ޓީޗަރެއްގެ ގަލަމުން: އުނގަންނައި ދިނުމުގެ އަސްލާއި ޙާލަތު – ނޭނގޭ އެތައް ވާހަކައެއް!
ސްކޫލުގެ ބޮޑު ގޭޓުން އެތެރެއަށް ވަދެގެންދާއިރު އެ ޓީޗަރުގެ މޫނުމަތިން ފެންނަނީ ހިނިތުންވުމާއި ތާޒާކަމެވެ.
އަތުގައި އޮންނަ ފޮތްތަކާއި ފައިލްތަކުގައި ހުރީ ޤައުމުގެ މުސްތަޤުބަލެވެ. ކްލާސް ރޫމަށް ވަދެ "އައްސަލާމް ޢަލައިކުމް" އޭ ބުނެލާ ހިނދު، އެ އަޑުގައިވަނީ އޯގާތެރިކަމާއި ލޯތްބެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ހިތްދަތިކަމާއި، ވަރުބަލިކަމާއި، އަމިއްލަ ދިރިއުޅުމުގެ އުދާސްތައް ދެނެހުރީ ކާކު ހެއްޔެވެ؟
ދަރިވަރުންގެ ކުރިމަތީގައި އެއީ "ސުޕަރ ހީރޯ" އެއް ނަމަވެސް، ޙަޤީޤަތުގައި އެއީ އިޙްސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ، ނާޒުކު އިންސާނެކެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ނޭނގޭ، ނުވަތަ އެނގުނަސް އަޅާނުލައި ދޫކޮށްލާފައިވާ ޓީޗަރުންގެ ޙަޤީޤީ ދުނިޔެއެވެ.
Ads by BMLމުޖުތަމަޢުގެ ގިނަ ބަޔަކަށް އަދިވެސް ހީވެފައި އޮންނަނީ ޓީޗަރުންގެ މަސައްކަތަކީ ހެނދުނު 7 އިން މެންދުރު 1 އަށް ކުރާ، ފަސޭހަ މަސައްކަތެއް ކަމަށެވެ. އެހެނަސް ޙަޤީޤަތަކީ މިއީ ވަގުތާއި ހާލަތަށް ބެލުމެއްނެތި ކުރަންޖެހޭ ބުރަ މަސައްކަތެއް ކަމެވެ.
ސްކޫލް ނިމުމުން ޓީޗަރުގެ ރަސްމީ ގަޑި ނިމުނު ކަމުގައި ވިޔަސް، އެ ޓީޗަރުގެ "އޮފީސް" ބަދަލުވަނީ އަމިއްލަ ގޭގެ ކޮޓަރިއަށް ނުވަތަ ކާ މޭޒުމައްޗަށެވެ. ދަރިވަރުންގެ ފޮތްތައް މާކު ކުރުމާއި، ޖެހިގެން އަންނަ ދުވަހުގެ ފިލާވަޅުތައް ރޭވުމާއި، ސްކޫލުގެ އިތުރު ހަރަކާތްތައް ތައްޔާރު ކުރުމުގައި ރޭގަނޑުގެ ނިދި ނަގާލަން ޖެހެއެވެ. ޗުއްޓީއެއް، ބަންދު ދުވަހެއް ނެތި، އާއިލާއާއެކު ހޭދަކުރަން ލިބޭ މަދު ވަގުތުކޮޅުވެސް ޤުރުބާންކޮށްލަނީ ދަރިވަރެއްގެ ނަތީޖާ ރަނގަޅު ކުރުމުގެ އުއްމީދުގައެވެ.
ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ގިނައީ އަންހެން ޓީޗަރުން ކަމަށްވާއިރު، އެކަނބަލުން އުފުލާ ބުރައަކީ ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ ބޮޑު ބުރައެކެވެ.
އަންހެން ޓީޗަރެއްގެ ދުވަސް ފެށެނީ ފަތިސް ނަމާދުގެ ބަންގީގެ ވެސް މާކުރިންނެވެ. ފިރިމީހާއާއި ދަރިންނަށް ސައި ހަދައި، ގޭތެރެ ސާފުކޮށް، މެންދުރުގެ ކެއުން ތައްޔާރުކުރުމަށްފަހު، އަމިއްލަ ދަރިން ސްކޫލަށް ފޮނުވާފައި ވަޒީފާއަށް ދުއްވައިގަންނަނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ސްކޫލަށް ދިއުމަށްފަހު ފައިވާނުން ފައި ނުނަގައި ކޮޅަށް ހުރެ 30 ކުދިންގެ "މަންމަ" ގެ ރޯލު އަދާކުރެއެވެ.
