ކްރިސްޓިއާނޯ ރޮނާލްޑޯ: ވައިޓް ހައުސްއިން ފެށިގެން މުސްލިމް ދުނިޔޭގެ ލޯތްބާ ހަމައަށް!
ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، ސައޫދީގެ އަލް-ނަސްރު ކްލަބަށް ކުޅޭ ޕޯޗުގީޒްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ހާއްސަ ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެފައިވާކަމުގެ ޚަބަރުތައް ވަނީ ދުނިޔޭގެ މީޑިއާތަކުގައި ފެތުރިފައެވެ. މި ހާދިސާއަކީ އޭނާގެ ވާދަވެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ލިއޮނެލް މެސީއަށް ވެސް އަދި ނުލިބޭފަދަ ޝަރަފެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މި ފަރިއްކޮޅު އޮތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތްޕުޅުން، ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް) އަށް އިޙްތިރާމް އަދާކުރެއްވުމުގެ ގޮތުންނެވެ. މި ބައްދަލުވުމުގައި ޓެސްލާގެ ވެރިޔާ އީލޮން މަސްކް ފަދަ ދުނިޔޭގެ ބޮޑެތި މަހުޖަނުންނާއި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ބައިވެރިވެފައި ވާއިރު، ރޮނާލްޑޯ ވަނީ އެމީހުންނާއެކު ފޮޓޯ ނަގައި، އޭނާގެ ނުފޫޒު ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ވެސް ގަދަވަމުންދާކަން ހާމަކޮށްފައެވެ.
ރޮނާލްޑޯގެ މިފަދަ ބޮޑެތި ކާމިޔާބީތަކާއި ނުފޫޒު ގަދަވަމުން އަންނައިރު، އޭނާގެ ކުޅިވަރުގެ ހުނަރުގެ އިތުރުން، އޭނާގެ އަމިއްލަ ހަޔާތުގެ ސާފުކަމާއި ރަނގަޅު ސިފަތަކަކީ ވެސް ގިނަ ބަޔަކު އޭނާއަށް ސަޕޯޓްކޮށް ލޯބިކުރާ އެއް ސަބަބެވެ. އޭނާއަކީ ބަނގުރާ ބުއިމާއި، ސިނގިރޭޓް ބުއިމާއި، މަސްތުވާ ޒާތުގެ އެއްވެސް އެއްޗެއް ބޭނުން ނުކުރާ ސިއްޙަތަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ކުޅުންތެރިއެކެވެ. އޭނާގެ ބައްޕަ ބަނގުރަލުގެ ސަބަބުން ނިޔާވުމަކީ އޭނާ މިކަންކަމުން ދުރުހެލިވުމަށް ލިބުނު އެންމެ ބޮޑު އެއް ސަބަބު ކަމަށް ވެއެވެ.
Ads by BMLއޭނާގެ ހަށިގަނޑުގައި އެއްވެސް ޓެޓޫއެއް ނެތުމުގެ ސިއްރަކީ ވެސް އޭނާގެ ހިތްހެޔޮކަމާއި ގުޅިފައިވާ ކަމެކެވެ. ރޮނާލްޑޯ ޓެޓޫ ނުޖަހަނީ އޭނާއަށް ގަވާއިދުން ލޭ ހަދިޔާކުރުމުގެ ފުރުސަތު ގެއްލިގެން ނުދިއުމަށްޓަކައެވެ. ޓެޓޫ ޖެހުމަށްފަހު ލޭ ހަދިޔާކުރުމަށް ވަކި މުއްދަތަކަށް މަޑުކުރަން ޖެހޭތީ، އޭނާ ވަނީ މިކަމުން ދުރުވެ، ގަވާއިދުން ލޭ ހަދިޔާކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވެފައެވެ. މީގެ އިތުރުން، އޭނާއަކީ ފަޤީރުންނަށް އެހީތެރިވުމުގައި ވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ.
އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ އިސްލާމް ދީނަށް އޭނާ ދޭ އިޙްތިރާމާއި، މުސްލިމުންދެކެ އޭނާވާ ލޯތްބެވެ. ސައޫދީ އަރަބިއްޔާގެ އަލް-ނަސްރު ކްލަބަށް ބަދަލުވުމުގެ ކުރިން ވެސް، އޭނާ ވަނީ މުސްލިމް ކުޅުންތެރިންނާއެކު ގާތް ގުޅުމެއް ބަހައްޓާފައެވެ.
އޭނާގެ ކުރީގެ ޓީމްތަކުގައި އުޅުނު މުސްލިމް ކުޅުންތެރިންގެ ކައިރިން އިސްލާމް ދީނުގެ ބައެއް އަޅުކަންތަކާއި، ނަމާދުގެ މުހިންމުކަމާ ބެހޭގޮތުން ސުވާލުކޮށް އޮޅުންފިލުވާކަމަށް ވެއެވެ. މީގެ އިތުރުން، ގޯލެއް ޖެހުމަށްފަހު އޭނާ ބައެއް ފަހަރު ސަޖިދަ ޖަހާ މަންޒަރު ފެނިފައި ވާއިރު، މިއީ މުސްލިމް ސަޕޯޓަރުންގެ ހިތްތަކުގައި އޭނާއަށް ލޯބި އިތުރުކޮށްދޭ ކަމެކެވެ. އޭނާގެ މި ސިފަތަކުގެ ސަބަބުން، އޭނާއަކީ ނަސްލީ ތަފާތުކުރުންތަކަށް ދެކޮޅު ހަދާ، ކަޅުމީހުންނާއި ދޮންމީހުންގެ މެދުގައި ފަރަޤު ނުކުރާ، އަދި ހުރިހާ ނަސްލެއްގެ މީހުންނަށް އިޙްތިރާމްކުރާ ފަރާތެއްކަން ވަނީ ހާމަވެފައެވެ.
https://twitter.com/WhiteHouse/status/1991151873970020681?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1991151873970020681%7Ctwgr%5E56c15c6890b71dbe21cd9344d7ba05aa9f3cd7c0%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FWhiteHouse%2Fstatus%2F1991151873970020681
މިލިޔަނަރަކަށް ވީނަމަވެސް، ރޮނާލްޑޯގެ ކިބައިގައި ބޮޑާކަމެއް ނުވަތަ ކިބުރުވެރިކަމެއް ނުހުންނަކަމަށް އޭނާއާ ގާތް މީހުން ބުނެއެވެ. އަދި އޭނާއަކީ މައިންބަފައިންނަށް އިޙްތިރާމްކުރާ، އަދި އާއިލާއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ މީހެކެވެ. އޭނާގެ މިފަދަ ރަނގަޅު ސިފަތަކުގެ ސަބަބުން، ދުނިޔޭގެ އެތައް މިލިއަން މުސްލިމް ސަޕޯޓަރުން އޭނާއަށް ވަރަށް ބޮޑަށް ލޯބިކުރެއެވެ. އެމީހުންގެ އެންމެ ބޮޑު އެއް ދުޢާއަކީ، ރޮނާލްޑޯގެ ހިތުގައި އިސްލާމްދީނަށް އޮތް ލޯބި އިތުރުކޮށްދެއްވައި، އޭނާއަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ދައްކަވައި، އޭނާގެ މުދަލުގައި ބަރަކާތް ލެއްވުމެވެ.
ރޮނާލްޑޯގެ ނުފޫޒު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރިގެންދާއިރު، އޭނާގެ މިފަދަ ހިތްހެޔޮކަމާއި ރަނގަޅު ސިފަތަކަކީ އޭނާގެ ކުޅިވަރުގެ ކާމިޔާބީތަކަށް ވުރެ ވެސް މާ މަތިވެރި ކަމެއްކަން ޔަޤީނެވެ.
Ads by MACL
