ޖިންނި މޮޔަވެފައިވާ މީހާގެ ދުލުން ޝައިޠާނާ ވާހަކަދައްކާތަ؟
އިމާމް އިބްނު ޙަޒްމު އައްޡާހިރީ رحمه الله ވިދާޅުވެފައިވެއެވެ.
"ޖިންނި މޮޔަވެފައިވާ މީހާގެ ދުލުން ޝައިޠާނާ ވާހަކަދައްކާ ކަމަށް ފަންޑިތަވެރިން ބުނާބުނުމަކީ، އަސްލެއްނެތް ފުލޯކު ވާހަކައެކެވެ. މިފަދަ ވާހަކަތަކަކީ ބުއްދި ބަލިކަށި މުސްކުޅި ޢަޖޫޒުން މެނުވީ ގަބޫލުކުރާނެ ވާހަކަތަކެއް ނޫނެވެ. ޖިންނި މޮޔަވެފައިވާ މީހާ ވާހަކަދައްކާއިރު އޭނާގެ ދޫ ހަރަކާތްކުރާތަން އަހަރެމެންނަށް ފެނެއެވެ. ވީއިރު، އެމީހާގެ ދުލަކީ ޝައިޠާނާގެ ދޫ ކަމަށް ވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟
މިއީ ހަމަކަށަވަރުން ބޮޑުވެގެންވާ އޮޅުވާލުމެކެވެ. ޝައިޠާނާ ކުރާ ކަމަކީ، الله ވަޙީކުރައްވާފައިވާ ފަދައިން މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފެއްދުމެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. (يُوَسْوِسُ فِي صُدُورِ النَّاسِ) އެބަހީ: އެސޮރު މީސްތަކުންގެ ހިތްތަކަށް ވަސްވާސްދެއެވެ. އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ: (إِلَّا إِذَا تَمَنَّىٰ أَلْقَى الشَّيْطَانُ فِي أُمْنِيَّتِهِ - އެކަލޭގެފާނު (އެބަހީ: ރަސޫލު ބޭކަލަކު) ކަމަކަށް އެދިވަޑައިގެންފިނަމަ، އެކަމެއްގެ ތެރެއަށް ޝައިޠާނާ ވަސްވާސްތައް ވައްދަން މަސައްކަތްކުރެއެވެ.)
ޝައިޠާނާގެ އަމަލަކީ ހަމައެކަނި މިއީއެވެ. ނަމަވެސް، މީހެއްގެ ދުލުން ޝައިޠާނާ ވާހަކަދައްކާ ކަމަށް ބުނުމަކީ، ހަގީގަތެއް އަމުދުން ނެތް މޮޔަ ވާހަކައެކެވެ. މިފަދަ ޚުރާފީ ވާހަކަތައް ތެދުކޮށް ގަބޫލުކުރުމުން މާތް الله އަޅަމެން ސަލާމަތްކުރައްވާ ރައްކާތެރިކުރައްވާށިއެވެ.
މިއީ ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ގުބާދު ތަރުޖަމާކުރައްވާފައިވާ ލިޔުމެއް
Ads by MACL
