ޢާއިލާތައް ބަދަހިކޮށް ދަރިންނަށް ރިވެތި ތަރުބިޔަތެއް ދިނުމަށް ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފި
އެއްވެސް މުޖުތަމަޢެއްގެ ބިންގަލަކީ ޢާއިލާ ކަމަށްވާއިރު، އެ މުޖުތަމަޢެއް ހަރުދަނާކަމާއެކު ދެމިއޮންނާނީ ޢާއިލީ ގުޅުންތައް ވަރުގަދަކުރެވިގެން ކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ. ޢާއިލީ ގުޅުމުގެ މުހިންމުކަމަށް އަލިއަޅުވާލައި ދެއްވި މި ޚުޠުބާގައި، ދަރިން ހެޔޮލަފާ ގޮތުގައި ބޮޑުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
މިއަދުގެ ދުނިޔޭގައި އަޚުލާޤީ މިންގަނޑުތައް ވެއްޓުމާއި، ގާތްތިމާގެކަމުގެ ގުޅުން ކެނޑި، ޢާއިލާތައް ރޫޅިގެންދާ މައްސަލައަކީ މުޅި މުޖުތަމަޢު ކަންބޮޑުވާ ކަމެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށް އަވަސް މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ބަޔާންކުރައްވަމުން، މިފަދަ ކަންކަން މެދުވެރިވާ މައިގަނޑު އަސްލަކީ ދަރިން ތަރުބިޔަތުކުރުމުގައްޔާއި އެކުދިންނަށް ދެވޭ ތަޢުލީމުގައި ހުންނަ އުނިކަންކަން ކަމުގައި ބަޔާންކުރެއްވިއެވެ.
ކޮންމެ ތުއްތު ކުއްޖަކުވެސް އުފަންވަނީ އިސްލާމްދީނުގެ ސާފު ފިޠުރަތުގެ މަތީގައި ކަމަށްވިޔަސް، އެކުއްޖާގެ ކުރިމަގާއި ވިސްނުން ބިނާވަނީ ލިބޭ ތަރުބިޔަތާއި މައިންބަފައިންގެ ފަރާތުން ފެންނަ ކަންކަމުގެ މައްޗަށް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މިކަން ސާބިތުކޮށްދެއްވައި ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވަނީ، ކޮންމެ ކުއްޖަކުވެސް ފިޠުރަތުގެ ސާފުކަންމަތީ އުފަންވާއިރު، އެކުއްޖާ ޔަހޫދީއަކަށް، ނަޞްރާނީއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިން ކަމަށެވެ. އެހެންކަމުން ހަމައެކަނި ދީނީ ކަންކަން ދަސްކޮށްދިނުމުން ނުފުދޭނެ ކަމަށާއި، މައިންބަފައިންނަށް އިޙްތިރާމްކޮށް ކިޔަމަންތެރިވުމަށާއި ގާތްތިމާގެ މީހުންނާ ގުޅުން ދެމެހެއްޓުމުގެ މާތް އަޚުލާޤު ދަރިންނަށް އުނގަންނައިދޭންޖެހޭނެކަން ހަނދާންކޮށްދެއްވިއެވެ.
Ads by BMLދީނީ ނަޒަރަކުން ބަލާއިރު ރަޙިމުގެ ގުޅުމަކީ މަތިވެރިވެގެންވާ ގުޅުމެއްކަން ބަޔާންކުރައްވަމުން، "ރަޙިމު" މި ނަން ގުޅިފައިވަނީ ﷲ ތަޢާލާގެ މާތް އިސްމުފުޅު "الرَّحْمَـٰن" އާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ވާރިދުވެފައިވާ ގޮތުން، އެ ގުޅުން ދަމަހައްޓައިފި މީހަކާ މާތް ﷲ ގުޅުން ޤާއިމުކުރައްވާނެ ކަމަށާއި، އަދި އެ ގުޅުން ކަނޑައިފި މީހަކާ ގުޅުން ކަނޑުއްވައިލައްވާނެ ކަމަށް ވަނީ އަންގަވާފައެވެ. އަދި މަޚްލޫޤުން ހައްދަވައި ނިމުމުން، ރަޙިމު އައިސް ގުޅުން ކެނޑުމުން ރައްކާތެރިކަމަށް އެދުމުން، ރަޙިމު ގުޅުވި މީހަކާ ގުޅުން ޤާއިމުކުރައްވައި އަދި އެ ގުޅުން ކަނޑައިލި މީހަކާ ގުޅުން ކަނޑުއްވައިލެއްވުމަށް ﷲ ތަޢާލާ ނިޔާކަނޑައެޅުއްވިކަން އެހެން ޙަދީޘަކުން އެނގޭކަންވެސް ހާމަކުރެއްވިއެވެ.
