އިސްރާއީލުގެ އާ ވަޒަންވެރިކުރުމުގެ ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ 19 ސަރަޙައްދެއްގައި އިސްރާއީލުން އާ ވަޒަންވެރިކުރުވުމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
މި ނިންމުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ސެކިއުރިޓީ ކައުންސިލްގެ މުޢާޙަދާތަކާ ޚިލާފު ޢަމަލެއްކަމަށް ދިވެހި ސަރުކާރުން ބުނެފައި ވެއެވެ. މި ޢަމަލުތަކުގެ ސަބަބުން ސުލްޙަ މަސައްކަތަށް ހުރަސްއަޅާ ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ފާހަގަކުރައްވާފައިވަނީ، ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުން ހިންގަމުންދާ މިފަދަ ލާއިންސާނީ ޢަމަލުތައް ކުށްވެވެރިކުރާ ކަމަށެވެ. އެގޮތުން، މި ޢަމަލުތައް ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ޤަރާރުތަކާ ކަނޑައެޅިގެން ޚިލާފުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. މިކަމުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށް ގެއްލުން ލިބި، ސުލްޙަ މަސައްކަތްތަކަށް ހުރަސް އެޅޭކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.
Ads by BMLސަރުކާރުން އިތުރަށް ފާހަގަކުރެއްވީ، އިސްރާއީލުގެ މިފަދަ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އިންސާފު ޤާއިމުކުރުމަށާއި ސުލްޙަ މަސައްކަތަށް ހުރަސްއެޅޭ ކަމަށެވެ. އަދި ދެދައުލަތް އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. މިއީ ސުލްޙަވެރި ހައްލެއް ހޯދުމަށް ކުރާ މަސައްކަތަށް ބޮޑު ގޮންޖެހުމެއް ކަމަށް ދިވެހި ސަރުކާރުން ދެކެއެވެ.
މިކަމާ ގުޅިގެން، އިސްރާއީލުން ފަލަސްޠީނުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލާފައެވެ. ބައިނަލްއަޤުވާމީ ޤާނޫނުތައް ހިމާޔަތްކުރުމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ދުނިޔޭގެ އެކި ޤައުމުތަކަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ދިވެހި ސަރުކާރުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހީން ތިބި ތިބުން އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށާއި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މަތިން އިރުޝުލްޤުދުސް (އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ އިރުމަތީ ޤުދުސް) ވެރިރަށަކަށް ހަދައިގެން މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
Ads by MACL
