ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ސްރީލަންކާއަކީ ދިވެހިންގެ "ސެކަންޑް ހޯމް" އެވެ.

ސްރީލަންކާއަކީ ދިވެހިންގެ "ސެކަންޑް ހޯމް" އެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއަކީ ހަމައެކަނި ކަނޑުގެ ސަރަޙައްދުން ގުޅިފައިވާ ދެ އަވަށްޓެރި ޤައުމެއް ނޫނެވެ. އެއީ ޒަމާނުއްސުރެ އޮތް ގާތް، ރަޙުމަތްތެރި އަދި ފުން ގުޅުމެއްގެ ސަބަބުން، ދިވެހީންގެ ތެރޭގައި ސްރީލަންކާ މަޝްހޫރުވެފައިވަނީ "ސެކަންޑް ހޯމް" ނުވަތަ ދެވަނަ ގެއެއްގެ ގޮތުގައެވެ. ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ތަޢުލީމީ ދާއިރާގެ ވަރުގަދަ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ މި ގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ ހިތްތަކުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ ގުޅުމެކެވެ.

ދެކުނު އޭޝިއާގެ ސަރަޙައްދީ އެއްބާރުލުމުގެ ޖަމްޢިއްޔާ (ސާކް) ގެ ދެ ޤައުމު ކަމުގައިވާ ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ ދެމެދުގައި އޮންނަ އިޙްތިރާމާއި، ސަރަޙައްދީ މައްސަލަތަކުގައި އެއްބާރުލުން ދިނުމުގެ މައްޗަށެވެ. މަތީ ފެންވަރުގެ ސިޔާސީ ދަތުރުތަކާއި ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބައިވަންތަކަން ދެއްކުމަކީ މި ގުޅުމުގެ މުހިންމު ސިފައެކެވެ. އިޤްތިޞާދީ ގޮތުން ބަލާއިރު، ސްރީލަންކާއަކީ ދިވެހިރާއްޖެއަށް މުދާ އެތެރެކުރާ މުހިންމު ޤައުމަކަށްވާއިރު، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މަސްވެރިކަމުގެ ބާވަތްތަކަށް ސްރީލަންކާގެ މާކެޓަކީ މުހިންމު މާކެޓެކެވެ.

އިޖްތިމާޢީ ގޮތުން މި ގުޅުން ވަރަށް ބޮޑަށް ފުޅާވެފައިވާއިރު، ދިވެހިރާއްޖޭގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޞިއްޙީ ފަރުވާ ހޯދުމަށާއި، ވިޔަފާރި ކުރުމަށް އަދި ޢާއިލީ ދަތުރުތަކަށް ސްރީލަންކާއަށް ދަތުރުކުރެއެވެ. ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަކީ ދިވެހީންގެ ޢާއިލާތައް ދިރިއުޅޭ މައި ހަބަކަށް ވެފައިވާކަން ފާހަގަކުރެވެއެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި، ޞިއްޙީ ދާއިރާގައި ސްރީލަންކާގެ ގިނަ ޢަދަދެއްގެ މުވައްޒަފުން މަސައްކަތްކުރަމުންދާކަމީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމެކެވެ.

ތަޢުލީމީ ދާއިރާއަކީ މި ގުޅުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ތަނބެވެ. ޒަމާނުއްސުރެ ދިވެހި ދަރިވަރުން ވަނީ މަތީ ތަޢުލީމު ހާސިލުކުރުމަށް ސްރީލަންކާގެ މަޝްހޫރު ސްކޫލްތަކާއި ޔުނިވަރސިޓީތަކަށް ދަތުރުކޮށްފައެވެ. މި ގުޅުމުގެ ސަބަބުން ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ސްރީލަންކާގެ ޓީޗަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ. ހަމައެހެންމެ، މަސައްކަތްތެރިކަމުގެ ދާއިރާގައި ސްރީލަންކާގެ ރައްޔިތުން ދިވެހިރާއްޖޭގެ ތަރައްޤީއަށް، ޚާއްޞަކޮށް ޞިއްޙީ ދާއިރާއާއި އިންޖިނިއަރިންގ ފަދަ ދާއިރާތަކުގައި މުހިންމު ދައުރެއް އަދާކުރެއެވެ.