ގާތްތިމާގެކަމުގެ ގުޅުން ރައްކާތެރިކުރުމަކީ ތިމާގެ ދިރިއުޅުމުގެ ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތް އިތުރުވުމަށް އޮތް ވަސީލަތެއްކަން ކީރިތި ރަސޫލާގެ ބަސްފުޅުން ޘާބިތުވާކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ ރިޒުޤު ތަނަވަސްވެ ޢުމުރު ދިގުވުމަށް އެދޭ މީހާ ގާތްތިމާގެކަމުގެ ގުޅުން ބަދަހިކުރަންޖެހޭނެ ކަމަށެވެ.
އަނެއްކޮޅުން، ގާތްތިމާގެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެފަދަ މީހަކު ސުވަރުގެ ނުވަންނާނެ ކަމަށް ކީރިތި ރަސޫލާ އިންޒާރު ދެއްވާފައިވާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި މި ގުޅުމަކީ އަނެކާ ހެޔޮކޮށް ހިތުމުން ބަދަލުގައި ހެޔޮކޮށް ހިތާ ވިޔަފާރި އުޞޫލުގެ ގުޅުމެއް ނޫން ކަމަށާއި، ޙަޤީޤީ ގުޅުން ދަމަހައްޓާ މީހަކީ އަނެކަކު ގުޅުން ކަނޑައިލި ކަމުގައިވިޔަސް އެ ގުޅުން ގުޅުވަން މަސައްކަތްކުރާ މީހާ ކަމަށްވެސް ޙަދީޘްފުޅުތަކުން އެނގެން އޮތްކަން ބަޔާންކުރެއްވިއެވެ.
މުޖުތަމަޢުގައި މިފަދަ ހެޔޮ ބަދަލެއް ގެނެވޭނީ ކުދިން ތަރުބިޔަތުކުރުމުގެ ޤާބިލުކަން މައިންބަފައިންގެ ކިބައިގައި ހުރެގެން ކަމަށާއި، ދެމަފިރިންގެ އެންމެ އިސް ވާޖިބަކީ ދަރިންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މައިންބަފައިންނަށް ކިޔަމަންގަތުމަކީ ވާޖިބެއް ނަމަވެސް، އެކަން އޮތީ މާތް ﷲ އަށް އުރެދުމެއް ނުވާފަދަ ކަންކަމުގައި ކަމަށާއި، ޚާލިޤުވަންތަ ރަސްކަލާނގެ އަމުރުފުޅާ ޚިލާފުވާ އެއްވެސް ކަމެއްގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންވުމެއް ނޯންނާނެކަން ޚުޠުބާގައި ސާފުކޮށްދެއްވިއެވެ. ހަމައެއާއެކު، ދަރިންނަކީ ގުޅުންތައް ދަމަހައްޓާ ޞާލިޙު ބަޔަކަށް ހެދުމަށް ހަމައެކަނި ފޮތީ ތަޢުލީމު ނުފުދޭނެ ކަމަށާއި، އަޚުލާޤީ ތަރުބިޔަތުވެސް ކޮންމެހެން ދޭންޖެހޭނެކަން ފާހަގަކުރެއްވިއެވެ.
ދަރިންނަށް މާއްދީ ތަނަވަސްކަން ހޯދައިދިނުމުގެ އިތުރުން، އިސްލާމީ ރިވެތި އާދަތަކާއި ޝަރުޢީ ޙުކުމްތަކަށް އިޙްތިރާމްކުރަން ދަސްކޮށްދިނުމަކީ ބެލެނިވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި، މިކަމުގައި އެންމެ ބޮޑު ނަތީޖާއެއް ނެރެވޭނީ މައިންބަފައިން އަމަލުން ނަމޫނާ ދައްކައިގެން ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އަދި ކުޑަކުދިން ޅަފަތުގައި އަޅުކަމަށް ހޭނުވުމުގެ ގޮތުން، ހަތް އަހަރުވުމުން ނަމާދުކުރަން އަމުރުކުރުމަށާއި، ދިހަ އަހަރުވުމުން ނަމާދު އަޅައިފިނަމަ އަނިޔާނުވާނޭހެން އަދަބުދީގެންވެސް ނަމާދުކުރުވުމަށާއި، އެކުދިންގެ ތަންމަތިތައް ވަކިކުރުމަށް ރަސޫލާ ދެއްވާފައިވާ އިރުޝާދު ހަނދާންކޮށްދެއްވިއެވެ.
މިއަދުގެ ޚުޠުބާ ނިންމަވާލައްވާފައިވަނީ، ދަރިން ހެޔޮގޮތުގައި ބޮޑުކުރުމުގެ ހެޔޮ ތައުފީޤު ދެއްވައި، ގާތްތިމާގެކަމުގެ މަތިވެރި ގުޅުންތައް ދަމަހައްޓައި، އެކަކު އަނެކަކަށް ހެޔޮފޯރުވާ ބަޔަކު ކަމުގައި އަޅަމެން ލެއްވުން އެދި ދުޢާދަންނަވަމުންނެވެ.
Ads by MACL
