ޕާކިސްތާނުގެ ޕަންޖާބުގައި ބޯ ދުންފިނީގެ ސަބަބުން މައި މޮޓޯވޭތައް ބަންދުކޮށްފި
ލާހޯރު: ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސަށް މޫސުން ގޯސްވެ، ވަރަށް ބޯކޮށް ދުންފިނި (ފޮގް) ފައިބަމުންދާތީ އެސަރަހައްދުގެ މުހިންމު ބޮޑެތި މޮޓޯވޭތައް އާންމު ދަތުރުފަތުރަށް ބަންދުކޮށްފިއެވެ.
މިކަމާ ގުޅިގެން ޕާކިސްތާނުގެ ނޭޝަނަލް ހައިވޭ އެންޑް މޮޓޯވޭ ޕޮލިހުން މައުލޫމާތު ދިން ގޮތުގައި، މަގުތައް ބަންދުކުރަން ޖެހުނީ މަގުމަތީގެ ވިޒިބިލިޓީ ނުވަތަ ތަން ފެންނަ މިންވަރު އިންތިހާއަށް ދަށްވުމުގެ ސަބަބުންނެވެ. އަދި މި ފިޔަވަޅަކީ ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގިޔަ ނުދިނުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.
މި ފިނި މޫސުމުގައި ޕަންޖާބުގެ އެކި ހިސާބުތަކަށް ޑެންސް ފޮގް ނުވަތަ ބޯކޮށް ދުންފިނި ފޭބުމަކީ އާންމު ކަމެކެވެ. މިކަމުގެ ސަބަބުން ލާހޯރާއި އިސްލާމްއާބާދާ ދެމެދު އޮންނަ މައި މަގުތަކާއި އެހެނިހެން ކަނެކްޓިންގ މަގުތަކުގެ ދަތުރުފަތުރަށް ވަނީ ބުރޫއަރާފައެވެ.
Ads by BMLމޮޓޯވޭ ޕޮލިހުން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ، ދުންފިނި ބޯ ސަރަހައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށެވެ. އަދި މަގުތައް ހުޅުވާލި ނަމަވެސް، ވެހިކަލް ދުއްވާއިރު "ފޮގް ލައިޓް" ބޭނުންކުރުމަށާއި، ބާރަށް ނުދުއްވައި ރައްކާތެރިކަމާއެކު ދަތުރު ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
Ads by MACL