މިއީ ޖިސްމާނީ ގޮތުން ނުހަނު ބުރަ ކަމެކެވެ. ފާޚާނާއަކަށް ވަދެލާނެ ވަގުތެއް ނުލިބި، ފެންފޮދެއް ބޯލާނެ ފުރުޞަތެއް ނުލިބި ހޭދަކުރާ ވަގުތުތަކުގެ ސަބަބުން، ގިނަ ޓީޗަރުންނަކީ ޒުވާން އުމުރުގައި ސިއްޙީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާންޖެހިފައިވާ ބައެކެވެ.
މި ބުރަ ދުވަހަށްފަހު ގެއަށް އައިސް ވަންނައިރު އެ ޓީޗަރަށް އިންތިޒާރު ކުރަނީ އަރާމު އެނދެއް ނޫނެވެ. އިންތިޒާރު ކުރަނީ ގޭތެރޭގެ މަސައްކަތްތަކާއި، ދޮންނަން ޖެހިފައިވާ އަންނައުނުތަކާއި، ފިރިމީހާ އާއި ދަރިންގެ ޚިދުމަތެވެ.
ވަޒީފާގެ ވަރުބަލިކަން ފޮރުވައިގެން، ހިނިތުންވެ ހުރެ ފިރިމީހާގެ ކަންކަން ކޮށްދެމުން ދާއިރު، އެ ހަށިގަނޑުގައި ހަކަތަ ނެތްކަން އިޙްސާސް ވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ ގިނަ ފަހަރަށް އަމިއްލަ ދަރިންގެ ފިލާވަޅުތައް ހަދުވަން ގާތުގައި އިށީންނަނީ، މުޅި މީހާ ހުއްޓިފައި ހުންނަ ހާލަތުގައެވެ.
ހިތާމައަކީ، އެހެން މީހުންގެ ދަރިންނަށް ކިޔަވައިދިނުމުގައި ވަގުތު ހޭދަކުރާތީ، އަމިއްލަ ދަރިންނަށް ދޭންވާ ވަގުތު ނުދެވުމުގެ ޝަކުވާ އާއިލާގެ ތެރެއިން އަޑުއިވުމެވެ. ބަލިވެ އުޅުނަސް، ސަލާމް ބުނެވެން ނޯންނަނީ ސިލަބަސް ނުނިމިދާނެތީ ނުވަތަ ދަރިވަރުންނަށް ގެއްލުން ވެދާނެތީއެވެ. މިއީ "ޑަބަލް ޑިއުޓީ" އަދާކުރާ، ލޮލުފިޔަ ޖަހާލާނެ ވަގުތެއް ނެތި ޤުރުބާންވާ "މެޝިން" ތަކެކެވެ.
ޓީޗަރުންނަކީ ޑިގްރީ އާއި މާސްޓާރސް ހަދައިގެން ތިބި ޢިލްމީ، ހުނަރުވެރި ބަޔަކަށް ވީނަމަވެސް، މާލީ ގޮތުން އެމީހުން އުޅެނީ ވަރަށް ދަތި ހާލުގައެވެ. ޒަމާނަށް އައި ބަދަލާއެކު މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް އައި ނަމަވެސް، މާލޭގެ ކުއްޔާއި ދިރިއުޅުމުގެ އަގުބޮޑުކަމަށް ބަލާއިރު އެއީ އަދިވެސް އެކަށީގެންވާ މިންވަރެއް ނޫނެވެ.
