ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ހިމޭން ޤާތިލު: ހަކުރުބަލީގެ ނުރައްކަލަށް ސަމާލުވޭ!

ހިމޭން ޤާތިލު: ހަކުރުބަލީގެ ނުރައްކަލަށް ސަމާލުވޭ!

އަޅުގަނޑުމެންގެ ތެރޭގައި ފާހަގަނުވެ، މަޑުމަޑުން ފެތުރެމުން އަންނަ ހިމޭން ޤާތިލެއް ވާކަން އެނގޭހެއްޔެވެ؟ އާއެކެވެ. އެއީ ހަކުރުބައްޔެވެ. ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަސް، ދުނިޔެ ފާހަގަކުރަނީ މި ހިމޭން ޤާތިލުގެ ނުރައްކަލާ މެދު މުޅި އިންސާނިއްޔަތު ހޭލުންތެރިކުރުވުމުގެ ދުވަހުގެ ގޮތުގައެވެ.

މިއީ ހަމައެކަނި ހަނދާނެއް އައުކޮށްލުމަށްވުރެ މާ ބޮޑު މަޤްޞަދެއްގައި ފާހަގަކުރާ ދުވަހެކެވެ. މިއީ މި ބަލީގެ ސަބަބުން އަޅުގަނޑުމެންނަށް ގެއްލިގެންދާ ފުރާނަތަކާއި، ހަލާކުވެގެންދާ ދިރިއުޅުންތަކުގެ ހަނދާނުގައި، މި ބައްޔާ ދެކޮޅަށް ހަނގުރާމަކުރުމަށް އަޒުމު އާކުރާ ދުވަހެކެވެ. މި ދުވަސް، އިންސުލިން ހޯއްދަވައި، މި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށް އެންމެ ވަރުގަދަ އެއް ހަތިޔާރު އިންސާނުންނަށް ހޯއްދަވައިދެއްވި ސަރ ފްރެޑެރިކް ބެންޓިންގްގެ އުފަންދުވަހާ ގުޅުވައިފައިވަނީ ވެސް މި ފަދަ މަތިވެރި ރޫޙެއްގައެވެ.


މި ހިމޭން ޤާތިލު ދުނިޔޭގެ މައްޗަށް އޭގެ ހިޔަނި އަޅަމުން އަންނަނީ ބިރުވެރި ހަލުވިމިނެއްގައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބުލިއުއެޗްއޯ) އާއި އިންޓަރނޭޝަނަލް ޑައިބެޓިސް ފެޑެރޭޝަން (އައިޑީއެފް) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 1990 ވަނަ އަހަރު 200 މިލިއަން މީހުންނަށް ޖެހިފައިވި މި ބަލި، މިއަދު ވަނީ 830 މިލިއަނަށް ވުރެ ގިނަ މީހުންގެ ދިރިއުޅުމަށް އަސަރުކޮށްފައެވެ. މިހާރުވެސް 589 މިލިއަން މީހުން މި ބަލީގެ ހިތިކަން ތަޙައްމަލުކުރަމުންދާއިރު، 2050 ވަނަ އަހަރު އަންނައިރު 853 މިލިއަން މީހުން މި ޤާތިލުގެ އަތްދަށުވާނެކަމަށް އަންދާޒާކުރެވެއެވެ. މިއީ ހަމައެކަނި ޢަދަދުތަކެއް ނޫނެވެ. މިއީ މި ވަބާ ހުއްޓުވުމަށް އަޅުގަނޑުމެން ފިޔަވަޅު ނާޅައިފިނަމަ، އިންތިޒާރުކުރަމުން އަންނަ ބިރުވެރި މުސްތަޤްބަލެއްގެ އިންޒާރެކެވެ.


މި ޤާތިލުގެ އެންމެ ނުރައްކާތެރި އެއް ސިފައަކީ، އެއީ ޢުމުރަކަށް ބަލައި ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށް ވެސް ޙަމަލާދިނުމެވެ. ތުއްތު ކުއްޖާ އިން ފެށިގެން ޢުމުރުން ދުވަސްވީ މުސްކުޅިޔާ އާ ހަމައަށް، ކޮންމެ މީހަކީ ވެސް އޭގެ ޝިކާރައަކަށް ވެދާނެއެވެ. އެހެންކަމުން، ބަލި ޖެހިފައިވާ ކޮންމެ ފަރުދަކަށް، އެމީހެއްގެ ޙާލަތާ ގުޅޭ ހަތިޔާރާއި، ދިފާޢުވުމުގެ އުކުޅުތައް އުނގަންނައިދީ، ނަފްސާނީ ގޮތުން އެމީހާ ވަރުގަދަކުރުމަކީ، މި ހަނގުރާމަ ކާމިޔާބުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.


އެހެންނަމަވެސް، މި ހިމޭން ޤާތިލާ ދެކޮޅަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅަކީ، އެއަށް ޙަމަލާދިނުމުގެ ފުރުޞަތު ނުދިނުމެވެ. އެއީ ރައްކާތެރިވުމެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަތަކަށް ގެންނަ ކުދިކުދި ހެޔޮ ބަދަލުތަކަކީ މި ޤާތިލާ ދެކޮޅަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅެވެ.


ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި، ހަކުރު ގިނަ ބާވަތްތަކާ ދުރުވުމާއި، ކޮންމެ ދުވަހަކު ކަސްރަތުކޮށް ހަށިގަނޑު ހަރަކާތްތެރިކުރުމާއި، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަކީ މި ޤާތިލު އަޅުގަނޑުމެންގެ ހަށިގަނޑުގެ ތެރެއަށް ވަނުމަށް ހުރަސްއަޅާނެ ކަންކަމެވެ. އަދި، ޚާއްޞަކޮށް ޢާއިލާގައި މި ބަލި ހުންނަ ނަމަ، ގަވާއިދުން ޓެސްޓް ހަދައި، ޤާތިލު ފިލައި އޮތްތޯ ބެލުމަކީ، އެއަށް ފުރުޞަތެއް ދިނުމުގެ ކުރިން އެކަން ހުއްޓުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ.


ދުނިޔޭގެ ހަކުރުބަލީގެ ދުވަހަކީ މި ހިމޭން ޤާތިލު އަޅުގަނޑުމެންގެ ދިރިއުޅުންތައް ހަލާކުކޮށްލުމުގެ ކުރިން، އަޅުގަނޑުމެން ހޭލާ ތިބެންޖެހޭކަން ހަނދާންކޮށްދޭ ދުވަހެކެވެ. މިއީ އަމިއްލަ ޞިއްޙަތުގެ ޒިންމާ ނަގައި، މި ބައްޔާ ދެކޮޅަށް އެންމެން އެކަތިގަނޑަކަށް ވެ، ޢަމަލުކުރުމަށް ގޮވާލާ ގޮވާލުމެކެވެ. މި ހަނގުރާމައިގައި އަޅުގަނޑުމެންނަށް ކާމިޔާބު ހޯދޭނީ، މި ޤާތިލުގެ ނުރައްކާތެރިކަން ދަނެ، އެއާ ދެކޮޅަށް މިއަދުން ފެށިގެން ފިޔަވަޅު އަޅައިގެންނެވެ.


މި ލިޔުމަކީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ލިޔެފައިވާ ލިޔުމެކެވެ. ޞިއްޙީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ޞިއްޙީ މާހިރެއްގެ ލަފާ ހޯއްދެވުން އެދެމެވެ.