ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހޮންގްކޮންގްގެ މީޑިއާ މަހުޖަނު ޖިމީ ލާއީ މިނިވަންކުރަން ޓްރަމްޕް ގޮވާލައިފި

ހޮންގްކޮންގްގެ މީޑިއާ މަހުޖަނު ޖިމީ ލާއީ މިނިވަންކުރަން ޓްރަމްޕް ގޮވާލައިފި

ހޮންގްކޮންގްގެ ޑިމޮކްރަސީއަށް ވަކާލާތުކުރައްވާ މަޝްހޫރު މީޑިއާ ވިޔަފާރިވެރިޔާ މަހުޖަނު ޖިމީ ލާއީ ޖަލުން މިނިވަންކޮށްދިނުމަށް އެދިވަޑައިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ވާހަކަދައްކަވައިފިއެވެ.

ޓްރަމްޕް މިކަމަށް އެދިވަޑައިގެންފައިވަނީ، ޤައުމީ ސަލާމަތާބެހޭ ޤާނޫނުގެ ދަށުން ލާއީގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އޭނާގެ އުމުރުން ދުވަސްވެފައިވުމާއި ސިއްހީ ހާލަތު ގޯސްވަމުންދާތީ، އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ރައީސް ޝީއާ މުއާމަލާތްކުރައްވައި، ލާއީ ދޫކޮށްލުމަށް ވިސްނަވައިދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
"އޭނާ (ޖިމީ ލާއީ) އަކީ އުމުރުން ދުވަސްވެފައިވާ ބޭފުޅެއް. އަދި އޭނާގެ ހާލު ރަނގަޅެއް ނޫން. އެހެންވީމާ އަޅުގަނޑު އެ އެދުން އެދިފައިވާނެ. ކަންތައް ވާނެ ގޮތެއް ބަލަމާ،" ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް ޝީއާ ވާހަކަދެއްކެވީ ސީދާ ކޮން ވަގުތަކު ކަމެއް ޓްރަމްޕް ހާމައެއް ނުކުރައްވައެވެ.
ހޮންގްކޮންގްގެ ހައިކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ ލާއީގެ މައްޗަށް އުފުލާފައިވާ ޤައުމީ ސަލާމަތާބެހޭ ތިން ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި ލާއީ ވަނީ ބޭރުގެ ސަރުކާރުތަކާ ގުޅިގެން ޗައިނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރާވައި، ނުތަނަވަސްކަން އުފެދޭ ފަދަ ލިޔުންތައް ޝާއިއުކޮށްފައެވެ. މި ދައުވާތަކަށް ލާއީ އިންކާރުކުރެއްވި ނަމަވެސް، ކުށް ސާބިތުވުމާ ގުޅިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ، ލާއީގެ މައްޗަށް ކުށް ސާބިތުކުރުމަކީ އިދިކޮޅު ފިކުރުގެ މީހުންގެ އަޑު ކަނޑުވާލުމަށް ޗައިނާއިން ގެންގުޅޭ ސިޔާސަތު ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ލާއީގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އޭނާ މިނިވަންކުރުމަށް ރޫބިއޯ ވަނީ ގޮވާލައްވާފައެވެ.
ލާއީގެ އާއިލާއިންވެސް ވަނީ އޭނާ މިނިވަންކުރުމަށް އާދޭސް ދަންނަވާފައެވެ. އޭނާގެ ދަރިފުޅު ސެބަސްޓިއަން ލާއީ ވިދާޅުވި ގޮތުގައި، ޗައިނާއާ އެކު ގާތް ގުޅުމެއް ބޭއްވުމުގެ ކުރިން އިނގިރޭސިވިލާތުން ލާއީގެ މިނިވަންކަން ޝަރުތުކުރަން ޖެހެއެވެ. އަދި އޭނާގެ ދަރިކަނބަލުން ކްލެއަރ ވިދާޅުވީ، ޖަލުން މިނިވަންވެއްޖެނަމަ ބައްޕާފުޅު ސިޔާސީ ކަންކަން ދޫކޮށްލައްވައި، އާއިލާއާއެކު ވަގުތު ހޭދަކުރައްވާނެ ކަމަށެވެ.
ޖިމީ ލާއީއަކީ ހޮންގްކޮންގްގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި އެއް ފަރާތެވެ. އޭނާގެ ނޫސް "އެޕަލް ޑެއިލީ" 2021 ވަނަ އަހަރު މަޖުބޫރުން ބަންދުކުރުމަކީ ހޮންގްކޮންގްގެ މިނިވަން ނޫސްވެރިކަމަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ފާހަގަކުރެއެވެ.
ޖިމީ ލާއީއަކީ ހޮންގްކޮންގްގެ އެންމެ ނުފޫޒުގަދަ މީޑިއާ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ޑިމޮކްރަސީއަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރަށް ފާޑުކިޔައި، ހޮންގްކޮންގްގެ މިނިވަންކަމާއި ޑިމޮކްރަސީ ހަރަކާތްތަކަށް ވާގިވެރިވެދިން "އެޕަލް ޑެއިލީ" ނޫހުގެ ބާނީގެ ގޮތުގައެވެ.

ހޮންގްކޮންގްއަށް ޗައިނާއިން ތަޢާރަފުކުރި ޤައުމީ ސަލާމަތާބެހޭ ހަރުކަށި ޤާނޫނުގެ ދަށުން ލާއީ ހައްޔަރުކުރުމާއެކު، އޭނާގެ މީޑިއާ ކުންފުނީގެ މުދާތައް ހިފަހައްޓައި، އެ ނޫސް ވެސް ވަނީ 2021 ވަނަ އަހަރު މަޖުބޫރުން ބަންދުކޮށްފައެވެ. ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކުން ލާއީ ސިފަކުރަނީ ހޮންގްކޮންގްގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީ ހަނގުރާމައިގެ ރަމްޒެއްގެ ގޮތުގައެވެ.