ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ލިބުނު އިންޒާރެއްގެ ސަބަބުން 20 އަހަރު ކޮޓަރިއެއްގައި ބަންދުކޮށްފައި ބެހެއްޓި ލީސާގެ ވާހަކަ!

ލީސާގެ އުމުރުން 6 އަހަރުގައި ދިން އިންޒާރުގެ ސަބަބުން ދަރިފުޅުގެ ބައްޕަ ބޭނުންވީ ދަރިފުޅު ރައްކާތެރި ކުރަން -- ފޮޓޯ: އެންޑީޓީވީ
ލީސާގެ އުމުރުން 6 އަހަރުގައި ދިން އިންޒާރުގެ ސަބަބުން ދަރިފުޅުގެ ބައްޕަ ބޭނުންވީ ދަރިފުޅު ރައްކާތެރި ކުރަން -- ފޮޓޯ: އެންޑީޓީވީ

އުމުރުން އެންމެ ހަ އަހަރުގައި ބަންދުކުރެވި، ދުނިޔެއާ އެކަހެރިކުރެވުނު ލީސާ، 20 އަހަރު ފަހުން ދޮރުން ނުކުތްއިރު، އޭނާގެ ދިރިއުޅުން ވަނީ ބިރުވެރި އަނދިރިކަމެއްގެ ތެރެއަށް ގެއްލިފައެވެ.

އިންޑިއާގެ ޗައްތިސްގަޅުގެ ބަސްތަރުގައި ހުންނަ ބަކާވަންޑް ރަށުން ފެނުނު މި ހާދިސާއަކީ، އޭނާގެ ބައްޕަ، އުމުރުން ހަވަނަ އަހަރުގައި އޭނާއަށް ލިބުނު މަރުގެ އިންޒާރެއްގެ ސަބަބުން، ދަރިފުޅު ރައްކާތެރިކުރުމުގެ ނަމުގައި ބަންދުކުރި ހާދިސާއެކެވެ. ކަމާބެހޭ ފަރާތްތަކުން އޭނާ ސަލާމަތްކުރި ނަމަވެސް، ދިގު މުއްދަތަށް އަލިކަމާ ދުރުކުރެވުމުގެ ސަބަބުން އޭނާގެ ލޮލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ލީސާގެ ޅަފުރާ އޭނާގެ އުމުރުން ދެވަނަ ގްރޭޑްގައި ކިޔަވަމުން ދިޔަ ވަގުތު ހުއްޓުނީ، ރަށުގެ މީހަކު އޭނާ މަރާލާނެ ކަމުގެ އިންޒާރެއް ދިނުމުންނެވެ. މި ބިރުވެރިކަމުގެ ސަބަބުން އޭނާ ވަނީ ފިނޑިވެ، އެކަހެރިވެފައެވެ. އެވަގުތު ލީސާގެ މަންމަ ދުނިޔެ ދޫކޮށްފައިވާތީ، ދަރިފުޅަށް ރައްކާތެރިކަމެއް ދިނުމަށް އެއްވެސް އެހީތެރިކަމެއް ނެތުމުން، އޭނާގެ ބައްޕަ ވަނީ ނުރައްކާތަކުން ދުރުކުރުމުގެ ނަމުގައި، ލީސާ އެމީހުންގެ މަށީގެ ގޭގައި ބަންދުކުރުމުގެ ނިންމުން ނިންމާފައެވެ.

ކުޑަދޮރެއް ނެތް ކޮޓަރިއަކީ އޭނާގެ ދުނިޔެއަށް ވެގެން ދިޔަ ތަނެވެ. އެތަނަށް އިރުގެ އަލިކަމެއް ނުވަދެއެވެ. މީހަކާ ވާހަކަ ދައްކާކަށް ނުލިބެއެވެ. އިންސާނެއްގެ ބީހުމެއް ވެސް އޭނާއަށް ނުލިބެއެވެ. ކޮޓަރި ދޮރުމަތިން ލިބޭ ކާނާއެއް ފިޔަވައި، އޭނާގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކީ ހަނިވަމުންދާ، ބިރުވެރި ދުވަސްތަކެއްގެ ތެރޭގައި ގެއްލިގެން ދިޔަ ދުވަސްތަކެކެވެ. އޭނާ ސަލާމަތްކުރުމަށްޓަކައި ކުރި ކަމަކީ، އެންމެ ފަހުން އޭނާ މުޅިން ގެއްލުވާލި ކަމަކަށް ވެގެން ދިޔައެވެ.

