ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

މޫދުން އެނބުރި އައިއިރު، މުޅި އުމުރުގެ ހުރިހާ ހަނދާނެއް އަޅިއަށް!

މޫދުން އެނބުރި އައިއިރު، މުޅި އުމުރުގެ ހުރިހާ ހަނދާނެއް އަޅިއަށް!

މޫދަށްގޮސް އާއިލާގެ އެންމެން އެކުގައި ހިތްހަމަ ޖައްސަލާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލި ހިތްފަސޭހަ މެންދުުރެކެވެ. އެ އުފާވެރި ވަގުތުކޮޅު ނިންމާލުމަށްފަހު، އަމިއްލަ ހިޔާވަހިކަމުގެ އަމާންކަމަށް އެނބުރި އައުމުގެ އުންމީދުގައި ތިބި ނ. ވެލިދޫ "ދިވެހިގޭ" ގެ 8 މެންބަރުންގެ އާއިލާއަށް، އެއީ ހަޔާތުގެ އެންމެ ހިތްދަތި، އަދި އެންމެ އަނދިރި ދުވަހަށް ވެގެންދާނެކަމުގެ ހިލަމެއްވެސް ނުވެއެވެ. އެމީހުން މޫދުން އެނބުރި އައިއިރު، އެމީހުންގެ ގެއާއި، މުޅި ޢުުމުރުގެ ހަނދާންތަކާއި މުދާކޮޅު ދިޔައީ އަލިފާނުން އަނދާ އަޅިއަށް ވަމުންނެވެ.

އެ ހިތާމަވެރި ހާދިސާ ފެށުނީ، ގޭގެ އެންމެން މޫދަށް ގޮސް އުޅުނުތާ ގަޑިއެއްހާއިރު ފަހުންނެވެ. އެމީހުންގެ އުފާވެރި ވަގުތުކޮޅު ކުއްލިއަކަށް ބަދަލުކޮށްލީ، އަވަށްޓެރި ގެއެއްގެ ކުއްޖަކު ކުރި ފޯނުކޯލަކުންނެވެ. އެކޯލުން ލިބުނު ޚަބަރަކީ، ހިތް ފަޅައިގެންދާފަދަ ޚަބަރެކެވެ؛ "ތިގޭގައި އަލިފާން ރޯވެއްޖެ." ކަމުގެ ބިރުވެރި މެސެޖެވެ.

"އަޅުގަނޑުމެން ގެއަށް ދިޔައިރުވެސް ދުންގަނޑު މުޅި ހިސާބުގަނޑަށް ފެތުރެމުން ދިޔައީ. ހުރިހާ އެއްޗެއް ނިމުނީކަން އެނގުނީ," ރޮވިފައިވާ އަޑަކުން، އެގޭގެ މީހަކު ކިޔައިދިނެވެ.



ހަފްތާއެއް ނުވި އުންމީދު އަނދައި ހުލިވީ


މި ހާދިސާގައި އެންމެ ހިތްދަތިވި އެއް ކަމަކީ، އެ އާއިލާއިން އެމީހުންގެ ދިރިއުޅުން ތަނަވަސްކުރުމަށް ކުރަމުންއައި މަސައްކަތް، ލޯކުރިމަތީ ފެނިފެނި ހުއްޓާ އަޅިއަށް ވެގެން ދިޔުމެވެ. އެ ގެއަކީ ކުރިން އެއް ކޮޓަރިއާއި ސިޓިންރޫމެއް ހުރި ތަނެކެވެ. ނަމަވެސް އާއިލާ ބޮޑުވުމާއެކު، ދާދިފަހުން އިތުރު ކޮޓަރިއެއް ހަދައި، ފާހާނާއެއްލައި، ބޮޑުކުރި ބަޔެއް ވަނީ ހިޔާކޮށްފައެވެ.


"މިދިޔަ ހަފްތާގައި އަޅުގަނޑުގެ ފިރިމީހާ އައިސް އެ ދިޔައީ އެތަން ހިޔާކޮށްފައި. އެ މަސައްކަތް ނިމުނުތާ ހަފްތާއެއްވެސް ނުވޭ،" އެ އަންހެންމީހާގެ އަޑުގައިވީ ހިތްދަތިކަން ވަޒަންކުރަންވެސް ދައްޗެވެ. އާއިލާގެ އުންމީދުތަކާއި އެކު ބިނާކުރި އެ ފާރުތައް، އަދި އެ ހިޔާ، ހަފްތާއެއް ނުވަނީސް އަނދާ އަޅިއަށްވެ ހުލިވީއެވެ.

އެއްބައިވަންތަކަމުގެ ރޫޙު: ރައްޔިތުންނާއި ރިސޯޓުގެ އެހީ

މި ބޮޑު މުސީބާތުގެ ތެރޭގައިވެސް، ވެލިދޫގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ފެނިގެންދިޔައެވެ. އަލިފާންގަނޑު ނިއްވުމަށް ކައުންސިލުގެ ޕަންޕު ހަލާކުވެފައި އޮތުމުން، އެވަގުތު އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ކައިރީގައި އޮތް ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުގެ މުވައްޒަފުންނާއި، ވެލިދޫގެ ރައްޔިތުންނާއި، ކައުންސިލްގެ މުވައްޒަފުން ގުޅިގެން ކުރި ބުރަ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނެވެ. އެމީހުންގެ ހިތްވަރާއި ހިލޭސާބަހަށް ކުރި މަސައްކަތުން، ގެއާ ވަކިން ހުރި ބަދިގެއާއި، އެއް ކޮޓަރި ސަލާމަތް ކުރެވުނެވެ.

ނަމަވެސް، ސަލާމަތްވި ކޮޓަރީގެ ފާރުތަކުގައިވެސް ރެނދުލާފައިވާތީ އެތަނުގައި ދިރިއުޅުމަކީ މިހާރު ރައްކާތެރިކަމެއް ނޫނެވެ.

ހާލުގައި ޖެހުނު އާއިލާގެ މުސްތަޤްބަލު

އަލިފާނުގެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބުނު ނަމަވެސް، އެ އާއިލާގެ ދިރިއުޅުން ވަނީ މުޅިން ބަނގުރޫޓުވެފައެވެ. ހިފާގެންގުޅުނު ހުރިހާ އެއްޗެއް، އެނދާއި ގޮދަޑިން ފެށިގެން، ދަރިންގެ ފޮތްތަކާ ހަމައަށް ވަނީ އަނދައި އަޅިއަށްވެފައެވެ.

ވެލިދޫ ކައުންސިލުގެ ރައީސް އާތިފް ހުސައިން ވިދާޅުވި ގޮތުގައި، އެ އާއިލާ މިހާރު ވަގުތީ ގޮތުން އާއިލީ ގުޅުން އޮންނަ ގެއެއްގައި ދިރިއުޅެމުން ދިޔަ ނަމަވެސް، އެމީހުންނަށް ދާއިމީ ހިޔާވައްސެއް ވަރަށް އަވަހަށް ބޭނުންވެއެވެ. އެމީހުންގެ މުސްތަޤްބަލާމެދު އުފެދިފައިވާ ސުވާލުތައް ގިނައެވެ.

ފުލުހުން ދަނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ. ނަމަވެސް ތަހުގީގުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، "ދިވެހިގެ" ގެ އާއިލާއަށް ލިބުނު ބޮޑު ހިތްދަތިކަމާއި ގެއްލުމަކީ ފޫބެއްދޭނެ ކަމެއް ނޫނެވެ. އެމީހުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ދިވެހި ރައްޔިތުންގެ އެހީތެރިކަމާއި ހިތްވަރެވެ.