުން ފުރިފައެވެ. އަތްތަކުގައި ގައުމީ ދިދަ ހިފައި، ގައުމީ ހެދުމުގައި ތުއްތު ކުދިން ޒީނަތްތެރިވެފައި ތިބި މަންޒަރުން މުޅި ސަރަހައްދަށް ގެނެސްދިނީ އީދެއްގެ އުފާވެރިކަމާއި ޝުކުރުވެރިކަމުގެ އިހުސާސްތަކެވެ. އެ ރަށުގެ ރައްޔިތުން ބުނާ ގޮތުގައި، މިއީ ރައީސަކަށް މަރުޙަބާ ދެންނެވުމަށް މިހާ ގިނަ ބަޔަކު މަގުމައްޗަށް ނުކުތް ފުރަތަމަ ފަހަރެވެ.
Ads by BML"15 އަހަރުވީ އަޅުގަނޑުމެން ވަކި ކައުންސިލެއް ބޭނުންވެގެން އެދެމުން އަންނަތާ. އެތައް ސަރުކާރަކަށް މި ޝަކުވާ ހުށަހެޅިން. އެކަމަކު އެކަން ހަގީގަތަކަށް ހަދައިދެއްވީ ރައީސް މުއިއްޒު. އެމަނިކުފާނަކީ އަޅުގަނޑުމެންގެ ހީރޯ. އަޅުގަނޑުމެންގެ އުންމީދުތަކާ ގުޅުވައިދެއްވި ބްރިޖް،" ރައީސަށް މަރުޙަބާ ދަންނަވަން ނުކުމެ ހުރި މެދުއުމުރުގެ ފިރިހެނަކު އުފަލުން ފުރިގެން ހުރެ ބުންޏެވެ.
ރައީސް މުއިއްޒު، އެމަނިކުފާނުގެ ދަތުރުފުޅަކީ ހަމައެކަނި ރަމްޒީ ދަތުރުފުޅަކަށް ނުހައްދަވާ، ހުޅުދޫ-މީދޫގެ ރައްޔިތުންނަށް އަމަލީ ގޮތުން ގިނަގުނަ ތަރައްގީގެ މަޝްރޫއުތަކެއް ވަނީ ހަދިޔާކުރައްވާފައެވެ. އެގޮތުން، ދެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު އިފްތިތާޙް ކޮށްދެއްވައި، ބީއެމްއެލް އަދި އެމްއައިބީ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ފައްޓަވައި، ފިޓްނެސް ސެންޓަރުތަކާއި ޒަމާނީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުތަކުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ.
ހުޅުދޫ-މީދޫގެ ރައްޔިތުންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯއްދެވުމަށްފަހު، ރައީސްގެ ދަތުރުފުޅުގެ ދެން އޮތް މަންޒިލުތަކުގެ ތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، އަދި ފޭދޫއަށް ޒިޔާރަތް ކުރެއްވުން ހިމެނެއެވެ.
Ads by MACL
