ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އެއް އުރައެއް، ތިން ކަނޑި: ފައްޔާޒުގެ އިސްތިއުފާއާއިއެކު ކުރިން ނޭންގޭ އެތައް ވާހަކަތަކެއް!

އެއް އުރައެއް، ތިން ކަނޑި: ފައްޔާޒުގެ އިސްތިއުފާއާއިއެކު ކުރިން ނޭންގޭ އެތައް ވާހަކަތަކެއް!

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާއެކު، އެ ޕާޓީގެ އިސް ސަފުގައި އުފެދިފައިވާ ފިތުނަވެރިކަމާއި ބައިބައިވުންތައް އަނެއްކާވެސް ވަނީ ފެންމަތިވެ، ޕާޓީގެ އެތެރޭގެ ހަލަބޮލިކަން އިތުރުވެފައެވެ. މި އިސްތިއުފާ ވެގެން ގޮސްފައިވަނީ ޕާޓީގެ އެންމެ ނުފޫޒުގަދަ ދެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މެދުގައި އޮތް ހިޔާލުތަފާތުވުންތައް އާންމުކޮށް ހާމަވެ، ހޫނު ބަހުސަކަށް މަގުފަހިކޮށްދިން ކަމަކަށެވެ.

ފައްޔާޒުގެ އިސްތިއުފާއަށް މެދުވެރިވި މައިގަނޑު ސަބަބަކީ އަންނަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ހާމަކުރެއްވުމާ ގުޅިގެން، ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފަސް ސަފްހާގެ ދިގު އިސްތިއުފާގެ ސިޓީއެއްގައި އޭނާ ވަނީ ޕާޓީގެ އެތެރޭގެ ނުތަނަވަސްކަން ހައްލުކުރުމަށް ކުރެއްވި މަސައްކަތްތަކާއި، ޕާޓީ ހިންގުމުގައި ހުރި ގޮންޖެހުންތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

މިކަމާ ގުޅިގެން، ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕެއްގައި، 2028 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ރައީސް ސޯލިހާއި އޭނާ ވާދަކުރެއްވުމުގެ ބަދަލުގައި، ޕާޓީން އާ ކެންޑިޑޭޓަކު ނެރުމަށް ގޮވާލައްވާފައެވެ. ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕާޓީއަށް ގެއްލުނީ، އޭނާ ވާދަނުކޮށް ސޯލިހަށް ފުރުސަތު ދިނުމަށް ދެ ފަހަރެއްގެ މަތިން ހުށަހެޅުއްވުމުން ވެސް، ސޯލިހާއި އޭނާގެ އަރިސް ބޭފުޅުން އެކަން ގަބޫލުނުކޮށް، "އަޅުގަނޑުމެންނާ ނުލާ އިންތިހާބު ކާމިޔާބުވާނެ ކަމަށް މާ ބޮޑަށް ގަބޫލުކުރެވުމުމް ކަންކަން ހަރާބުވީ" ކަމަށެވެ.

ނަޝީދުގެ މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، 2023 ގެ އިންތިހާބާ ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކުގެ ހުރިހާ ތަފްސީލެއް ޕާޓީގެ މަސްލަހަތަށްޓަކައި ހާމަނުކުރައްވައި މަޑުކުރައްވަނީ ކަމަށާއި، މިއީ އެންމެން ގުޅިގެން ކުރިއަށް ދާންވީ ވަގުތު ކަމަށެވެ. ނަމަވެސް، މި ވާހަކަފުޅަށް ފައްޔާޒު ވަނީ ވަގުތުން ރައްދު ދެއްވައި، ދެ ބޭފުޅުންގެ މެދުގައި އޭނާ މެދުވެރިވެގެން ދެކެވުނު ވާހަކަތަކާ ގުޅޭ ގޮތުން ސޯލިހު ދައްކަވާ ވާހަކައަކީ "ކަނޑައެޅިގެން އިތުރުފުޅެއް" ކަމަށް ސިފަކުރައްވާފައެވެ. އަދި "އޮނާ އަމަންގް ތީވްސް" ގެ މިސާލު ނަންގަވައި، ސިޔާސީ މައިދާނުގައި ވެސް ތެދުވެރިކަމާއި އިތުބާރުގެ ހަމަތަކެއް އޮންނަންޖެހޭނެ ކަމަށް އޭނާ ވަނީ އިޝާރާތް ކުރައްވާފައެވެ.

