ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޖެންސެން ހުއާން އަލުން ސީއީއޯގެ މަގާމަށް އައްޔަން ނުކުރާނެ ކަމަށް އެންވިޑިއާއިން ބުނެފި

އެންވިޑިއާގެ ކުރީގެ ސީއީއޯ ޖެންސެން ހުއާން ---
އެންވިޑިއާގެ ކުރީގެ ސީއީއޯ ޖެންސެން ހުއާން ---

އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި އެންވިޑިއާގެ ކުރީގެ ސީއީއޯ ޖެންސެން ހުއާން އަލުން އެ މަގާމަށް އައްޔަން ނުކުރާނެ ކަމަށް އެ ކުންފުނީގެ ބޯޑުން ހާމަކޮށްފިއެވެ.

ހުއާން އަލުން މަގާމަށް ގެނައުމަށް އޭނާގެ އެކުވެރިންނާއި ބައެއް ފަރާތްތަކުން "ސްޓޭންޑް ވިތު ޖެންސެން" ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވާއިރު، އޭނާ ވަނީ ބޯޑަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ފެންނަނަމަ އަލުން މަގާމާ ހަވާލުވުމަކީ ލިބޭނެ ޝަރަފެއް ކަމަށް ބުނެފައެވެ. ނަމަވެސް އިންވެސްޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ބޯޑުގެ ޗެއާމަން ހާވޭ ޖޯންސް ވިދާޅުވީ ހުއާން މަގާމުން އިސްތިއުފާ ދިނީ އަމިއްލައަށް ކަމަށާއި، އޭނާ އަލުން ކުންފުނީގެ ސީއީއޯގެ މަގާމަށް ނުގެންނާނެ ކަމަށެވެ.

ހުއާން މިދިޔަ ހަފުތާގައި ސީއީއޯގެ މަގާމުން އިސްތިއުފާ ދީފައިވަނީ ކުންފުނީގެ ސުލޫކީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ ފެންމަތިވި މައްސަލަތަކަކާ ގުޅިގެންނެވެ. އޭނާގެ އިސްތިއުފާއަށްފަހު އާންމުކުރި ފުރަތަމަ ބަޔާނުގައި ބުނެފައިވަނީ އޭނާގެ ސަބަބުން ބޯޑަށް ކުރިމަތިވި މައްސަލަތަކާ މެދު ނުހަނު ހިތާމަކުރާ ކަމަށާއި، ބޯޑުން ކުރިއަށްގެންދާ މިނިވަން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ އެލިސް ހުއާން އާއި ޖެންސެން ހުއާންއާ ދެމެދު އޮތް ގުޅުމުގެ މައުލޫމާތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކުން މިހާރު ދަނީ އެލިސް ހުއާން އާއި ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީއާ ދެމެދު އޮތް ގުޅުމާއި، ބެއިޖިންއަށް އޭނާ ފޯރުކޮށްދީފައި ހުރެދާނެ މައުލޫމާތުތައް ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ސިންގަޕޫރުގައި ހިންގާ ކްލައުޑް ކޮމްޕިއުޓިން ކުންފުންޏެއް ކަމަށްވާ މެގަސްޕީޑްގެ އިސް ހިއްސާދާރެއްގެ ގޮތުގައި ހުރި އެލިސް ހުއާން މެދުވެރިކޮށް އެންވިޑިއާގެ ޗިޕްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ ގަވާއިދުތަކާ ހިލާފަށް ފޮނުވާފައިވޭތޯވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާތަކާ ގުޅިގެން އެމެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އިންވެސް ވަނީ އެންވިޑިއާގެ ތަހުގީގެއް ފަށާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައެވެ. އެ ކޮމިޝަނުން ބަލަމުންދަނީ ކުންފުނިން އިންވެސްޓަރުންނަށް އޮޅުވާލާފައިވޭތޯއެވެ. ހަމައެއާއެކު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންވެސް ދަނީ ހުއާންގެ ގުޅުންތަކާއި ވޮޝިންޓަންގައި އޭނާ ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭގޮތުން ސުވާލު ކުރުމަށް ތައްޔާރުވަމުންނެވެ.

އެންވިޑިއާގެ ބޯޑުން ވަނީ ގައުމީ ސަލާމަތާއި އެކްސްޕޯޓް ކޮންޓްރޯލް ކަންކަން ބެލެހެއްޓުމަށް ހާއްސަ ކޮމިޓީއެއްވެސް އުފައްދާފައެވެ. މި ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ގޯލްޑްމަން ސެކްސްގެ ކުރީގެ ވައިސް ޗެއާ ސުޒާން ނޯރާ ޖޯންސަންއެވެ. މި ކޮމިޓީ އުފައްދާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު މަޝްވަރާތައް ބޭއްވުމަށް ޗައިނާއަށް ވަޑައިގަންނަވާ ދަނޑިވަޅެއްގައި، ޗައިނާއަށް ޒަމާނީ އޭއައި ޗިޕްތައް ފޯރުކޮށްދިނުން އިތުރަށް ހަރުކަށި ކުރާނެ ކަމަށް ޓްރަމްޕްގެ ސަރުކާރުން އިއުލާންކޮށްފައިވަނިކޮށެވެ.

ހުއާން އަލުން މަގާމަށް ގެނައުމަށް އެންވިޑިއާގެ މުވައްޒަފުންނާއި، އިންވެސްޓަރުންގެ އިތުރުން އެލޮން މަސްކް ފަދަ ޓެކްނޮލޮޖީ ދާއިރާގެ އިސް ވެރިންނާއި ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ތާއީދު ކުރައްވާފައެވެ. އަދި ސީއީއޯގެ މަގާމުން ވަކިވި ނަމަވެސް ކުންފުނީގެ 3.5 އިންސައްތަ ހިއްސާ ހުއާންގެ އަތުގައި އޮތުމުން، ބޯޑަށް ދެ ޑިރެކްޓަރުން އައްޔަން ކުރުމުގެ ބާރު އަދިވެސް އޭނާއަށް އެބައޮތެވެ.

މި މައްސަލަތަކުގެ ސަބަބުން އެންވިޑިއާގެ ހިއްސާގެ އަގަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. މިދިޔަ އޮކްޓޯބަރު މަހު އެންމެ މައްޗަށް ދިޔަ އަގާ އަޅާބަލާއިރު ކުންފުނީގެ މާކެޓް ވެލިއުއިން ގާތްގަނޑަކަށް ދެ ޓްރިލިއަން ޑޮލަރު ނުވަތަ 30 އިންސައްތަ ވަނީ ގެއްލިފައެވެ. މިއާއެކު ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަގާމު ގެއްލި، އެޕަލް އަދި މައިކްރޮސޮފްޓްގެ ފަހަތަށް އެންވިޑިއާ ވަނީ ވެއްޓިފައެވެ. ނަމަވެސް މި ކުއާޓަރުގެ އާމްދަނީގެ އަންދާޒާތައް ރަނގަޅުވުމާ ގުޅިގެން ހިއްސާގެ އަގު ވަނީ ހަތަރު އިންސައްތަ އުފުލިފައެވެ.