އަންނަ ރުޅީގައި ކުރާ ވަރި: ފެމިލީ ކޯޓުގެ ނިންމުމާއި ޖުމްހޫރު ޢިލްމުވެރިންގެ ރައުޔު ތަފާތު!
މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެމިލީ ކޯޓުން ނިންމި ވަރީގެ މައްސަލައެއްގައި، ރުޅި އައިސްގެން އަނބިމީހާއާ ދިމާލަށް "ތިއިނީ ވަރިކޮށްފައި" ކަމަށް ބުނެ ކުރި ވަރި ސާބިތު ނުވާ ކަމަށް ކަނޑައެޅުމަކީ، އިސްލާމީ ޝަރީޢަތުގެ އަސާސީ އުޞޫލުތަކާ ސީދާ ޚިލާފުވާ ނިންމުމެއް ކަމަށް ޖުމްހޫރު ޢިލްމުވެރިންގެ ރައުޔުތަކުން ދައްކައެވެ. މި ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތައް އިސްލާމީ ޝަރީޢަތުގެ މައްޗަށް ބިނާވެފައިވާ ކަމަށް ބުނެވޭއިރު، ޝަރުޢީ އަސާސްތަކަށް ބުރަވެ ނުވެވޭ ނިންމުމެއް ކަމަށް ފާހަގަކުރެވޭއިރު، މިއީ މުޖުތަމަޢުގައި ވަރީގެ ޙުކުމްތަކާމެދު އޮޅުންތަކެއް އަރާފާނެ ކަމެއް ކަމަށް ވެސް ބެލެވެއެވެ.
ވަރިކުރުމުގައި ބޭނުންކުރެވޭ ލަފުޒުތައް ދެ ބަޔަކަށް ބެހިގެންވާއިރު، އޭގެ ތެރެއިން ޞަރީޙަ ލަފުޒަކީ ވަރިކުރުމަށް ޚާއްޞަވެފައިވާ، އެހެން މާނައަކަށް ނުދާނެ ލަފުޒުތަކެވެ. ދިވެހި ބަހުގައި "ވަރި" މި ލަފުޒަކީ ވަރިކުރުމަށް ބޭނުންކުރެވޭ އެންމެ ޞަރީޙަ ލަފުޒު ކަމަށްވާއިރު، ފިރިހެން މީހާ ބޭނުންކުރި "ތިއިނީ ވަރިކޮށްފައި" މި އިބާރާތަކީ ޝައްކެއް ނެތް ގޮތުގައި ޞަރީޙަ ލަފުޒެކެވެ. ޖުމްހޫރު ޢިލްމުވެރިންގެ އިއްތިފާޤުވެވޭ ގޮތުގައި، ވަރިކުރުމަށް ޞަރީޙަ ލަފުޒެއް ބޭނުންކޮށްފިނަމަ، އެ ވަރި ސާބިތުވާނެއެވެ. މި ޙާލަތުގައި ވަރިކުރުމުގެ ނިޔަތް އޮތްތޯ ނުވަތަ ނޫންތޯ ބަލާކަށް ނުޖެހޭނެއެވެ.
މިއީ ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޙުދޫދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ބަޤަރާ ސޫރަތުގެ 229 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވަނީ (تِلْكَ حُدُودُ اللَّهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ اللَّهِ فَأُولَٰئِكَ هُمُ الظَّالِمُونَ) މާނައީ: "އެއީ ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ، ތިޔަބައިމީހުން އެ އިންތައް ފަހަނަޅައި ނުދާށެވެ! އަދި ﷲ ގެ އިންތައް ފަހަނަޅައިދާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ އަނިޔާވެރިންނެވެ." މި އާޔަތުން ދޭހަވަނީ ވަރީގެ މައްސަލަތަކުގައި ﷲ ކަނޑައަޅުއްވާފައިވާ އުޞޫލުތައް ދޫކޮށް، އަމިއްލަ ޢުޒުރުތައް މެދުވެރިކޮށް އެ ޙުކުމްތަކުން ރެކެން އުޅުމަކީ ޝަރުޢީ ގޮތުން ހުއްދަވެގެންވާ ކަމެއް ނޫން ކަމެވެ.