ގިނަ ފަހަރަށް ކްލާސްރޫމް ޒީނަތްތެރި ކުރުމަށާއި، ކިޔަވައިދިނުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގަތުމަށް ހޭދަކުރަނީ އެ ކުޑަ މުސާރައިންނެވެ. މަހުން މަހަށް ދެކޮޅު ޖައްސަނީ ވަރަށް ޙާލުންނެވެ. ޤައުމު ބިނާކުރާ މީހާގެ އަމިއްލަ ގެދޮރު ބިނާކުރާނެ ތަނަވަސްކަމެއް، ނުވަތަ އަމިއްލަ ދަރިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދެވޭނެ ފަދަ މާލީ ތަނަވަސްކަމެއް ނެތުމަކީ، ލަދުވެތި ނަމަވެސް ޤަބޫލުކުރަންޖެހޭ ހިތި ޙަޤީޤަތެކެވެ.
އެންމެ ހިތްދަތި އަދި މާޔޫސްވާ ކަމަކީ މުޖުތަމަޢުގައި ޓީޗަރުންނަށް ދެމުން އައި ޤަދަރާއި އިޙްތިރާމް ދުވަހެއް ދުވަހަކަށް ކުޑަވަމުން ދިއުމެވެ. ކުރީގައި ޓީޗަރަކު އެއްޗެއް ބުނެފިނަމަ، އެއީ ޤާނޫނެވެ. ނަމަވެސް މިއަދު، ދަރިވަރު ހަދާ ކޮންމެ ގޯހެއްގެ ޒިންމާ ވެސް އަޅުވަނީ ޓީޗަރުގެ ބޮލުގައެވެ.
ބެލެނިވެރިންގެ ވައިބަރު ގްރޫޕްތަކުގައި ޓީޗަރުންނަށް ނިސްބަތްކޮށް ދައްކާ ހުތުރު ވާހަކަތަކާއި، ކުދިކުދި ކަންކަމާ ސްކޫލަށް ގޮސް ޓީޗަރުންނާ ދިމާލަށް އަޑުގަދަކޮށް އެއްޗެހި ކިޔުމަކީ މިއަދު ޢާންމު ކަމެކެވެ. ރޭގަނޑު ދަންވަރު ވިޔަސް، ބަންދު ދުވަހެއް ވިޔަސް ބެލެނިވެރިންގެ މެސެޖުތަކަށް ޖަވާބު ނުދީފިނަމަ އެކަން ވަނީ ބޮޑު މައްސަލައަކަށެވެ. ޓީޗަރުންނަކީ ވެސް އަމިއްލަ ދިރިއުޅުމެއް އޮންނަ ބައެއްކަން މުޖުތަމަޢު ހަނދާން ނެތިފައިވާ ކަހަލައެވެ.
މި ހުރިހާ ގޮންޖެހުންތަކާއެކު ވެސް، ޓީޗަރުން އަދިވެސް އެ މަސައްކަތުގައި ދެމިތިބެނީ ހަމައެކަނި މުސާރައަކަށް ނޫނެވެ. އެއީ ހިތުގައި އޮންނަ ލޯތްބާއި، ދަރިވަރަކަށް ރަނގަޅު ގޮތެއް ވެއްޖެނަމަ ލިބޭ ހިތްހަމަޖެހުމުގެ ސަބަބުންނެވެ.
ނަމަވެސް، އިންސާނަކަށް ކެތްވާނީ ވަކި ވަރަކަށެވެ. އެމީހުންގެ ލޮލުން އޮހޮރޭ ކަރުނައާއި، ހިތުގައި އުފެދޭ ރިހުމަކީ މުޅި މުޖުތަމަޢު އެކަމާ މެދު ވިސްނަންޖެހޭ ކަމެކެވެ. އަމިއްލަ ނަފްސު އަންދައިގެން އަނެކާއަށް އަލިކަން ދޭ އުއްބައްތިތަކެއް ފަދަ މި ޓީޗަރުން، މިއަދު އެދެނީ ކުޑަ ނަމަވެސް އަޅާލުމަކަށެވެ.
އިންސާނީ ކަރާމާތާއި ޙައްޤުވާ މިންވަރުގެ އިޙްތިރާމް އެމީހުންނަށް ދިނުމެވެ. ޓީޗަރުންގެ ހިތް މަރުވެ، އެމީހުންގެ ރޫޙު ބަލިކަށިވެއްޖެނަމަ، ދެން މި ޤައުމުގެ މުސްތަޤުބަލު އުޖާލާ ކުރާނީ ކާކު ހެއްޔެވެ؟
Ads by MACL
