އިމްރާން ޚާންގެ ދެމަފިރިން 17 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބުޝްރާ ބީބީ، ދައުލަތަށް ލިބުނު އަގުބޮޑު ހަދިޔާތަކެއް ގަވާއިދާ ހިލާފަށް އަމިއްލަފުޅު ކުރެއްވި ކަމަށް ސާބިތުވެ، 17 އަހަރުގެ ޖަލު ހުކުމެއް އިއްޔެ އިއްވައިފިއެވެ.
ޕާކިސްތާނުގެ ކޯޓަކުން މި ހުކުމް އިއްވީ، އެކި ގައުމުތަކުން ދައުލަތަށް ދީފައިވާ ހަދިޔާތައް، އޭގެ އަސްލު އަގަށްވުރެ މާ ހެޔޮ އަގުގައި ބައްލަވައިގަތުމަށްފަހު، ބޮޑު އަގުގައި ވިއްކަވައިގެން މަންފާ ހޯއްދެވި ކަމަށް ބުނާ މައްސަލައިގައެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ސަރުކާރުން ދެއްވި އަގުބޮޑު ގަހަނާތަކެއް ވެސް ހިމެނެއެވެ.
ޕްރޮސެކިއުޓަރުން ކޯޓުގައި ބުނެފައިވާ ގޮތުގައި، ބާޒާރުގައި 285,521 ޑޮލަރަށް ވިއްކަން ހުރި ތަކެތި، އިމްރާންގެ ދެމަފިރިން ބައްލަވައިގަތީ އެންމެ 10,000 ޑޮލަރަށެވެ. ޕާކިސްތާނުގެ ގާނޫނު ބުނާގޮތުން ދައުލަތުގެ އިސްވެރިންނަށް ލިބޭ ހަދިޔާތައް އަމިއްލަ ކުރެވޭނީ އޭގެ މާކެޓް އަގު ދެއްކުމަށްފަހުގައެވެ.
މި ހުކުމާ ގުޅިގެން އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީ.ޓީ.އައި) އިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޕާޓީން ބުނީ މިއީ "ކަޅު ސަފުހާއެއް" ކަމަށާއި، ބަންދުކޮށްފައިވާ ޖަލެއްގައި ކުރިއަށްގެންދިޔަ މި ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށެވެ. އިމްރާންގެ ކޮއްކޮ އަލީމާ ޚާނަމް ވިދާޅުވީ، މިއީ އެމަނިކުފާނު ސިޔާސީ ދާއިރާއިން އެކަހެރިކުރުމަށް ހިންގާ އުދުވާނެއް ކަމަށެވެ.
ނަމަވެސް ޕާކިސްތާނުގެ މިހާރުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު ވިދާޅުވީ، ކޯޓުން މި ހުކުމް އިއްވީ ވަރުގަދަ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ގާނޫނީ ވަކީލު ތާނިއާ ބަޒާއީ ފާހަގަކުރެއްވި ގޮތުގައި، އިމްރާންގެ އޭރުގެ ޕްރިންސިޕަލް ސެކްރެޓަރީ އާއި މިލިޓަރީ ސެކްރެޓަރީ ވަނީ އެމަނިކުފާނާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދެއްވާފައެވެ.
އުމުރުފުޅުން 73 އަހަރުގެ އިމްރާން ޚާން ބޮޑުވަޒީރުކަމުން ވަކިކުރެވުނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އޭގެ ފަހުން އެމަނިކުފާނުގެ މައްޗަށް ތަފާތު އެކި ދައުވާތައް އުފުލި، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ހުންނެވީ ޖަލު ބަންދުގައެވެ.
Ads by BMLއިމްރާން ޚާން ތުހުމަތު ކުރައްވާ ގޮތުގައި އެމަނިކުފާނު މަގާމުން ދުރުކުރީ އެމެރިކާގެ އެހީތެރިކަމާއެކު ޕާކިސްތާނުގެ އަސްކަރިއްޔާއިން ރާވައިގެންނެވެ. ނަމަވެސް އެމެރިކާއާއި އަސްކަރިއްޔާއިން މިކަން ދޮގުކުރެއެވެ.
ޕާކިސްތާނުގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންއަކީ އަދިވެސް އެގައުމުގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް އޮތް ބޭފުޅެކެވެ. އެމަނިކުފާނު ޖަލަށްލުމާ ގުޅިގެން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ފާއިތުވި ދެ އަހަރު ތެރޭގައި ބޮޑެތި މުޒާހަރާތަކެއް ވަނީ ކޮށްފައެވެ.
Ads by MACL
