ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ދިވެހިންގެ ފަރާތުން 241 މިލިއަން ރުޕީސް، ސްރީލަންކާ ރައްޔިތުންގެ ޖަޒުބާތާއިއެކު ހާއްސަ ޝުކުރެއް ދިވެހިންނަށް!

"ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް ނިއުސް
"ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް ނިއުސް

ސްރީލަންކާއަށް ކުރިމަތިވި ބާރުގަދަ ތޫފާނުގެ ސަބަބުން އެ ޤައުމަށް ލިބުނު ބޮޑެތި ގެއްލުންތަކާއި، އެތައް ބަޔަކު ހާލުގައި ޖެހުމާ ގުޅިގެން ދިވެހިރާއްޖޭގެ ރައްޔިތުންނާއި ސަރުކާރުން ވަނީ އިންސާނިއްޔަތަށްޓަކައި ނަމޫނާ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

މި އެހީތެރިކަމުގެ ދަށުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ޖުމްލަ 241 މިލިއަން ރުޕީސް (ލަންކާ ފައިސާ) ސްރީލަންކާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އެއްކޮށްފައިވާއިރު، މިއީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ ހެކި ހާމަކޮށްދިން ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި އެހީގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖޭގެ 37 މީޑިއާއެއް ގުޅިގެން "ސިލޯނާއެކު ދިވެހިން" މި ނަމުގައި ބޭއްވި ޚާއްޞަ ޓެލެތޯނުގެ ތެރެއިންނެވެ. ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ފެށި މި ޓެލެތޯން ޑިސެމްބަރު 1 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ކުރިއަށްދިޔައިރު، ޓެލެތޯން ނިންމާލި ވަގުތު ބީއެމްއެލްއާއި މިނިވަން އޮޑިޓް ފާމެއް ކަމަށްވާ ކްރޯ މޯލްޑިވްސްގެ ބެލުމުގެ ދަށުން ފައިސާ ގުނުމަށްފަހު ކަށަވަރުކުރެވުނު ގޮތުގައި 11.4 މިލިއަން ރުފިޔާއާއި 43،000 ޑޮލަރު ވަނީ ލިބިފައެވެ.

މި ހަރަކާތުގައި ޢާންމު ރައްޔިތުންނާއި، ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކުގެ އިތުރުން ކުލަބު ޖަމިއްޔާތަކުން ފުޅާ ދާއިރާއެއްގައި ބައިވެރިވެ، ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މުއައްސަސާތަކުގެ ފެންވަރުގައި އެންމެ ބޮޑު އެހީއެއް ދީފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށްވާއިރު، އެ މުއައްސަސާއިން 2.4 މިލިއަން ރުފިޔާ ހަދިޔާކޮށްފައިވެއެވެ. އަދި ދެވަނައަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ 1 މިލިއަން ރުފިޔާ ހަދިޔާކުރި ދިވެހި ސިފައިންގެ ފަރާތުންނެވެ.

ފައިސާގެ އެހީގެ ތަފްޞީލަށް ބަލާއިރު، އަމިއްލަ ފަރުދެއްގެ ފަރާތުން އެކަނިވެސް 200,000 ޑޮލަރު (3.08 މިލިއަން ރުފިޔާ) ގެ ބޮޑު އެހީއެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ދިވެހި ސަރުކާރުން 50,000 ޑޮލަރު، ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ ރައްޔިތުންގެ ފަރާތުން 33,000 ޑޮލަރު، އަދި ބޭންކަކުން 20,000 ޑޮލަރު ހަދިޔާކޮށްފައިވެއެވެ. ފައިސާގެ އިތުރުން މާއްދީ އެހީގެ ގޮތުގައި، ދިވެހި ސަރުކާރުން ވަނީ 25,000 މަސްދަޅު ވެސް ސްރީލަންކާއަށް ފޮނުވާފައެވެ.

މި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ރައްޔިތުންގެ ދީލަތިކަމާއި އޯގާތެރިކަން ވަރަށް ބޮޑަށް ފެނިގެންގޮސްފައިވެއެވެ. ގިނަ ޢާންމު ރައްޔިތުން އެމީހުންގެ އެއް ދުވަހުގެ މުސާރަ ނުވަތަ އެއް މަސް ދުވަހުގެ މުސާރަ ހަދިޔާކޮށްފައިވާއިރު، ކާރިސާ ހިނގި ވަގުތު އާއިލާތަކަށް ގުޅުން ފަސޭހަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ މޯބައިލް ނެޓްވޯކްތަކުން ސްރީލަންކާއަށް ހިލޭ އައިޑީޑީ ކޯލްގެ ޚިދުމަތް ވެސް ވަގުތީގޮތުން ދީފައިވެއެވެ.

ދިވެހިންގެ މި ބޮޑު އެހީތެރިކަމާ ގުޅިގެން ސްރީލަންކާގެ ރައްޔިތުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ނުހަނު ފުން ޖަޒުބާތާއެކު ޝުކުރު ފާޅުކޮށްފައެވެ. ލަންކާ ރައްޔިތުން ހާމަކޮށްފައިވާ ގޮތުގައި މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެޤައުމަށް ދިން އެންމެ ބޮޑު އެހީތެރިކަން ކަމުގައި ބެލެވޭއިރު، ދިވެހިރާއްޖެއަށް އެހީއެއް ބޭނުންވެއްޖެ ދުވަހަކުން މި ހެޔޮކަމުގެ ބަދަލު ޝައްކެއްނެތި ދޭނެކަމުގެ ޔަޤީންކަން އެފަރާތްތަކުން ދީފައިވެއެވެ.

ސްރީލަންކާގެ ސަފީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއާއި ލަންކާގެ ގުޅުމަކީ ދުވަހަކުވެސް ބަދަލެއް ނާންނާނެ އަޚުވަންތަ ގުޅުމެކެވެ. އަދި ދެ ޤައުމަކީވެސް ތިމާވެށީގެ ކާރިސާތަކަށް ނާޒުކު ދެ ޤައުމުކަމަށްވާތީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި އެއް އެޖެންޑާއެއްގެ ދަށުން މަސައްކަތްކޮށް، ތަރައްޤީވެފައިވާ ޤައުމުތަކަށް މިކަމުގެ ނުރައްކާ އަންގައިދިނުމަށް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. މި ކާރިސާގައި ދިވެހިން ވެދިން އެހީތެރިކަމަކީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ލޯބި އިތުރަށް ބަދަހިވެގެންދިޔަ ތާރީޚީ ނިންމުމެއްގެ ގޮތުގައި އޭނާ ފާހަގަކޮށް ދިވެހި ރައްޔިތުންނަށް ފަށްފަށުން ޝުކުރު އަދާކުރެއްވިއެވެ.



ސްރީލަންކާއަކީ ޒަމާނުއްސުރެ ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ، އަދި އެންމެ ގިނަ ދިވެހިން ރާއްޖޭން ބޭރުގައި ދިރިއުޅޭ ޤައުމަށްވީހިނދު، މި ކާރިސާގައި ދިވެހިން ވެދިން އެހީތެރިކަމަކީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ލޯބި އިތުރަށް ބަދަހިވެގެންދިޔަ ތާރީޚީ ނިންމުމެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.