ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ޕީއެންސީގެ ބިޔަބޮޑު އެއްވުން، އެނގިގެންދިޔައީ މިކަން ރާވައި އިންތިޒާމްކުރި ފަރާތުގެ ހުޝިޔާރުކަމާއި ކުޅަދާނަކަން!

ޕީއެންސީގެ ބިޔަބޮޑު އެއްވުން، އެނގިގެންދިޔައީ މިކަން ރާވައި އިންތިޒާމްކުރި ފަރާތުގެ ހުޝިޔާރުކަމާއި ކުޅަދާނަކަން!

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ މާލޭގެ އާޓިފިޝަލް ބީޗް ސަރަޙައްދުގައި ބޭއްވި ބޮޑު ޖަލްސާއަކީ ރާއްޖޭގެ ސިޔާސީ ތާރީޚްގައި މީގެކުރިން އެއްވެސް ޕާޓީއަކަށް އެއްތަނަކަށް އެއްކުރެވިފައިނުވާ ވަރަށް ގިނަ ބަޔަކު ބައިވެރިވި ބޮޑު އެއްވުމެކެވެ.
މިވަރުގެ އިވެންޓެއް މީގެކުރިން ނުބޭއްވޭކަމާއި، މިކަން ކުރި ފަރާތްތަކުގެ ކުޅަދާނަކަން ވަނީ ސިޔާސީ މަސްރަޙްގައި ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ.

ރާއްޖޭގެ މަޝްހޫރު ފުންނާބު އުސް ލިޔުންތެރިޔާ ހޯރަފުށީ މުޙައްމަދު ސަލީމް ވަނީ މި ޖަލްސާގެ ބޮޑުކަމާއި، އިންތިޒާމުތަކަށް ތަޢުރީފުކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ.

އޭނާ ވަނީ މި މަންޒަރަކީ "ބައިބޯކަމުގެ ސާފު މަންޒަރެއް" ކަމަށް ސިފަކުރައްވާފައެވެ.

ސަލީމްގެ ޕޯސްޓްގައި، މިވަރުގެ ކްރައުޑެއް އެއްރެޔަކަށް ޖަމާކޮށްލުމަކީ މިކަން ރާވާ އިންތިޒާމްކުރަން ތިބި ބައެއްގެ ހުޝިޔާރުކަން ޔަޤީންކުރެވޭ ކަމެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ. އޭނާ ވަނީ ޑީއާރުޕީ ވުޖޫދުވި މަރުޙަލާގައި ރައީސް މައުމޫނާއި ކައުންސިލުގެ އިރުޝާދުގެ ދަށުން ޕާޓީގެ އިދާރީ ހިންގުމުގެ އެންމެ އިސްކޮށް ހުރި ފަރާތެއްގެ ހައިސިއްޔަތުން، މިވަރުގެ ރެލީއެއް ބާއްވަން އިންތިޒާމް ކުރަންޖެހޭ ކަންކަމާއި، ކޯޑިނޭޝަންގެ ބުރަކަން އެނގިވަޑައިގަންނަވާކަން ބަޔާންކުރައްވާފައެވެ.

އެހެންކަމުން، މި ކާމިޔާބު ރެލީ އޮގަނައިޒް ކުރުމުގައި އިސްވެ ތިބި ޓީމަކީ ކޮބައިކަން ނޭނގުނަސް، އެ ޓީމަށް މަރުޙަބާ ވިދާޅުވެ، ޚާއްޞަކޮށް މާލެއަށް މެމްބަރުން ޓްރާންސްޕޯޓު ކުރުމުގައި ކުރި ބުރަ މަސައްކަތަށް އޭނާ ވަނީ ތަޢުރީފުކުރައްވާފައެވެ.

ސަލީމް ވިދާޅުވެފައިވާ ގޮތުގައި، ބައިބޯކޮށް މިވަރުގެ ކްރައުޑެއް އެއްކޮށްލެވޭނެ އޮތީ މިވަގުތަށް ދެ ޕާޓީއެވެ. އެއީ ޕީއެންސީއާއި އެމްޑީޕީއެވެ.

މި ޖަލްސާއަށް ބައިވެރިން ގެނައުމަށް ޕީއެންސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެ ގެނެސްފައެވެ.

ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ގެނައުމަށްޓަކައި ގައުމީ އެއާލައިން މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު ކަމަށްވާ އޭ330-200 ގެ ފްލައިޓެއް ވެސް އައްޑޫގެ ގަމަށް ބާއްވައި، އެ ސަރަޙައްދުގެ ސަޕޯޓަރުން މާލެ ގެނެސްފައިވެއެވެ. މީގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓުތަކުގެ ފްލައިޓްތަކާއި، މާލެ ކައިރި ރަށްރަށުން ލޯންޗްތަކުގައި ވެސް ގިނަ ބަޔަކު ވަނީ މާލެ އައިސްފައެވެ.

ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން މި ޖަލްސާއިން މިހާރު އިދިކޮޅަށް ސާފުވާނެ ކަމަށެވެ.

އަދި ރައްޔިތުން މި ޖަލްސާއަށް އަންނަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާފައިވާ މަސައްކަތްތައް ބަލައިގަންނާތީ ކަމަށާއި، މި ވެރިކަން ދާ މިސްރާބު ރަނގަޅު ކަމަށް ގަބޫލުކުރެވޭތީ އާ އުންމީދަކާއި އާ ރޫހަކާ އެކީގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ މިކަމަށް ފާޑުކިޔާފައެވެ.

ނަމަވެސް، ޕީއެންސީގެ އިސްވެރިން ވިދާޅުވަނީ މި ޖަލްސާއިން ދައްކުވައިދިނީ، ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ޕީއެންސީއަކީ ބޮޑު ބާރެއްކަމާއި، އެ ޕާޓީގެ ވެރިކަމަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރުކަމަށެވެ.

ހޯރަފުށީ މުޙައްމަދު ސަލީމްގެ ޕޯސްޓުން ވެސް އެނގިގެންދަނީ، ސިޔާސީ ދާއިރާގައި ގިނަ ދުވަސްވީ ތަޖުރިބާކާރަކަށް ވެސް މި ޖަލްސާގެ ބޮޑުކަމާއި އިންތިޒާމުތައް ފާހަގަކުރެވުނު ކަމެވެ.