އެމެރިކާގެ ސެނެޓުން 901 ބިލިއަން ޑޮލަރުގެ ދިފާޢީ ބިލެއް ފާސްކޮށްފި
އެމެރިކާގެ ސެނެޓުން 2026 ވަނަ އަހަރުގެ ދިފާޢީ ސިޔާސަތާއި ޚަރަދުތައް ކަނޑައެޅުމަށްޓަކައި 901 ބިލިއަން ޑޮލަރުގެ ބިލެއް ފާސްކޮށްފިއެވެ. މި ބިލަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްކަން ދީފައިވާ ކަންތައްތަކާއި އެމެރިކާގެ އަސްކަރީ ބާރުތަކުގެ މައްޗަށް ކޮންގްރެސްގެ ބާރު ދެމެހެއްޓުމަށް ބޭނުންވާ މާއްދާތައް ހިމެނޭ ބިލެކެވެ.
"ނޭޝަނަލް ޑިފެންސް އޮތަރައިޒޭޝަން އެކްޓް" (އެންޑީއޭއޭ) ގެ ނަމުން ނަންދީފައިވާ މި ބިލު ސެނެޓުން ފާސްވީ 77 ވޯޓު 20 ވޯޓުންނެވެ. ސެނެޓުން މި ބިލު ފާސްކުރުމާ ގުޅިގެން، ބިލު ތަސްދީޤު ކުރެއްވުމަށް މިހާރު ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުވާފައެވެ.
ބިލުގައި ހިމެނޭ ބައެއް މާއްދާތަކަކީ ޔޫރަޕްގައި އެމެރިކާ ސިފައިން މަދުކުރުމުގެ ކުރިން އެކަންކުރުމުގެ ކުރިން ލަފާ އެރުވުމަށް އެދިފައިވާ ޑިމޮކްރެޓިކް މެމްބަރުންގެ މަސައްކަތުގެ ނަތީޖާއެވެ.
މި ބިލުގައިވާ ގޮތުން ޕެންޓަގަންއިން ޔޫރަޕުގައި މަދުވެގެން 76،000 އެމެރިކާ ސިފައިން ބޭތިއްބަން ޖެހޭނެއެވެ. ނަމަވެސް ނޭޓޯ ގައުމުތަކާއި މަޝްވަރާކޮށް، އެކަންކުރުމަކީ އެމެރިކާގެ ގައުމީ މަސްލަހަތަށް ފައިދާހުރި ކަމެއްކަމަށް ނުފެންނަ ހާލަތެއްގައި ސިފައިން މަދުކުރުމުގެ ފުރުސަތު އެބައޮތެވެ. އާންމުކޮށް އެމެރިކާ ސިފައިން ޔޫރަޕްގައި 80،000 އިން 100،000 އާ ދެމެދުގެ އަދަދަކަށް ހަރަކާތްތެރިވެއެވެ.
އަދި ކޮންގްރެސްއިން ވަނީ ދެކުނު ކޮރެއާގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު 28،500 އަށްވުރެ ދަށް ނުކުރުމަށްވެސް ތާއީދުކޮށްފައެވެ.
ކޮންގްރެސްއިން ވަނީ ޔޫކްރެއިނަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ވެސް ފާސްކޮށްފައެވެ. އެގޮތުން ޔޫކްރެއިން ސެކިއުރިޓީ އެސިސްޓެންސް އިނީޝިއޭޓިވްގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ކޮންމެ އަހަރަކު 400 މިލިއަން ޑޮލަރު ދިނުމަށް ވަނީ ހުއްދަ ދީފައެވެ. އަދި ޔޫކްރެއިނަށް ހަތިޔާރު އުފެއްދުމަށް އަހަރަކު 400 މިލިއަން ޑޮލަރު ޚަރަދުކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ބިލުގައިވާ ގޮތުން އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި އޭޝިއާ ޕެސިފިކް ސަރަހައްދަށް އިސްކަންދޭންޖެހެއެވެ. އެގޮތުން ޗައިނާގެ އަސްކަރީ ނުފޫޒު ކުޑަކުރުމަށްޓަކައި ޓައިވާނުގެ ސެކިއުރިޓީ ކޯޕަރޭޝަން އިނީޝިއޭޓިވްއަށް 1 ބިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ހުއްދަދީފައެވެ.
މީގެ އިތުރުން އިސްރާއީލަށް 600 މިލިއަން ޑޮލަރުގެ ސަލާމަތީ އެހީ ދިނުމަށް ވަނީ ހުއްދަދީފައެވެ. މީގެތެރޭގައި އިސްރާއީލްގެ މިސައިލް ޑިފެންސް ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ފައިސާވެސް ހިމެނެއެވެ.
ބިލުގައި، އެމެރިކާގެ އަސްކަރިއްޔާގެ ކަންކަން ރިޕޯޓްކުރުމަށް އިތުރު މަޢުލޫމާތު ހިމެނުމަށް ވަނީ އަންގާފައެވެ. އެގޮތުން ކެރީބިއަން އަދި އިރުމަތީ ޕެސިފިކް ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ޝައްކުކުރެވޭ ފަރާތްތަކަށް ދޭ ހަމަލާތަކުގެ އިތުރު މަޢުލޫމާތު ކޮންގްރެސްއަށް ފޯރުކޮށްދިނުމަށްވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން ބިލުގައި ވަނީ 2003 ވަނަ އަހަރު އިރާގަށް އެމެރިކާ އަރައިގަތުމަށާއި 1991 ވަނަ އަހަރު ގަލްފް ހަނގުރާމައަށް ދީފައިވާ ހުއްދަ އުވާލާފައެވެ.
އަދި ސީރިޔާގައި ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް އައުމަށްފަހު އެގައުމުގެ އާރާސްތުކުރުމަށް އެހީތެރިވުމުގެ ގޮތުން އެމެރިކާ ސަރުކާރުން ސީރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމީކޮށް އުވާލުމަށް ވަނީ ނިންމާފައެވެ.
މި ބިލުގައި ވަނީ ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ސިޔާސަތާ އެއްގޮތަށް ބައެއް ކަންތައްތައް ހިމަނާފައެވެ. އެގޮތުން ޑިފެންސް ޑިޕާޓްމަންޓުގެ ތެރޭގައި ހިންގާ "ޑައިވަރސިޓީ، އިކުއިޓީ އެންޑް އިންކްލޫޝަން" އޮފީސްތަކާއި ތަމްރީން ޕްރޮގްރާމްތައް އުވާލުމަށް ވަނީ ނިންމާފައެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅޭ ޕްރޮގްރާމްތަކަށް ޚަރަދުކުރާ ފައިސާއިން 1.6 ބިލިއަން ޑޮލަރު ކުޑަކުރުމަށްވެސް ވަނީ ނިންމާފައެވެ.
Ads by BML
Ads by MACL
