ރައްޔިތުންނާއި މިހާ ގާތުން ވެރިކަންކުރައްވާ ރައީސަކު ދުށީމުތަ؟
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ އެއްކަމަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ޝުޢޫރުތަކާއި ބޭނުންތައް ހާސިލުކޮށްދިނުމެވެ. މިގޮތުން، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަނީ ގިނަ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. މި ދަތުރުފުޅުތަކުގެ އެންމެ ބޮޑު މަޤުޞަދަކީ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ދިރިއުޅުމުގެ ޙާލަތު ބައްލަވައި، ތަރައްޤީއަށް ބޭނުންވާ ކަންކަން އެންމެ އަވަހަށް ހައްލުކޮށްދިނުމަށް މަސައްކަތްކުރުމެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް ދަތުރުފުޅު ކުރައްވައި، ރަށްރަށުގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވާފައެވެ. މިގޮތުން، ރަށު ކައުންސިލުތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަދި އެކި ދާއިރާތަކުގެ ފަންނީ މީހުންނާ ބައްދަލުކުރައްވައި، އެ ރަށަކަށް އެންމެ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކާއި މައްސަލަތައް ދެނެގަތުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައެވެ. މީގެ ތެރޭގައި ޞިއްޙީ ދާއިރާ އާއި، ތަޢުލީމީ ކަންކަމާއި، ބަނދަރު ހެދުމާއި، މަގުތައް ތަރައްޤީކުރުމާއި، ގެދޮރުވެރިކަމުގެ ކަންކަން ހިމެނެއެވެ. މިފަދަ ބައްދަލުވުންތަކުގައި ރައްޔިތުންނަށް ދެއްވާފައިވާ ޔަޤީންކަން ޢަމަލީގޮތުން ތަންފީޒުކުރުމުގެ މަސައްކަތްތައް ވެސް ވަނީ ފެށިފައެވެ.
ޚާއްޞަކޮށް މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި އެމަނިކުފާނު ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ރައީސް ޑރ. މުޢިއްޒު ވަނީ މާލޭގެ މޭޔަރުކަން ކުރައްވާފައިވުމުން، މާލޭ ސިޓީގެ ތަރައްޤީއާ ގުޅޭގޮތުން ޚާއްޞަ ތަޞައްވުރެއް ގެންގުޅުއްވައެވެ. މި ސަރުކާރުގެ ސިޔާސަތުތައް އެންމެ ބޮޑަށް ބިނާވެފައިވަނީ ހަމަޖެހުމާއި، ތަރައްޤީ އާއި، ރައްކާތެރިކަން މި ތިން ދާއިރާގެ މައްޗަށެވެ. މާލޭގެ އިތުރުން ވިލިމާލެއާއި، މާލޭގެ އެކިއެކި އަވަށްތަކުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ޝަކުވާތަކާއި ހުށަހެޅުންތައް އައްސަވައި، އެކަންކަން ހައްލުކުރުމަށް ވަނީ ބާރު އަޅުއްވާފައެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފާސްހިސާބަށް ބަލާއިރު، ރައީސް ޑރ. މުޢިއްޒު ވަނީ ތާރީޚީ ރެކޯޑެއް ހައްދަވާފައެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ހުރިހާ ސިޓީތަކަށް ޒިޔާރަތްކުރައްވައިފައެވެ. މިއީ ރާއްޖޭގެ ރައީސަކު މިހާ ކުރު މުއްދަތެއްގެ ތެރޭގައި މުޅި ރާއްޖެއަށް ދަތުރުކުރެއްވި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މި މުއްދަތުގެ ތެރޭގައި 63 ރަށަކަށް ދެވަނަ ފަހަރަށް ވެސް އެމަނިކުފާނު ވަޑައިގެންފައިވެއެވެ. މި ދަތުރުފުޅުތަކުގައި ކޮންމެ ރަށެއްގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް (އ.ތ.މ. ކޮމިޓީ) އަދި ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި، ރައްޔިތުންގެ އަޑު އައްސަވާފައިވެއެވެ. މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ދެއްވާ ބޮޑު އަހައްމިއްޔަތުކަމެއް ދައްކުވައިދޭ ހަރުދަނާ ހެއްކެކެވެ.
މާލެ ސަރަޙައްދުގައި ރައީސް ކުރައްވާ މަސައްކަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު، މާލޭގެ މޭޔަރުކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން މާލޭގެ އަވަށްތަކާއި ވިލިމާލޭގެ ރައްޔިތުންނާ ވަނީ ގިނަ ފަހަރު ބައްދަލުކުރައްވާފައެވެ. މިގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓް ހަމައެކަނި ވިލިމާލޭގެ ރައްޔިތުންނަށް ޚާއްޞަކުރައްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. އަދި ހަމައެއާއެކު، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމާއި، ކޮންމެ ރަށަކުން ވެސް ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
ރައްޔިތުންނަށް ވެފައިވާ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހައުސިންގ ޔުނިޓްތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓް 10,000 ރުފިޔާއަށް ކުޑަކުރުން ފަދަ ކަންކަން ހިމެނެއެވެ. މިކަންކަމަކީ ވެސް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ މި ވެރިކަމުގައި އެމަނިކުފާނު ގެންދަވަނީ ރައްޔިތުންނާ ގާތުން، އެމީހުންގެ އިޙްސާސްތައް އަޑުއައްސަވާ އަދި އަމަލީ ހައްލެއް ހޯއްދަވައިދެއްވުމަށް ބޮޑު އިސްކަމެއް ދެއްވައި މަސައްކަތްކުރައްވަމުންނެވެ. އެހެންކަމުން ރައީސްގެ މި މަސައްކަތްޕުޅަށް ބަލާއިރު، ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައި މިވަނީ ރައްޔިތުންނާއި މިހާ ގާތުން ވެރިކަންކުރައްވާ ހަމައެކަނި ރައީސަށެވެ. އެއްވެސް ރައްޔިތަކު އެމަނިކުފާނާ ބައްދަލުކުރަން އެދޭނަމަ އެފުރުޞަތު ގެންދަވަނީ ދެއްވަމުންނެވެ. މިއީ ދުނިޔޭގެ އެއްވެސް ރައީސަކަށް މިހާ ސާދާ ސީދާ ގޮތެއްގައި މިހާތަނަށް ކުރެއްވިފައި ނުވާ ތާރީޚީ މަސައްކަތް ޕުޅެކެވެ.
Ads by MACL
