ބުދަ، 18 ނޮވެމްބަރު 2026
ދީން

މީސްމީޑިއާގައި މީހުން ފަޟީޙަތްކޮށް އަބުރު ކަތިލުން ހުއްޓާލަން ޚުޠުބާގައި ގޮވާލައިފި

މީސްމީޑިއާގައި މީހުން ފަޟީޙަތްކޮށް އަބުރު ކަތިލުން ހުއްޓާލަން ޚުޠުބާގައި ގޮވާލައިފި

މީސްމީޑިއާގެ ޒަރީޢާއިން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްވެސް އަސްލެއް ނެތް ވާހަކަތައް ފަތުރައިގެން މީހުންގެ އަބުރު ކަތިލައި ފަޟީޙަތްކުރުމުގެ ނުބައި އާދަ ދޫކޮށްލުމަށް މިއަދުގެ ހުކުރު ޚުޠުބާގައި މުޅި މުޖުތަމަޢަށް ގޮވާލައިފިއެވެ.

"މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މަޢުޟޫޢަށް މިއަދު އިއްވި ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފަސޭހަކަމާއެކު މީހުން ފަޟީޙަތްކުރަމުން ދަނީ ޙަޤީޤަތް ބެލުމެއް ނެތި، ހިތުގައި އުފެދޭ ޙަސަދަޔާއި ޒާތީ ރުޅިވެރިކަމުގެ ސަބަބުންނެވެ. މިފަދަ ނާތަހުޒީބު ޢަމަލުތައް ކުޑަކުދިންނާއި ޒުވާނުންގެ ކުރިމަތީގައި ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުންދާތީ، އަންނަން އޮތް ޖީލުތަކަށް އެ ދެއްކެނީ ނުރައްކާތެރި ނަމޫނާއެއް ކަމަށް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މީހެއްގެ އަބުރަށް އަރައިގަތުމަކީ ޖިސްމާނީ ގޮތުން ދެވޭ އަނިޔާއަށް ވުރެ މާ ބޮޑު ވޭނަކާއި ހިތާމައެއް ލިބޭ ކަމެކެވެ. ބޭރުފުށުން އެ އަނިޔާ ފެންނަން ނެތް ނަމަވެސް، މުޖުތަމަޢުގެ ކުރިމަތީގައި އިންސާނާގެ ޤަދަރު ގެއްލި، އޭނާ އެކަހެރިވެ ދިރިއުޅެން ޖެހެނީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމެއްގައެވެ.

އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އަބުރު ރައްކާތެރިކުރުން ހިމެނޭކަން ފާހަގަކުރައްވައި، ކީރިތި ރަސޫލާ ޙައްޖަތުލްވަދާޢުގައި ވެސް މުސްލިމުންގެ ލެޔާއި، މުދަލާއި، އަބުރުގެ ޙުރުމަތްތެރިކަން ހަނދާންކޮށްދެއްވާފައިވާކަން ޚުޠުބާގައި ވިދާޅުވިއެވެ.

މީހުންގެ އަބުރަށް ގިނަފަހަރަށް އަރައިގަނެވެނީ ދުލުގެ ޒަރީޢާއިން ކަމަށްވާތީ، މުއުމިނުންނަކީ ދުލާއި އަތުގެ ނުބައިކަމުން އެހެން މީހުން ރައްކާތެރިކޮށްދޭ ބަޔަކަށް ވުމަށާއި، ތިމާގެ އަބުރު ރައްކާތެރިކުރުމަށްޓަކައި ޝައްކު އުފެދޭ ފަދަ ކަންކަމުން ދުރުހެލިވުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.