ކޮރަޕްޝަން: ދުނިޔެއާއި އާޚިރަތުގެ ހަލާކު!
ކޮރަޕްޝަނާއި ފަސާދައަކީ މުޖުތަމަޢުތައް ބަލިކަށިކޮށް، ޢަދާލަތު ނެތިކޮށް، ތަރައްޤީއަށް އެޅޭ އެންމެ ބޮޑު ހުރަހެވެ. އެއީ ހަމައެކަނި މާލީ ގޮތުން ލިބޭ ގެއްލުމެއް ނޫނެވެ. އެއީ މުޅި އުންމަތުގެ ޙައްޤުތަކަށް އަރައިގަތުމެވެ. އިސްލާމްދީނުގައި ކޮރަޕްޝަނާއި، ޚިޔާނާތާއި، ރިޝްވަތަކީ ބޮޑުވެގެންވާ ޙަރާމް ކަންކަމެވެ. އެކަންކަމުގެ ނުބައިކަމާއި، އެކަމަށް ކަނޑައެޅިފައިވާ ޢަޛާބުގެ ގަދަފަދަކަން ކީރިތި ޤުރުއާނާއި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތުން ވަރަށް ސާފުކޮށް އެނގެން އެބަހުއްޓެވެ.
ބާޠިލު ގޮތުގައި މުދާ ކެއުމުގެ ނުބައިކަން
ކޮރަޕްޝަނުގެ އެންމެ އާންމު ސިފައަކީ ނަހަމަ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުމެވެ. މާތް ﷲ ވަނީ އެކަލާނގެ އަޅުތަކުން އެއްބަޔަކު އަނެއްބަޔަކުގެ މުދާ ބާޠިލު ގޮތުގައި ކެއުން މަނާކުރައްވާފައެވެ. ސޫރަތުލް ބަޤަރާގެ 188 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
"وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِّنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنتُمْ تَعْلَمُونَ"
މާނައީ: "އަދި ބާޠިލު ގޮތުގައި ތިޔަބައިމީހުންގެ މުދާތައް، ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އަދި އެނގިތިބެ ފާފަވެރި ގޮތުގައި، މީސްތަކުންގެ މުދަލުގެ ތެރެއިން ބައެއް ކެއުމަށްޓަކައި، ޙާކިމުންނަށް އެ މުދާ (ރިޝްވަތުގެ ގޮތުގައި) ނުދޭށެވެ!"
Ads by BMLމިއާޔަތުން އެނގޭ ގޮތުގައި ވެރިންނަށާއި ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ނުޙައްޤުން މަންފާ ހޯދުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. ކޮރަޕްޝަންގެ ޢަމަލުތަކުން މުޖުތަމަޢުގެ ހަމަހަމަކަން ގެއްލި، ޙައްޤުވެރިންނަށް އެމީހުންގެ ޙައްޤު ނުލިބި، ނުޙައްޤު މީހުން މުއްސަނދިވެގެން ދެއެވެ.
ރިޝްވަތުގެ ލަޢުނަތް
ކޮރަޕްޝަންގެ އެންމެ ނުބައި އެއް ސިފައަކީ ރިޝްވަތު ދިނުމާއި ހިފުމެވެ. މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ކަމެއް ކޮށްދިނުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ފައިސާ ނުވަތަ ހަދިޔާ ހޯދުމަކީ އިސްލާމްދީން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމެކެވެ.
ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘް ކުރައްވާފައިވެއެވެ.
"لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الرَّاشِي وَالْمُرْتَشِي" (رواه الترمذي)
މާނައީ: "ރިޝްވަތު ދޭ މީހާއާއި، ރިޝްވަތު ހިފާ މީހާއަށް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ލަޢުނަތް ލެއްވިއެވެ."
ލަޢުނަތް ލެއްވުމަކީ ﷲ ގެ ރަޙްމަތުން އެމީހަކު ބޭރުކޮށްލުމެވެ. ވީމާ، ކޮރަޕްޝަނުގެ ފައިސާއިން ދުނިޔޭގައި ކިތަންމެ ބޮޑު މުއްސަނދިކަމެއް ހޯދި ނަމަވެސް، އެމީހަކަށް ﷲ ގެ ރަޙްމަތެއް ނެތެވެ.
