ކުޅިވަރުގެ އާ އުސްމިންތަކަކަށް: ޤާނޫނީ ބޮޑެތި ބަދަލުތަކާއެކު ސަރުކާރުން ބިންގާ ވަރުގަދަކޮށްފި
އޭޝިއަން ގޭމްސް ފަދަ ބައިނަލްއަޤުވާމީ ބޮޑެތި ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ދިގު ރާސްތާ އަމާޒަށް ވާސިލުވުމަށް، ފާއިތުވި އަހަރަކީ ޤާނޫނީ ގޮތުންނާއި، އަދި މާލީ ގޮތުންވެސް ދިވެހި ކުޅިވަރުގެ ބިންގާ ވަރުގަދަކުރެވުނު އަހަރެއްގެ ގޮތުގައި ސަރުކާރުން ފާހަގަކޮށްފިއެވެ.
ކުޅިވަރާ ބެހޭ ޤާނޫނަށް ގެނައި ތާރީޚީ އިސްލާޙުތަކާއި، އެތުލީޓުންނަށް އަމާޒުކޮށް ޚާއްސަ ކުރެވުނު މާލީ އެހީއާއި، އިންފްރާސްޓަކްޗަރ ތަރައްޤީއަށް ކުރި ބޮޑެތި ޚަރަދުތަކުގެ ސަބަބުން، ކުރިއަށް އޮތް 20 އަހަރުގެ ކުޅިވަރު ތަރައްޤީގެ ޕްލޭނަށް ވަނީ ވަރުގަދަ ބާރެއް ލިބިގެން ގޮސްފައެވެ.
ކުޅިވަރުގެ ދާއިރާއަށް މި ގެނައި އިންޤިލާބީ ބަދަލުގެ އެންމެ މުހިންމު އެއް ސަބަބަކީ 19 މެއި 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްވި ކުޅިވަރާ ބެހޭ ޤާނޫނުގެ ފުރަތަމަ އިސްލާޙެވެ. މި އިސްލާޙުގެ ސަބަބުން، ލާމަރުކަޒީ އުސޫލުން ކުޅިވަރު ކުރިއެރުވުމަށް މަގުފަހިވެ، ސަރަޙައްދީ ފެންވަރުގައި އެސޯސިއޭޝަންތައް އުފެއްދުމުގެ ފުރުސަތު ހުޅުވިގެން ދިޔައެވެ. މީގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގައި ބައިވެރިވުމުގެ ދޮރުތައް ފުޅާވެ، އެތުލީޓުންނަށް އިންޝުއަރެންސް ލާޒިމުކޮށް، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" މިނިވަން މުއައްސަސާއަކަށް ބަދަލުކުރެވުނެވެ.
Ads by BMLއެތުލީޓުންނަށް ސީދާ ފައިދާކުރާނެ ގޮތްތަކަށް ބަލާއިރު، "އަރުތަ" ޕްރޮގްރާމުގެ ޤަވާއިދަށް ބަދަލުގެނެސް، ކޮންމެ އެތުލީޓަކަށް އަހަރަކު 3 ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ހޯދުމަށް އެތުލީޓުންނަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އަދި ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރައިގެ ތަފާތުކުރުންތައް ނައްތާލައި، އެއްހަމަ ކުރުމަކީވެސް މި އަހަރުގެ މުހިންމު ކާމިޔާބީއެކެވެ.
ކުޅިވަރުގެ ދާއިރާ ތަރައްޤީ ކުރުމަށްވެސް ސަރުކާރުން ވަނީ ބޮޑު ޚަރަދެއް ކޮށްފައެވެ. 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހާ ހަމައަށް، "ޕީ.އެސް.އައި.ޕީ"ގެ ދަށުން ކުޅިވަރުގެ މަޝްރޫޢުތަކަށް 66 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި 30 އައު މަޝްރޫޢުއެއް ނިންމާފައިވާއިރު، ކުރީ ސަރުކާރުން ހުއްޓިފައި ހުރި 59 މަޝްރޫޢުއެއްގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.
މީހުން ބިނާކުރުމުގެ މަސައްކަތަށް ބަލާއިރު، މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޯޓްސް (އެމް.އެން.އައި.އެސް) އިން ވަނީ 25 ޕްރޮގްރާމެއްގެ ދަށުން 321 ފަރާތެއް ތަމްރީނުކޮށްފައެވެ. އޭގެ ތެރޭގައި 158 ކޯޗުން، 144 ރެފްރީން، އަދި 32 ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުން ހިމެނެއެވެ. މީގެ އިތުރުން ސްޕޯޓްސް ނިއުޓްރީޝަން އަދި ސައިކޮލޮޖީގެ ދާއިރާއިންވެސް 44 އޮފިޝަލުން ވަނީ ތަމްރީނު ކުރެވިފައެވެ.
ކުޅިވަރުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަކީވެސް ސަރުކާރުން އިސްކަންދިން ކަމެކެވެ. އެގޮތުން، ފުޓްބޯޅަ އެސޯސިއޭޝަނާއި ބެޑްމިންޓަން އެސޯސިއޭޝަނުގައި ހުރި ޒަމާންވީ މައްސަލަތައް ޙައްލުކޮށް، ޤާނޫނާއި ޤަވާއިދުގެ ތެރެއިން އިންތިޚާބުތައް ބާއްވައި، ހިންގުން ހަމަމަގަށް އެޅުވުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން، ޗައިނާގެ ފުޖިއާން ޕްރޮވިންސާއި މެލޭޝިއާގެ ކުޅިވަރާ ބެހޭ ވުޒާރާއާއެކު އެއްބަސްވުން ތަކެއްގައި ސޮއިކޮށްފައިވާއިރު، މީގެ ކުރިން އަޅާނުލެވި އޮތް ދިވެހި ކުޅިވަރުގެ ރަން ތާރީޚު، އަންނަން އޮތް ޖީލުތަކަށްޓަކައި ޑިޖިޓަލްކޮށް އަރުޝީފު ކުރުމުގެ މުހިންމު މަސައްކަތްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ.
Ads by MACL