ނޮވެމްބަރު 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި "ސައިކްލޯން ދިތްވާ" ގެ ސަބަބުން އެ ޤައުމަށް ވަނީ ތާރީޚީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ނުރައްކާތެރި ކާރިސާގައި 200 އަށްވުރެ ގިނަ މީހުން މަރުވެ، އިތުރު 200 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު، 147,000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި މަގުމަތިވެފައިވެއެވެ. މީގެ އިތުރުން 20,000 އަށްވުރެ ގިނަ ގެ ހަލާކުވެ، ޖުމްލަ 400,000 އަށްވުރެ ގިނަ މީހުންނަށް މި ކާރިސާގެ އަސަރުކޮށްފައިވެއެވެ. މިއީ ސްރީލަންކާގެ އުމްރާނީ ތަރައްޤީއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރައްޔިތުންނަށް ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހުނު ދަނޑިވަޅެކެވެ.

މިކާރިސާއާއި ގުޅިގެން ސްރީލަންކާގެ ރައީސް ބައިނަލްއަޤްވާމީ އެހީއަށް ގޮވާލެއްވި ހިނދު، އެންމެ ފުރަތަމަ އެހީގެ އަތެއް ފޯރުކޮށްލި ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކޮށްލެވެއެވެ. ދިވެހި ސަރުކާރުން ވަނީ ވަގުތުން 50,000 އެމެރިކާ ޑޮލަރުގެ މާލީ އެހީއާއި، 25,000 ކޭސް މަސްދަޅު ސްރީލަންކާއަށް ފޯރުކޮށްދިނުމަށް ނިންމާފައެވެ. މި އަވަސް އިޖާބައަކީ ދެ ޤައުމުގެ ގުޅުމުގެ ވަރުގަދަކަމާއި، ދިވެހިރާއްޖޭގެ ރައްޔިތުން ސްރީލަންކާއަށް ދޭ އަހަންމިއްޔަތު ހާމަވެގެންދިޔަ ކަމެކެވެ.

ސަރުކާރުގެ އިތުރުން ދިވެހި ރައްޔިތުން ވެސް ވަނީ މިކަމުގައި ނަމޫނާ ދައްކާފައެވެ. ދިވެހި މީޑިއާތަކާއި ޢާންމުން ގުޅިގެން "ސީލޯނާއެކު ދިވެހީން" ގެ ނަމުގައި ހިންގި ޤައުމީ ޓެލެތޯނުން އެއްދުވަހުގެ ތެރޭގައި 10،000،000 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ފައިސާ ވަނީ އެއްކުރެވިފައެވެ. އަދި 43،000 އަށްވުރެ ގިނަ އެމެރިކާޑޮލަރުވެސް މިޓެލެތޯނުން އެއްކުރެވިފައިވާއިރު، މިއިން ދައްކުވައިދެނީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ސްރީލަންކާއަށްޓަކައި އޮތް ލޯތްބާއި، އެއްބައިވަންތަކަމުގެ ރޫޙެވެ.

ޚުލާޞާކޮށް ބަލާއިރު، ސްރީލަންކާއަކީ ދިވެހީންގެ ސެކަންޑް ހޯމެއްކަން މި ގުޅުންތަކުންނާއި، ދިމާވި ކާރިސާގައި ދިވެހީން ދެއްކި އެހީތެރިކަމުން ވަރަށް ރަނގަޅަށް ދޭހަވެއެވެ. ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތްކަމަކީ މި ގުޅުމުގެ އެންމެ ބޮޑު ބާރެވެ. ކާރިސާގެ ވަގުތުގައި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ އެހީގެ އަތެއް ފޯރުކޮށްލުމަކީ، މި ޒަމާންވީ ގުޅުމުގެ ފުންކަން ދައްކުވައިދޭ، އަދި ކުރިމަގަށް ވެސް މި ގުޅުން ދެމިއޮތުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.