ފައްޔާޒުގެ އިސްތިއުފާގެ ސިޓީން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ސިއްރު އެއްބަސްވުމެއް ވެފައިވާކަން ވެސް ހާމަވެފައެވެ. އެ އެއްބަސްވުމުގައި ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށާއި، ވެރިކަމުގެ ނިޒާމާ މެދު ފެންނަ ނުފެންނަ ވޯޓެއް އިންތިހާބުގެ ކުރިން ބޭއްވުމަށް، އަދި އެ ވޯޓުގައި އެމްޑީޕީން ވަކި ކޮޅެއް ނުނެގުމަށް ވަނީ އެއްބަސްވެފައެވެ. ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން މި އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ޕާޓީއަށް ބޮޑެތި ސިޔާސީ ނާކާމިޔާބީތަކެއް ވަނީ ލިބިފައެވެ.

ޕާޓީއަށް ދިމާވެފައިވާ ހާލަތު އިސްލާހުކުރުމަށް ހުށަހެޅުއްވުމެއްގެ ގޮތުން ފައްޔާޒު ވަނީ، "އެއް އުރައެއްގައި ތިން ކަނޑިއަކަށް ނޯވެވޭނެ" ކަމަށް ވިދާޅުވެ، ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކޮށް، އެންމެ ލީޑަރަކު ހުންނަ ނިޒާމަކަށް ބަދަލުކުރުމަށް ގައުމީ މަޖިލީހަށް އިލްތިމާސްކުރައްވާފައެވެ. އޭނާ ލަފާދެއްވި ގޮތުގައި، އެ ލީޑަރަކީ ދައުލަތުގެ އެއްވެސް މަގާމަކަށް ވާދަނުކުރާ، އަދި ހުރިހާ ވަގުތެއް ޕާޓީ ހިންގުމަށް ހުސްކުރާނެ ފަރާތަކަށް ވާންޖެހޭނެއެވެ. ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ޕާޓީގެ އާންމު މެންބަރެއްގެ ގޮތުގައި ޕާޓީއަށް ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ފައްޔާޒު ވަނީ ދެއްވާފައެވެ.

މި ހާދިސާތަކަށް ނަޒަރު ހިންގާއިރު އެމްޑީޕީގެ ކުރިމަގު ފެންނަނީ ވަރަށް ބަނަކޮށެވެ. ޕާޓީއަށް ދިމާވެފައި މިވަނީ ހަމައެކަނި ސިޔާސީ ހިޔާލުތަފާތުވުމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް މިފެންނަނީ، ޕާޓީގެ އެންމެ އިސް ދެ ލީޑަރުންގެ މެދުގައި އުފެދިފައިވާ، ޒާތީ ހަސަދައާއި ފިތުނަ އެކެވެ. ޗެއާޕާސަންގެ އިސްތިއުފާއިން ހާމަވެގެން މިދަނީ، ފައްޔާޒު އިޝާރާތް ކުރެއްވި "އެއް އުރައެއްގައި ތިން ކަނޑި" ގެ ނުކުޅެދުންތެރިކަމެވެ.

މި އެތެރޭގެ ހަނގުރާމައިގެ ސަބަބުން، އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އަސާސީ ޒިންމާއަށް ފުރަގަސްދެވި، ޕާޓީގެ ހުރިހާ ހަކަތައެއް އަމާޒުވެފައިވަނީ އެތެރޭގެ ބާރު ހޯދުމަށެވެ. 2028 ވަނަ އަހަރުގެ އިންތިހާބަށް އަދި ތިން އަހަރެއް ހާ ދުވަސް އޮއްވައި ވާދަވެރިކަން މިހާ ހިސާބަށް ގޮސްފައިވާއިރު، ކުރިއަށް އޮތްތަނުގައި މި ރެނދުތައް ފޫބެއްދުމުގެ ބަދަލުގައި، ޕާޓީ އިތުރަށް ބައިބައިވެ، އޭގެ ސިޔާސީ ބާރާއި ނުފޫޒު އެކީގައި ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މިހާރު ފެންނަމުންދާ މަންޒަރުން ދޭހަވަނީ، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެންމެ ބޮޑު މަސައްކަތެއް ކުރި ޕާޓީ، އަމިއްލަ ލީޑަރުންގެ ސިޔާސީ އެދުންތަކުގެ ތެރޭގައި އަމިއްލައަށް ފުނޑުފުނޑުވެދާނެ ކަމުގެ ނުރައްކާތެރި އިންޒާރެކެވެ.