ބުދަ، 18 ނޮވެމްބަރު 2026
ދީން

މިސްކިތްތަކުގައި ބަހައްޓާ ޚާއްސަ ސުތުރާތައް ނެގުމަށް ނިންމައިފި

މި ފަހަރަކަށް އައިސް މިސްކިތްތަކުގައި ތަފާތު ވައްތަރަށް ހަދާފައިވާ ގިނައަދަދެއްގެ މިފަދަ ތަކެތި ހުންނަކަން ފާހަގަވޭ --
މި ފަހަރަކަށް އައިސް މިސްކިތްތަކުގައި ތަފާތު ވައްތަރަށް ހަދާފައިވާ ގިނައަދަދެއްގެ މިފަދަ ތަކެތި ހުންނަކަން ފާހަގަވޭ --

ނަމާދުކުރާ މީހާގެ ކުރިމަތިން މީހުން ހުރަސްކުރުން ހުއްޓުވުމަށްޓަކައި ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ސުތުރާތައް މިސްކިތްތަކުގައި ބެހެއްޓުމަކީ އެދެވިގެންނުވާ ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން، ކަނޑައެޅުމާއި ގުޅިގެން، ރާއްޖޭގެ މިސްކިތްތަކުން މިފަދަ ތަކެތި ނަގަން ނިންމައިފިއެވެ.

މިކަމަކީ ކީރިތި ރަސޫލާގެ ޒަމާނާއި އަސްހާބު ބޭކަލުންގެ ދުވަސްވަރުވެސް ޢަމަލުކުރެވިފައިވާ ގޮތެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސުތުރާއަކީ ނަމާދަށް ހުންނަ މީހާގެ ކުރިމަތީގައި ބަހައްޓާ ފާހަގައެކެވެ. މި ފަހަކަށް އައިސް މި ބޭނުމަށްޓަކައި ތަފާތު ޑިޒައިންތަކަށް ލަކުޑިން ހަދާފައި ހުންނަ ތަކެތި ނުވަތަ އެހެނިހެން ސާމާނު މިސްކިތްތަކުގައި ބޭނުންކުރުން ވަނީ ޢާންމުވެފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފަތުވާ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސުތުރާގެ ގޮތުގައި ބޭނުންކުރުމަށް ވަކި ޚާއްސަ އެއްޗެއް އުފައްދައިގެން ގެންގުޅުމަކީ އިސްލާމީ ޝަރީޢަތުގެ މިންގަނޑުތަކުން ބަލާއިރު އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، މިސްކިތްތަކުގެ ތެރޭގައި މިހާރު ހުރި މިފަދަ ތަކެތި ނެގުމަށްޓަކައި ސިޓީ ކައުންސިލްތަކުގައި އެދިވަޑައިގަންނަވާނެއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިއީ ކީރިތި ރަސޫލާގެ ޒަމާނުގައާއި، އަސްހާބު ބޭކަލުންނާއި އޭގެ ފަހުން އައި މާތް ތިން ޤަރުނުގެ ތެރޭގައިވެސް ޢަމަލުކޮށްފައިވާ ގޮތެއް ނޫނެވެ. އަދި ސުންނަތުގައިވާ ސުތުރާގެ މަފްހޫމާ ޚިލާފަށް މިފަދަ ޢާދަތައް ފެތުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް އިރުޝާދު ދެއްވީ، ވަކިން ހަދާފައިވާ ތަކެތީގެ ބަދަލުގައި މިސްކިތުގެ ތަނބުތަކާއި ފާރުތައް ފަދަ ތަންތަން ސުތުރާގެ ގޮތުގައި ބޭނުންކުރުމަށެވެ. މިއީ ސުންނަތާ އެންމެ އެއްގޮތް ގޮތް ކަމަށްވެސް ވިދާޅުވިއެވެ. މިގޮތުން ނަމާދުކުރާ މީހާގެ ކުރިމަތިން ހުރަސްކުރުން މަނާކުރެވޭނެ އެކަށީގެންވާ ކޮންމެ އެއްޗެއް ނުވަތަ ތަނެއް ސުތުރާއެއްގެ ގޮތުގައި ބޭނުންކުރުން ހުއްދަވެގެންވެއެވެ.

ފަތުވާ މަޖިލީހުގެ ރައުޔުގައިވާ ގޮތުން، މިފަދަ ޚާއްސަ ސުތުރާތައް ބޭނުންކުރުމަކީ އަލަށް އުފެދިގެން އުޅޭ ކަމަކަށްވާތީ ޢިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުއްޓަސް، ކީރިތި ރަސޫލާގެ ޒަމާނުގައި ސުތުރާގެ ގޮތުގައި ބޭނުންކުރައްވާފައިވަނީ ޢާންމުކޮށް އެހެން ކަންކަމަށް ބޭނުންކުރާ ތަކެތި ކަމަށްވާތީ، ޚާއްސަ ތަކެތި ހަދައިގެން ބޭނުންކުރުން އެދެވިގެން ނުވެއެވެ. މިކަމުގެ ސަބަބުން ދީނުގައި ނެތް އާދަތަކެއް އުފެދި، އާދައިގެ ކަންކަމަށް އިތުރުކުރުމުގެ ފުރުސަތު ބޮޑުވެއެވެ.