Ads by BMLމިކަމުގެ ސީރިއަސްކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘް ކުރައްވާފައިވަނީ (ثَلَاثٌ جِدُّهُنَّ جِدٌّ وَهَزْلُهُنَّ جِدٌّ : النِّكَاحُ ، وَالطَّلَاقُ ، وَالرَّجْعَةُ) މާނައީ: "ތިން ކަމެއްގައި ސީރިއަސްކޮށް ބުނި ނަމަވެސް، އަދި މަޖަލަކަށް (ސަމާސާއަކަށް) ބުނި ނަމަވެސް އެއީ ސީރިއަސް ކަމެކެވެ (އެބަހީ: އެކަމުގެ ޙުކުމް ހިނގާނެއެވެ). އެއީ ކައިވެނި، ވަރި އަދި (ވަރިކުރި އަންހެނާ) އަނބުރާ ގެނައުމެވެ." މި ޙަދީޘްފުޅުން ސާބިތުވާ ގޮތުގައި، ވަރީގެ ލަފުޒު ބޭނުންކުރެވޭ ޙާލަތަކީ މަޖަލެއް ކަމުގައި ވިޔަސް، ނުވަތަ ސީރިއަސްކޮށް ކަމުގައި ވިޔަސް، އެ ވަރި ސާބިތުވާނެއެވެ. ވީއިރު، ރުޅިވެރިކަމުގެ ޙާލަތަކީ މަޖަލަށް ވުރެ ބޮޑަށް ނިޔަތް އޮތް ކަމެއް ކަމަށް ޢިލްމުވެރިން ދެކިލައްވައެވެ.
ފެމިލީ ކޯޓުން ވަރި ސާބިތު ނުކުރި މައިގަނޑު ސަބަބަކީ، ފިރިހެން މީހާ ވަރީގެ އިބާރާތް ބޭނުންކުރީ "އަމިއްލަ ނަފުސަށް ކޮންޓްރޯލް ނޯންނަ މިންވަރަށް ރުޅި އައިސްގެން ހުރެ" ކަމަށް ހުވާކުރުމެވެ. ނަމަވެސް އިސްލާމީ ޝަރީޢަތުގައި ރުޅިވެރިކަމުގެ ޙާލަތްތައް ތިން ދަރަޖައަކަށް ބަހާލެވެއެވެ. އެއީ އާދައިގެ ރުޅިވެރިކަމާއި، މެދުމިނުގެ ރުޅިވެރިކަމާއި، ބުއްދި ފިލައިދާ މިންވަރަށް ގަދަވާ ރުޅިވެރިކަމެވެ. މީގެ ތެރެއިން އާދައިގެ ރުޅި އާއި، މެދުމިނުގެ ރުޅި (ބުނާ އެއްޗެއް އެނގޭ ހާލަތު) ގައި ދޭ ވަރި ސާބިތުވާނެ ކަމަށް ޖުމްހޫރު ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. ވަރި ސާބިތު ނުވާ ހަމައެކަނި ޙާލަތަކީ ބުއްދި ފިލައިދާ މިންވަރަށް (އިޣްލާޤު) ރުޅި ގަދަވެ، ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ދިއުމެވެ.
ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، ޢާންމު ދިރިއުޅުމުގައި ވަރި ކުރެވޭ ގިނަ ޙާލަތްތަކަކީ ރުޅިވެރިކަމުގެ ތެރޭގައި ކުރެވޭ ވަރިކަމަށް ވާއިރު، ހަމައެކަނި ރުޅިވެރިކަމުގެ ސަބަބުން ވަރި ބާޠިލުވާނެ ކަމަށް ބުނެފިނަމަ، ވަރީގެ ގިނަ ޙުކުމްތައް ބާޠިލުވެގެން ހިނގައިދާނެއެވެ. އެހެންކަމުން، ފިރިހެން މީހާ ހުވާކުރި "އަމިއްލަ ނަފުސަށް ކޮންޓްރޯލް ނޯންނަ މިންވަރަށް ރުޅި އައިސްގެން" މި އިބާރާތަކީ، ޝަރުޢީ ގޮތުން ވަރި ބާޠިލުކުރާ، ބުއްދި ފިލައިދާ މިންވަރުގެ ރުޅިވެރިކަން ކަމަށް ކަނޑައެޅުމަކީ ޝަރުޢީ މިންގަނޑުތަކާ ފުށުއަރާ ކަމެކެވެ.
އިސްލާމީ ޝަރީޢަތުގައި ވަރިކުރުމަކީ ﷲ ތަޢާލާ ޙަލާލު ކުރެއްވި ކަންތައްތަކުގެ ތެރެއިން އެންމެ ނުރުއްސަވާ ކަންތައް ކަމުގައި ވެސް ޙަދީޘްގައި ވާރިދުވެފައިވެއެވެ. ވީމާ، ޞަރީޙަ ލަފުޒަކުން ވަރިކޮށްފައި، ހަމައެކަނި ރުޅި އައިސްގެން ހުރެ ބުނެވުނު ކަމަށް ބުނެ އެ ވަރި ބާޠިލުކުރުމަކީ، ވަރީގެ ޙުކުމްތަކުގެ ސީރިއަސްކަން ކުޑަކޮށްލައި، ކައިވެނީގެ ގުޅުމުގެ ޙުރުމަތް ކެނޑިގެންދާނެ ކަމެކެވެ.
މި މައްސަލައިގައި ފެމިލީ ކޯޓުން ނިންމެވި ނިންމުމަކީ، ޙަންބަލީ މަޛްހަބުގެ ބައެއް ޢިލްމުވެރިންގެ ރައުޔުތަކަށް ބުރަވެގެން ނިންމާފައިވާ ނިންމުމެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، މާލިކީ މަޛްހަބު ވެސް ހިމެނޭ ގޮތަށް ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ، ޞަރީޙަ ލަފުޒުން ކުރެވޭ ވަރި، ރުޅިވެރިކަމުގެ ޙާލަތުގައި ވެސް ސާބިތުވާނެ ކަމެވެ. ފިރިހެން މީހާ ބޭނުންކުރި "ތިއިނީ ވަރިކޮށްފައި" މި ޞަރީޙަ ލަފުޒަކީ، އިސްލާމީ ޝަރީޢަތުގެ އަލީގައި، ރުޅިވެރިކަމުގެ ޙާލަތުގައި ވިޔަސް، ސާބިތުވާނެ ވަރިއެކެވެ. ވަރި ސާބިތު ނުވާނެ ކަމަށް ބެލެވޭނީ ހަމައެކަނި ބުއްދި ފިލައިދާ މިންވަރަށް ރުޅި ގަދަވެ، ބުނާ އެއްޗެއް ނޭނގޭ ޙާލަތުގައެވެ.
ފެމިލީ ކޯޓުގެ ނިންމުމަކީ، ވަރީގެ ޙުކުމްތަކުގެ ސީރިއަސްކަން ކުޑަކޮށްލާ، އަދި ޖުމްހޫރު ޢިލްމުވެރިންގެ ރައުޔުތަކާ ޚިލާފުވާ ނިންމުމެއް ކަމަށް ޝަރުޢީ ދިރާސާތަކުން ދައްކާއިރު، މިފަދަ ނިންމުންތަކުގެ ސަބަބުން، ދިވެހި މުޖުތަމަޢުގައި ވަރީގެ މައްސަލަތައް އިތުރުވެ، ޝަރުޢީ ނިޒާމުގެ މައްޗަށް އޮތް އިތުބާރު ކުޑަވުމުގެ ފުރުޞަތު އެބައޮތެވެ.
Ads by MACL
