ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ދުނިޔޭގައި މަރާލެވުނު ނޫސްވެރިންގެ ދެބައިކުޅަ އެއްބައި މީހުން މަރާލީ އިސްރާއީލުން: އާރްއެސްއެފް

ދުނިޔޭގައި މަރާލެވުނު ނޫސްވެރިންގެ ދެބައިކުޅަ އެއްބައި މީހުން މަރާލީ އިސްރާއީލުން: އާރްއެސްއެފް

ނިމެމުން މިދާ 2025 ވަނަ އަހަރަކީ ނޫސްވެރިކަމުގެ ދާއިރާއަށް ދަތި އަހަރެއް ކަމަށާއި، މި އަހަރު މުޅި ދުނިޔޭގައި މަރާލެވުނު ނޫސްވެރިންގެ ގާތްގަނޑަކަށް 50 އިންސައްތަ (ދެބައިކުޅަ އެއްބައި) ހިއްސާކުރަނީ އިސްރާއީލުން ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާޒް (އާރްއެސްއެފް) އިން ހާމަކޮށްފިއެވެ.

ޕެރިހުގައި މަރުކަޒުވެފައިވާ މީޑިއާގެ މިނިވަންކަމަށް ވަކާލާތުކުރާ މި ޖަމިއްޔާއިން އާންމުކުރި އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 66 ނޫސްވެރިން މަރާލާފައިވާއިރު، މި އަހަރު އެ އަދަދު ވަނީ 67 އަށް އިތުރުވެފައެވެ. މީގެ ތެރެއިން ހަމައެކަނި ޣައްޒާއިން ވެސް ފަލަސްތީނުގެ 29 ނޫސްވެރިއަކު ވަނީ ޝަހީދުކޮށްލާފައެވެ.

އެ ރިޕޯޓުގައި ސިފަކޮށްފައިވާ ގޮތުން ނޫސްވެރިންގެ "އެންމެ ބޮޑު ދުޝްމަނަކަށް" ވެފައިވަނީ އިސްރާއީލު ސިފައިންނެވެ. ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި މަރާލެވުނު ނޫސްވެރިންގެ 43 އިންސައްތަ މީހުންގެ މަރުގެ ފުރިހަމަ ޒިންމާ އުފުލަންޖެހެނީ އިސްރާއީލުން ކަމަށް އާރްއެސްއެފްއިން ބުނެއެވެ.
އިސްރާއީލުން ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން އާރްއެސްއެފްއިން ޚާއްސަ ގޮތެއްގައި ފާހަގަކޮށްފައިވަނީ އޮގަސްޓް 25 ވަނަ ދުވަހު ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލަކަށް ދިން "ޑަބަލް ޓެޕް" ހަމަލާއެވެ. މިއީ ތަނަކަށް ބޮން އެޅުމަށްފަހު، އެތަނަށް އެހީވުމަށާއި ޚަބަރު ކަވަރުކުރުމަށް މީހުން އެއްވުމުން ދެވަނަ ފަހަރަށް ދޭ ހަމަލާއެކެވެ. މި ނުރައްކާތެރި ހަމަލާގައި ބައިނަލްއަޤްވާމީ ނޫސް އޭޖެންސީތައް ކަމަށްވާ ރޮއިޓާސް އަދި އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން 5 ނޫސްވެރިއަކު ވަނީ މަރާލާފައެވެ.
އާރްއެސްއެފްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން މިހާތަނަށް ގާތްގަނޑަކަށް 220 ނޫސްވެރިން މަރާލާފައިވެއެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ދުވަހަށް ބެލި ކަމުގައި ވިޔަސް، ދުނިޔޭގައި އެންމެ ގިނަ ނޫސްވެރިން މެރުމުގެ ރެކޯޑު އޮތީ އިސްރާއީލު އަތުގައެވެ.
މި ތުހުމަތުތަކާ ގުޅިގެން އިސްރާއީލުން އޭއެފްޕީއަށް ބުނެފައިވަނީ "ހަނގުރާމައިގެ މައިދާނެއްގައި އުޅޭއިރު އެ ރިސްކު އޮންނާނެ" ކަމަށެވެ. އަދި ނޫސްވެރިންނަށް ގަސްތުގައި އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް ބުނާ ބުނުން ތަކުރާރުކޮށް، މަރާލެވުނު ބައެއް ނޫސްވެރިންނަކީ ހަމާސްގެ މެމްބަރުން ކަމަށް އިސްރާއީލުން ވަނީ ތުހުމަތުކޮށްފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ކަވަރުކުރުމަށް ބައިނަލްއަޤްވާމީ ނޫސްވެރިން ޣައްޒާއަށް ވަނުމަށް އިސްރާއީލުން ވަނީ ހުރަސް އަޅާފައެވެ. އެހެންކަމުން ޣައްޒާގެ ހަގީގަތް ދުނިޔެއަށް ހާމަކޮށްދިނުމުގެ އެންމެހާ ޒިންމާއެއް އެޅިފައިވަނީ ފަލަސްތީނުގެ ނޫސްވެރިންގެ ކޮނޑުގައެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޖެނީވާ މުއާހަދާގެ ދަށުން ނޫސްވެރިންނަކީ ހަނގުރާމައިގެ ވަގުތުތަކުގައި ވެސް ރައްކާތެރިކަން ލިބިގެންވާ "ސިވިލިއަނުން" ކަމުގައި ބެލެވުނު ނަމަވެސް، ޣައްޒާގައި ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދިނުން ވަނީ އާންމު ކަމަކަށް ވެފައެވެ. އަދި ނޫސްވެރިންގެ އިތުރުން އެމީހުންގެ އާއިލާތަކަށް އަމާޒުކޮށްވެސް އިސްރާއީލުން ހަމަލާތައް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.