ކޯޓުގެ ހުކުމާއެކު މަސްކްގެ މިލްކިއްޔާތު 700 ބިލިއަން ޑޮލަރަށް އަރައިފި
އެމެރިކާގެ ޑެލަވެއާ ސްޓޭޓްގެ ސުޕްރީމް ކޯޓުން ކުރި މުހިންމު ހުކުމަކާ ގުޅިގެން، ޓެސްލާގެ ސީއީއޯ އީލޮން މަސްކްގެ މިލްކިއްޔާތު ހުކުރު ދުވަހު 749 ބިލިއަން ޑޮލަރަށް އަރައި، 700 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮތް ފުރަތަމަ ޝަހުސިއްޔަތަށް އޭނާ ވެއްޖެއެވެ.
ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުން ދައްކާ ގޮތުގައި، މަސްކްގެ މުއްސަނދިކަން މިހާ ބޮޑަށް އިތުރުވެގެން ދިޔައީ، މިދިޔަ އަހަރު ބާތިލުކުރި ޓެސްލާގެ ސްޓޮކް އޮޕްޝަންތައް (މިހާރުގެ އަގުންނަމަ 139 ބިލިއަން ޑޮލަރު) އަލުން އޭނާއަށް ދިނުމަށް ޑެލަވެއާ ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.
މީގެ ދެ އަހަރު ކުރިން ދަށު ކޯޓަކުން ވަނީ، 2018 ވަނަ އަހަރު މަސްކްއަށް ދިނުމަށް ކަނޑައެޅި (އޭރުގެ އަގުން 56 ބިލިއަން ޑޮލަރުގެ) މުސާރައިގެ ޕެކޭޖަކީ "ގަބޫލުކުރަން ދަތި" ވަރުގެ ބޮޑު އަދަދެއް ކަމަށް ބުނެ އެ އެއްބަސްވުން ބާތިލުކޮށްފައެވެ. ނަމަވެސް، ހުކުރު ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ، އެ ޕެކޭޖު ބާތިލުކޮށް ކުރިން ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށާއި، އެއީ މަސްކްއާ މެދު ބޭއިންސާފުން ކޮށްފައިވާ ކަމެއް ކަމަށެވެ.
Ads by BMLމި ހަފްތާގެ ކުރީކޮޅު މަސްކް ވަނީ، އޭނާގެ އޭރޯސްޕޭސް ކުންފުނި "ސްޕޭސްއެކްސް" ހިއްސާގެ ބާޒާރަށް ނެރެން އުޅޭކަމުގެ ޚަބަރުތަކާއެކު، 600 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް ހޯދި ދުނިޔޭގެ ފުރަތަމަ މީހާގެ ރެކޯޑުވެސް ހަދާފައެވެ.
މީގެ އިތުރުން، މިދިޔަ ނޮވެމްބަރު މަހު ޓެސްލާގެ ހިއްސާދާރުން ވަނީ މަސްކްއަށް އެއް ޓްރިލިއަން ޑޮލަރުގެ މުސާރައިގެ ޕްލޭނެއް ދިނުމަށް ވަކިން ފާސްކޮށްފައެވެ. މިއީ ދުނިޔޭގެ ތާރީޚުގައިވެސް ކުންފުންޏަކުން މީހަކަށް ދިނުމަށް ކަނޑައެޅި އެންމެ ބޮޑު މުސާރައިގެ ޕެކޭޖެވެ. އިންވެސްޓަރުން މިކަމަށް ތާއީދުކޮށްފައިވަނީ، ޓެސްލާ އަކީ އޭއައި އަދި ރޮބޮޓިކްސްގެ ބޮޑު ބާރަކަށް ހެދުމަށް މަސްކް ގެންގުޅުއްވާ ތަސައްވުރަށް އިތުބާރުކޮށްގެންނެވެ.
ފޯބްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިހާރު މަސްކްގެ މިލްކިއްޔާތު ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ ގޫގުލްގެ ކޯ-ފައުންޑާ ލެރީ ޕޭޖްގެ މިލްކިއްޔާތަށްވުރެ ގާތްގަނޑަކަށް 500 ބިލިއަން ޑޮލަރު އިތުރުވެފައެވެ.
މި މައްސަލައިގެ ފެށުމަކީ 2018 ވަނަ އަހަރު ޓެސްލާގެ ޑިރެކްޓަރުންގެ ބޯޑުން މަސްކްއަށް ދިނުމަށް ފާސްކުރި މުސާރައިގެ ޕެކޭޖާ ދެކޮޅަށް، ކުންފުނީގެ ހިއްސާދާރަކު ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައިގައި އޭނާ ދައުވާކުރީ، އެ އެއްބަސްވުން އެކުލަވާލިއިރު ބޯޑުގެ މެމްބަރުންގެ މައްޗަށް މަސްކްގެ ނުފޫޒު އޮތް ކަމަށާއި، އެކަމާ ގުޅޭ ފުރިހަމަ މައުލޫމާތު ހިއްސާދާރުންނަށް ދީފައި ނުވާ ކަމަށެވެ.
މިއީ މުސާރައެއްގެ ގޮތުގައި ފައިސާ ލިބޭ ގޮތަށް އޮތް ޕެކޭޖެއް ނޫނެވެ. މީގެ ބަދަލުގައި މިއީ ކުންފުނީގެ އަގާއި ފައިދާ ވަކި މިންވަރަކަށް ޖެއްސިއްޖެނަމަ ލިބޭ ގޮތަށް އޮތް ސްޓޮކް އޮޕްޝަންތަކެކެވެ.
އޭރު ގިނަ ބަޔަކު ގަބޫލުކުރީ އެއީ ހާސިލު ނުކުރެވޭނެ އަމާޒުތަކެއް ކަމަށެވެ. ނަމަވެސް މަސްކް ވަނީ ޓެސްލާގެ ވިޔަފާރި އެތައް ގުނައެއް މައްޗަށް ޖައްސައި އެ ޝަރުތުތައް ފުރިހަމަކޮށްފައެވެ.
ޑެލަވެއާގެ ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، ދިގުލައިގެން ގޮސްފައިވާ ގާނޫނީ އަރާރުންތަކަށް ނިމުމެއް އައިސް، ޓެސްލާގެ މައްޗަށް އޮތް މަސްކްގެ ކޮންޓްރޯލް އިތުރަށް ވަރުގަދަވެގެންދާނެއެވެ.
Ads by MACL
