ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ބޮންޑައި ބީޗް ހަމަލާ: ޔަހޫދީންނާ ދެކޮޅަށް ބައްޕަ އާއި ދަރިފުޅު ދިން ހަމަލާގައި 15 މީހުން މަރު

ހަމަލާ ދިމް ކަމަށް ބެލެވޭ ދެބަފައިން -- ފޮޓޯ: ރޮއިޓާސް
ހަމަލާ ދިމް ކަމަށް ބެލެވޭ ދެބަފައިން -- ފޮޓޯ: ރޮއިޓާސް

އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި، ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ ހަނޫކާ ފާހަގަ ކުރަމުން ދަނިކޮށް ދިން ބަޑީގެ ހަމަލާގައި 15 މީހުން މަރުވެ، 42 މީހުން ޒަހަމްވެފައިވާ އިރު، މި ހަމަލާ ދިނީ ބައްޕައަކާއި އޭނާގެ ދަރިފުޅު ކަމަށް އެ ގައުމުގެ ތަހުގީގީ އިދާރާތަކުން މިއަދު ހާމަކޮށްފި އެވެ. ތަހުގީގުތަކުން ދައްކާ ގޮތުގައި މިއީ ޔަހޫދީންނާ ދެކޮޅަށް ދިން ނަފްރަތުގެ ހަމަލާއެކެވެ.

ހަމަލާ ދިނީ އުމުރުން 50 އަހަރުގެ މީހަކާއި އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅު ނަވީން އަކްރަމް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. މިއީ ހުއްދަ އޮވެގެން ބަޑި ގެންގުޅޭ އޮސްޓްރޭލިއާގެ ދެ މީހުން ކަމަށް ވާއިރު، ހަމަލާގެ ތެރޭގައި ބައްޕަ މަރުވެފައި ވެއެވެ. ދަރިފުޅު ވެސް ވަރަށް ބޮޑަށް ޒަހަމްވެ، މިހާރު އޮތީ ސީރިއަސް ހާލަތެއްގަ އެވެ. މަރުވި 15 މީހުންގެ ތެރޭގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކާއި، 87 އަހަރުގެ މީހަކު ވެސް ހިމެނެ އެވެ.

މި ހަމަލާގައި ޒަހަމްވި 42 މީހުންނަށް މިހާރު ވެސް ދަނީ ފަރުވާ ދެމުންނެވެ. ޒަހަމްވި މީހުންގެ ތެރޭގައި އޮސްޓްރޭލިއާ ފުލުހުންގެ ދެ މީހަކު ވެސް ހިމެނެ އެވެ. ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ސިއްހީ އޮފިޝަލުން ބުނެފައިވެ އެވެ.

މި ހާދިސާ ހިނގި ސަރަހައްދު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގުތައް ވަނީ ފަށާފަ އެވެ.

ހަމަލާދެމުން ދަނިކޮށް، ހަތިޔާރެއް ނެތް އާންމު ރައްޔިތެއް ކަމަށްވާ މުސްލިމަކު ވަނީ ޖެހިލުންކުޑަކޮށް ހަމަލާ ދިން 50 އަހަރުގެ މީހާގެ ފަހަތުން ގޮސް އޭނާ ބައްދައި ވައްޓާލުމަށް ފަހު ބަޑި އަތުލައިފަ އެވެ.

މި ހާދިސާގައި އެމީހާއަށް ވެސް ބަޑީގެ ވަޒަން އަރައި ޒަހަމްވެފައި ވާއިރު، އޭނާގެ މި އަމަލުން އިތުރު ބަޔަކު މަރުވުން ވަނީ ހުއްޓުވިފަ އެވެ. އެމީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެ އެވެ.

މި ހަމަލާ ވަރަށް ހަރުކަށި ބަސްތަކުން ކުށްވެރިކޮށް، ދުނިޔޭގެ އެކި ގައުމުތަކުން ބަޔާންތައް ނެރެމުން ދެއެވެ. އިޒްރޭލާ އެންމެ ދެކޮޅުވެރި ގައުމެއްގެ ގޮތުގައި ބެލެވޭ އީރާން ވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފަ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ، މިއީ ޔަހޫދީންނާ ދެކޮޅު އަމަލުތަކާ މެދު ގައުމުތަކުގެ ވެރިން އަޅާނުލުމުގެ ނަތީޖާ ކަމަށެވެ.