ބުދަ، 18 ނޮވެމްބަރު 2026
ދީން

ޤުރްއާނާއި ސުންނަތަކީ ވަކިނުކުރެވޭނެ ދެ މަސްދަރު ކަމުގައި މިއަދުގެ ޚުޠުބާގައި ހަނދާންކޮށްދީފި

ޤުރްއާނާއި ސުންނަތަކީ ވަކިނުކުރެވޭނެ ދެ މަސްދަރު ކަމުގައި މިއަދުގެ ޚުޠުބާގައި ހަނދާންކޮށްދީފި

އިސްލާމީ ޝަރީޢަތުގެ އެންމެ މުހިންމު ދެ އަސާސް ކަމަށްވާ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތަކީ އެކަންކަމާ ނުލައި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ނުލިބޭނެ، އަދި އެކަތި އަނެކައްޗާ ވަކިނުކުރެވޭނެ ދެ މަޞްދަރުކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ޝަހާދަތުގެ ދެކަލިމަ ގުޅިފައިވާ ފަދައިން މި ދެ މަޞްދަރު ގުޅިލާމެހިފައިވާއިރު، މިއީ އިންސާނުންނަށްޓަކައި މާތް ﷲ ޚިޔާރުކުރައްވާފައިވާ ފުރިހަމަ ދީނުގެ އަސާސެވެ.

މާތް ﷲ އަށް ކިޔަމަންތެރިވުމަށް އަންގަވާފައިވާ ފަދައިން ރަސޫލާއަށް ތަބާވުމަކީވެސް މުސްލިމުންގެ މައްޗަށް ލާޒިމުކުރައްވާފައިވާ ކަމެކެވެ. ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން މިކަން ސާބިތުވާއިރު، ރަސޫލާގެ ބަސްފުޅުތަކާއި އަމަލުފުޅުތަކަކީވެސް ވަޙީގެ ތެރެއިން ހިމެނޭ ބައެއްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެކަލޭގެފާނު ނަމޫނާއެއްގެ ގޮތުގައި ބަލައިގަތުމަށް ވަނީ ގޮވާލާފައެވެ.

ސުންނަތަކީ ހަމައެކަނި ކުރިޔަސް ނުކުރިޔަސް އެންމެ ރަނގަޅު ކަންތައްތަކެއްގެ ގޮތުގައި ބައެއް މީހުން ދެކޭ ދެކުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމުގައި ޚުތުބާގައި ބަޔާންކުރިއެވެ. އިސްލާމްދީނުގެ ރުކުންތައް ކަމުގައިވާ ނަމާދާއި ޙައްޖު ފަދަ އަޅުކަންތައް ފަރުޟުކުރެއްވިކަން ޤުރްއާނުން އެނގެން އޮތް ނަމަވެސް، އެ އަޅުކަންތައްތައް ޢަމަލީގޮތުން އަދާކުރާނެ ތަފްސީލީ ގޮތްތައް އުންގަންނައިދެނީ ސުންނަތުންނެވެ. އެހެންކަމުން ސުންނަތަށް ރުޖޫޢަނުވެ، ހަމައެކަނި ޤުރްއާނަށް ބިނާކޮށްގެން ދީނަށް ޢަމަލުކުރުމަކީ މުސްތަޙީލު ކަމެއްކަން ވަނީ ހަނދާންކޮށްދީފައެވެ.

ޤުރްއާނާއި ސުންނަތުގެ ގުޅުން ސިފަކޮށްދެމުން ޚުތުބާގައި ބުނެފައިވަނީ، އެއީ ޝަހާދަތުގެ ދެކަލިމައިގެ މެދުގައިވާ ގުޅުން ފަދަ ގުޅުމެއް ކަމަށެވެ. އެގޮތުން ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވުމަކީ ވަކިނުކުރެވޭނެ އެއްޗަކަށް ވާއިރު، އިސްލާމީ ޝަރީޢަތް ޤިޔާމަތަށް ދާންދެން ރައްކާތެރިކުރައްވާނެކަމުގެ ވަޢުދުފުޅު މާތް ﷲ ކުރައްވާފައިވާކަން ބަޔާންކުރަމުން ޚުތުބާ ވަނީ ނިންމާލާފައެވެ.