ދައުލަތުގެ މަޤާމުތަކާއި، ވަޒީފާތަކާއި، ބެލެހެއްޓުމަށް ހަވާލުކުރެވޭ ފައިސާއަކީ "އަމާނާތް" ތަކެވެ. އެއަށް ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ ސިފައެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
"يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنتُمْ تَعْلَمُونَ" (الأنفال: 27)
މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް އެނގިތިބެ، ﷲ އަށާއި ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށްވެސް ޚިޔާނާތްތެރި ނުވާށެވެ!"
ދައުލަތުގެ މުދަލުން ވައްކަން ކުރުމާއި ނާޖާއިޒު ފައިދާ ނެގުމަކީ "ޣުލޫލު" އެވެ. މިއީ އާދައިގެ ވައްކަމަކަށްވުރެ ނުރައްކާތެރި ކަމެކެވެ. ސަބަބަކީ އާދައިގެ ވައްކަމެއްގައި ގެއްލުންވަނީ ވަކި ފަރުދަކަށެވެ. ނަމަވެސް ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުމުން އެ ޚިޔާނާތްތެރިވެވޭނީ މުޅި ރައްޔިތުންނަށެވެ.
ދުނިޔެއާއި އާޚިރަތުގެ ގެއްލުން
ކޮރަޕްޝަނުގެ ސަބަބުން ދުނިޔޭގައި ލިބޭ ގެއްލުންތައް ގިނަގުނައެވެ. މުޖުތަމަޢުގެ އިތުބާރު ގެއްލި، އިޤްތިޞާދު އިނދަޖެހި، ފަޤީރުކަން އިތުރުވެ، ޢަދުލު އިންސާފު ޤާއިމުނުކުރެވި، ޙައްޤު ނޫން މީހުންނަށް މަޤާމުތައް ލިބިގެންދެއެވެ.
އާޚިރަތުގައި ލިބޭނެ ޢަޛާބު މާ ބޮޑެވެ. ކޮރަޕްޝަނުގެ ގޮތުގައި ނެގި ކޮންމެ އެއްޗެއް، ޤިޔާމަތް ދުވަހު އެމީހެއްގެ ކޮނޑުގައި އުފުލަންޖެހޭނެކަން ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘްތަކުން އެނގެއެވެ.
ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައިވެއެވެ.
"ތިޔަބައިމީހުންގެ ތެރެއިން މީހަކު ޤިޔާމަތް ދުވަހު އަންނައިރު، ކަރުގައި ޖަމަލެއް، ނުވަތަ ގެރިއެއް، ނުވަތަ ބަކަރިއެއް (އެބަހީ: އޭނާ ޚިޔާނާތްތެރިވީ މުދަލެއް) އުފުލައިގެން ހުއްޓާ ދެކެން ތިމަންކަލޭގެފާނު ބޭނުންފުޅު ނުވެއެވެ." (ބުޚާރީ އަދި މުސްލިމް)
މި ޙަދީޘުން ދޭހަވަނީ، ދުނިޔޭގައި ސިއްރުން ކޮރަޕްޝަން ހިންގި ނަމަވެސް، ޤިޔާމަތް ދުވަހު އެންމެހާ މީސްތަކުންގެ ކުރިމަތީގައި އެމީހަކު ފަޟީޙަތް ވެގެންދާނެ ކަމެވެ.
ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތަކުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކެވެ. ލިބޭ މުސާރަ ކުޑަވިޔަސް، ޙަރާމް ގޮތުގައި ލިބޭ ގިނަ މުދަލަށްވުރެ، ޙަލާލު ގޮތުގައި ލިބޭ މަދު މިންވަރެއްގައި ﷲ ބަރަކާތް ލައްވާނެއެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި ޤައުމު މި ނުބައި ވަބާއިން ސަލާމަތްކުރުމަށްޓަކައި، ﷲ އަށް ބިރުވެތިވެ، ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރަން ޖެހެއެވެ.
Ads by MACL
