ރައީސް ރައްޔިތުންނާއި ބައްދަލުކުރުން، ފޯކަސް ގެއްލުވާލައި ހުރަސް އެޅުމުގެ މަސައްކަތް ކުރަމުން އެބަދޭ!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްޓަކައި ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކަކީ، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އައިސްފައިވާ މުހިންމު ބަދަލެކެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ، ވެރިކަމުގެ ފަރާތުން ރައްޔިތުންނާ ދެމެދު އޮންނަ ދުރުކަން ކުޑަކޮށް، ރައްޔިތުންގެ އަޑު ސީދާ އެމަނިކުފާނަށް އަޑުއިވޭނެ މަގެއް ފަހިކޮށްދިނުމެވެ. މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ބައްދަލުވުންތަކުގައި، ރައްޔިތުންނަށް ވަނީ އެއްވެސް ހުރަހެއްނެތި، އެމީހުންގެ މައްސަލަތަކާއި ޚިޔާލުތައް ހިއްސާކުރުމުގެ ފުރުޞަތު ލިބިފައެވެ.
މިފަދަ ބައްދަލުވުންތަކަކީ، ފާއިތުވި މާޒީގައި ދިވެހިރާއްޖޭގެ އެއްވެސް ރައީސަކަށް މިފަދަ ގޮތަކަށް ކުރައްވަން ކެރިވަޑައިނުގެންނެވި ކަމެއްކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް، ރައީސް މުޢިއްޒު މިވަނީ ސާބިތުކަމާއެކު މި ގޮންޖެހުމާ ކުރިމަތިލައްވައި، ރައްޔިތުންނާ ގާތްވުމުގެ މި މަސައްކަތް ފައްޓަވާފައެވެ. މިއީ ޑިމޮކްރެސީގެ އަގުތައް ހިފެހެއްޓެވުމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.
ނަމަވެސް، ރައްޔިތުންނަށް ފައިދާހުރި މިފަދަ ކަންކަމަށް މަޝްވަރާކުރުމަށް ދެއްވާ ފުރުޞަތު ގެއްލުވާލުމަށް، ސިޔާސީ ހައްދުފަހަނައަޅާފައިވާ ފަރާތްތަކާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ހުރަސް އެޅުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދާކަން ވަނީ ފާހަގަކުރެވިފައެވެ. މި ފަރާތްތަކުން މަސައްކަތްކުރަމުންދަނީ، ރާވައިގެން، މި ބައްދަލުވުންތަކުގެ ފޯކަސް ގެއްލުވާލައި، ރައްޔިތުންގެ އަސްލު ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އޮތް މަގު ބަންދުކުރުމަށެވެ. މިކަމުގެ ތެރެއިން، ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަންޖެހޭ ކަމަށް ބުނެ ދޮގު ވާހަކަތައް ފަތުރާފައިވާއިރު، ސަރުކާރުން ވަނީ އެ ވާހަކަތައް ކަނޑައެޅިގެން ދޮގުކޮށްފައެވެ.
Ads by BMLމިފަދަ ބެކްވޯޑް ހަރަކާތްތަކަކީ ރައްޔިތުންގެ ހައްޤުގައި ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ފިނޑި ޢަމަލެއް ކަމަށް ސިފަކުރެވެއެވެ. ރައްޔިތުންނާ ގާތްވުމަށް ރައީސް ކުރައްވާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ބަދަލުގައި، އިދިކޮޅު ފަރާތްތަކުން ވެސް ޖެހޭނީ ރައްޔިތުންގެ އަޑު އަހައި، ޒިންމާދާރު ސިޔާސީ ބައިވެރިންގެ ގޮތުގައި ޢަމަލުކުރުމަށެވެ. ރައީސް މުޢިއްޒު މިފަދަ ހުރަސްތަކާ ކުރިމަތިލައްވަނީ ސާބިތުކަމާއެކު ކަމާއި، ރައްޔިތުންނާ ގާތްވުމުގެ މި މަސައްކަތް ހުއްޓާނުލައްވާނެކަން އެމަނިކުފާނުގެ ޢަމަލުފުޅުތަކުން ދައްކުވައިދެއެވެ.
މިފަދަ ހުރަސްތަކުން އެނގިގެންދަނީ، ރައްޔިތުންގެ އަޑުއެހުމަށް ރައީސް ދެއްވާ އަހައްމިއްޔަތުކަން ކުޑަކޮށްލުމަށް ސިޔާސީ ބައެއް ފަރާތްތަކުން ބޭނުންވާ މިންވަރެވެ. ނަމަވެސް، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އެބޭފުޅުންގެ މައްސަލަތައް ހައްލުކުރުމަށް ރައީސް މުޢިއްޒު ގެންދަވާ މަސައްކަތްޕުޅުތަކަށް މިފަދަ ހުރަސްތަކުން ދާއިމީ އަސަރެއް ނުކުރާނެކަން ޔަޤީނެވެ.
Ads by MACL
