ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ހަމާސްގެ ހަތިޔާރު އުފެއްދުމާ ބެހޭ އިސްވެރިޔާ ޝަހީދުކޮށްލައިފި

ރާދު ސާދު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނި ނަމަވެސް ހަމާސްއިން އަދި މިކަން ކަށަވަރު ކޮށެއް ނުދޭ --- ފައިލް ފޮޓޯ: އޭޕީ
ރާދު ސާދު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނި ނަމަވެސް ހަމާސްއިން އަދި މިކަން ކަށަވަރު ކޮށެއް ނުދޭ --- ފައިލް ފޮޓޯ: އޭޕީ

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި، ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފީގެ ހަތިޔާރު އުފެއްދުމާ ބެހޭ އެންމެ އިސްވެރިޔާ، ރާދު ސާދު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލު ކަތްސް ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިއީ ހޮނިހިރު ދުވަހު ޣައްޒާގައި އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ގޮއްވާލި ބޮމެއްގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ. އަދި ރާދު ސާދު އަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި އިސްރާއީލަށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް މޭސްތިރި ކަމަށްވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.

މި ހަމަލާދީފައިވަނީ އެމެރިކާ މެދުވެރިވެގެން ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން، އިސްރާއީލު ސިފައިން ޣައްޒާގެ ވަކި ސަރަހައްދުތަކަކަށް ފަހަތަށް ޖެހިފައިވަނިކޮށެވެ.

ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، އިސްރާއީލުން ދިން މި ހަމަލާ އަމާޒުވެފައިވަނީ ޣައްޒާ ސިޓީގެ ދެކުނު ހުޅަނގުގައި އޮންނަ ތެލް އަލް-ހަވާ ސަރަހައްދަށެވެ.

މި ހަމަލާގައި 5 މީހުން ޝަހީދުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ރާދު ސާދުގެ އާއިލާއިންވެސް ވަނީ އޭނާ ޝަހީދުވެފައިވާކަން އޭއެފްޕީ ނިއުސް އޭޖެންސީއަށް ކަށަވަރުކޮށްދީފައެވެ.