ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް 2 އަހަރު: އުދަނގުލާއިއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއްގެ 2 އަހަރު!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރިގެންދާއިރު، މި ދެ އަހަރަކީ ގައުމީ ފެންވަރުގައި ބޮޑެތި އިޤްތިޞާދީ އަދި ސިޔާސީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ދުވަސްވަރެކެވެ. ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ވައުދުގައި ހިފަހައްޓައިގެން، ސަރުކާރުން ވަނީ ގިނަ އުދަނގޫތަކެއްގެ ތެރެއިން ގައުމުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކޮށްފައެވެ. މި ދެ އަހަރުގެ ތެރޭގައި ގައުމަށް އައި ބަދަލުތަކާއި، ވެރިކަމާ ހަވާލުވިއިރު ގައުމު އޮތް ހާލަތު އަދި މިހާރުގެ ހާލަތު ދިވެހިރައްޔިތުންނަށް ވަރަށް ސާފުކޮށް އޮތީ ފެންނާށެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ނޮވެމްބަރު 2023 ގައި ގައުމުގެ މާލީ އަދި އިޤްތިޞާދީ ހާލަތު އޮތީ ވަރަށް ބޮޑަށް ނާޒުކުވެފައެވެ. އިޤްތިޞާދީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މި ސަރުކާރަށް ކުރިމަތިވި އިޤްތިޞާދީ ހުރަސްތައް މިހާތަނަށް ވެރިކަމަށް އައި އެއްވެސް ސަރުކާރަކަށް ކުރިމަތިވެފައެއް ނުވެއެވެ.
ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ޖުމްލަ ދަރަނި 123.7 ބިލިއަން ރުފިޔާއަށް އަރާފައިވިއިރު، މިއީ 2018 ވަނަ އަހަރުގެ 64.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 92% އިތުރު އަދަދެކެވެ. ޖީ.ޑީ.ޕީ އަށް ނިސްބަތްވާ ދަރަނި 110% - 115% އަށް އަރާފައިވުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށްވުރެ މާ މަތީ އަދަދެކެވެ. ބޭރުގެ ދަރަނި 33.5 ބިލިއަން ރުފިޔާއަށް އިތުރުވެފައިވިއިރު، އެތެރޭގެ ދަރަނި ވިޔަފާރިތަކަށް ދޭންޖެހޭ 9 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް އެކި ފަރާތްތަކުން ދައްކާފައިވެއެވެ.
Ads by BMLމޫޑީސް އަދި ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ނެގެޓިވް އައުޓްލުކް އަށް ބަދަލުކޮށްފައިވިއިރު، ޖުމްލަ ރިޒާވް 738.9 މިލިއަން ޑޮލަރުގައި ހުރި ނަމަވެސް، ބޭނުންކުރެވޭ ރިޒާވް ވަރަށް ދަށްކޮށް ހުރިއިރު، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ވެސް ހުސްވެފައިވެއެވެ. މީގެ އިތުރުން 2026 ވަނަ އަހަރު 600 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑު ދައްކަން ޖެހޭ ހާލަތު ކުރިމަތިވެފައިވިއެވެ. މި ހާލަތުގެ ސަބަބުން، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ހުއްޓާނުލައި، ދައުލަތުގެ ބޮޑު ދަރަނި ދައްކާނެ މަގު ހޯދުމެވެ. މާލީ އިދާރާތަކުން ރާއްޖެއަށް ލޯނު ދިނުމަށް ދެކޮޅު ހަދާފައިވާ ދަނޑިވަޅެއްގައި، އިޤްތިޞާދު ހަމަޔަކަށް އެޅުވުމަކީ ބޮޑު އުދަނގުލަކަށް ވެގެން ދިޔައެވެ.
މި ދެ އަހަރުގެ ތެރޭގައި (ނޮވެމްބަރު 2025 އާ ހަމައަށް) ސަރުކާރުން ވަނީ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ސަރުކާރުގެ ސިޔާސަތަކީ ބޭރުގެ ލޯނު ނުނަގައި، އަދި ފައިސާ ޗާޕުނުކޮށް، ޤައުމަށް ލިބޭ އާމްދަނީން ޚަރަދުތައް ފުއްދުމެވެ. 2023 އަދި 2024 ވަނަ އަހަރު ބޭރުގެ ދަރަނި ދެއްކުމަށް ޖުމްލަ 670 މިލިއަން ޑޮލަރު (2023 ގައި 350 މިލިއަން ޑޮލަރު، 2024 ގައި 320 މިލިއަން ޑޮލަރު) ހަރަދުކޮށްފައިވެއެވެ. އަދި 2026 ޔޫރޯ ބޮންޑުގެ 600 މިލިއަން ޑޮލަރުގެ ލޯނު ދެއްކުމަށް މަގު ފަހިކޮށް، ދައްކާނެ ގޮތް ހޯދާފައިވެއެވެ.
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ދިރުވައި، މިހާރު 150 މިލިއަން ޑޮލަރު ފަންޑުގައި ހުރިކަމަށް މާލީ ވަޒީރު ވިދާޅުވެފައިވިއިރު، ޖުމްލަ ރިޒާވް 850 މިލިއަން ޑޮލަރުގައި ހިފެހެއްޓިފައިވިއިރު، ބޭނުންކުރެވޭ ރިޒާވް 200 މިލިއަން ޑޮލަރުގައި ހިފެހެއްޓިފައިވެއެވެ. މީގެ އިތުރުން، ވެރިކަމުގެ ފުރަތަމަ ދޮޅު މަސް ދުވަހުގެ ތެރޭގައި ކުރީގެ ފަސް އަހަރަށްވުރެ ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓުކޮށްފައިވެއެވެ. ރައީސް ވަނީ ރެކޯޑް މުއްދަތެއްގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. މި ކާމިޔާބީތަކުގެ ސަބަބުން، އިޤްތިޞާދީ މާހިރުންގެ ބައެއް ފަރާތްތަކުން ވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ފާހަގަކޮށްފައެވެ. ޚާއްސަކޮށް ބޮޑެތި ދަރަނިތައް ދެއްކުމަށް މަގު ފަހިކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ދެ އަހަރަކީ، ކުރީ ސަރުކާރުން ވާރުތަވި ބޮޑު ދަރަންޏާއި ނާޒުކު އިޤްތިޞާދީ ހާލަތަކާ ކުރިމަތިލާން ޖެހުނު ދެ އަހަރެވެ. ނަމަވެސް، ސަރުކާރުން ވަނީ ފިސްކަލް ސިޔާސަތުތައް ހަރުދަނާކޮށް، ބޭރުގެ ލޯނުތައް ދެއްކުމަށް ބޮޑެތި ހަރަދުތަކެއް ކޮށްފައެވެ. ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހުއްޓާނުލައި، އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަކީ، "އުދަނގުލާއިއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއްގެ 2 އަހަރު" ގެ ތަސްވީރު ދައްކުވައިދޭ ކަމެކެވެ. ކުރިއަށް އޮތް ތަނުގައި އިޤްތިޞާދީ އިސްލާހުތައް އިތުރަށް ހަރުދަނާކޮށް، ދަރަނި ކުޑަކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
Ads by MACL