ސޯޝަލް ވެލްފެއަރ ޑިޕާޓްމަންޓްގެ ޓީމު ގަސްގަހާގެހިން ފޮރުވިފައިވާ އެ ގެއަށް ވަދެގަތްއިރު، އެތަނުން ފެނުނީ، ލޮލުގެ ފެނުން އިއާދަ ނުކުރެވޭ ވަރަށް ގޯސްވެފައިވާ އަންހެނެކެވެ. ޑޮކްޓަރުން ބުނާގޮތުން ދިގު މުއްދަތަކަށް އަލިކަމާ ނުލައި އެކަހެރިކޮށްފައި ހުރުމުގެ ސަބަބުން، ލޮލުގެ ފެނުން އިޢާދަވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އޭނާގެ ނަފްސާނީ ތަރައްގީއަށް ވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އޭނާގެ އުމުރަށްވުރެ މާ ކުޑަ ކުއްޖެއްގެ ސިފައަށް އޭނާ އަމަލުކުރެއެވެ.

ސަލާމަތްކުރުމަށް ފަހު، ލީސާ ވަނީ ތަފްސީލީ ގޮތެއްގައި ހަށިގަނޑާއި ނަފްސާނީ ގޮތުން އިވެލުއޭޓް ކުރުމަށް ޖަގަދަލްޕޫރްގެ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުރަތަމަ މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ޅަފުރާ ވަނީ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން ހުއްޓި، ފަހުގެ ދިރިއުޅުން ވަނީ އަސާސީ އިހްސާސްތަކުން މަހުރޫމުވެފައެވެ. ޑިޕާޓްމަންޓުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކުރަމުން، އޭނާގެ އާއިލާ މެންބަރުންނާއި އަވައްޓެރިންނާ ސުވާލުކުރަމުންނެވެ.

ލީސާ މިހާރު ދިރިއުޅެމުން ދަނީ ގަރޯންޑާ އަޝްރަމްގައެވެ. އެތަނުގެ ކެއާ ވޯކަރުންނާއި ކައުންސިލަރުން އޭނާއަށް ދިރިއުޅުން އަލުން ދަސްކޮށްދިނުމަށް އެހީތެރިވަމުން ދެއެވެ. އަޑުތަކާއި، ފިޔަވަޅުތަކާއި، މަޑުމައިތިރި އިރުޝާދުތަކުން ފުރިފައިވާ މިތަނުގައި، އޭނާ މަޑުމަޑުން ހީލަން ދަސްކުރެއެވެ. މީހުންނަށް އިތުބާރުކުރަން، ފަސްނުޖެހި ކުރިއަށް ފިޔަވަޅު އަޅަން، އެހީތެރިކަމާއެކު ކާން، ފެންވަރަން، އަދި ވާހަކަ ދައްކާއިރު ޖަވާބުދޭން ދަސްކުރެއެވެ. ޑޮކްޓަރުންނާއި ކެއާ ވޯކަރުން ވަނީ ބަލިމަޑުކަމުން ރަނގަޅުވުމުގެ އުންމީދުގައި ތިބި ނަމަވެސް، ލޮލުގެ ފެނުން އެއްކޮށް އަނބުރާ ލިބުން ދަތިވެދާނެ ކަމަށް ބުނެފައެވެ.

ސޯޝަލް ވެލްފެއަރ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ސުޗިތްރާ ލަކްރާ ވިދާޅުވީ، ލީސާ އަށް ލިބުނު ބިރުވެރިކަމުގެ ސަބަބުން އޭނާ އެކަހެރިވެ، މީހުންނާ ބައްދަލުކުރުން ހުއްޓާލާފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ލީސާގެ ބައްޕަ އުމުރުން ދޮށީވެ، ދަރިފުޅު ރައްކާތެރިކުރުމަށްޓަކައި ކޮޓަރިއެއްގައި ބަންދުކޮށްފައި ބެހެއްޓި ކަމަށެވެ. ނަމަވެސް މިހާރު ލީސާ ރައްކާތެރިކަމާއެކު އަޝްރަމްގައި ދިރިއުޅެމުން ދާއިރު، އޭނާއަށް އަމިއްލައަށް ކާން، ފެންވަރަން އަދި ވާހަކަ ދައްކަން ދަސްވެފައިވާ ކަމަށެވެ. ލަކްރާ އިތުރަށް ވިދާޅުވީ، ލީސާގެ ކާނާއާއި ބައްޕަ އުޅުނު ނަމަވެސް، އެއްވެސް ފަރާތަކުން އޭނާ ބެލެހެއްޓުމަށް އެއްބާރުލުން ނުދިން ކަމަށެވެ. އޭނާގެ ޅަފުރާގެ ހާދިސާ އަނބުރާ ލިބުމަކީ ދަތި ކަމެއް ނަމަވެސް، މުޖުތަމައާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއެކު އޭނާއަށް އުންމީދުން ފުރިފައިވާ މުސްތަގުބަލެއް ބިނާކުރެވިދާނެއެވެ.